ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރަމުންގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކެއް ބަަލައިނުގަތުމަށް އެ ކޯޓުން ނިންމި މައްސަލައިގައި ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުންވެސް ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވާތީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ނިންމަވައިފިއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައެވެ. މި މައްސަލައިގައި ޔާމީނުގެ އިތުރުން، އަހުމަދު ކްރިކް ރިޒާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިޔަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.
މިއަދު މި މައްސަލައިގައި ބޭއްވި އަޑުއެހުމަކީ ޝަރީއަތުގެ ކުރީގެ މަރުހަލާއާ ގުޅޭ އަޑުއެހުމެކެވެ. މިއަދުގެ އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ދައުލަތުން ހުށަހެޅި ހަތް ލިޔުމާއި ދެ ސީޑީ ދައުވާ ލިބޭ ފަރާތްތަކަށް ލިބިފައިވޭތޯ ސާފުކުރައްވައިފައެވެ. އަދި ޔާމީނުގެ ފަރާތުން ހެއްކާ ބެހޭ ގާނޫނުގެ ދަށުން ހުށައެޅި ހުށަހެޅުމަކާއި ދިފާއީ ބައެއް އިތުރު ލިއުންތައް ދައުލަތަށް ލިިބިފައިވޭތޯވެސް ގާޒީ ވަނީ ސާފު ކުރައްވައިފައެވެ.
މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ފަރާތްޕުޅުން ވަނީ، މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމާމެދު ދިފާއަށް ވާހަކަ ދެއްކުމަށް އަލުން ފުރުސަތެއް ދެއްވުމަށް އެދިލައްވައިފައެވެ. ނަމަވެސް ގާޒީ ވިދާޅުވީ، މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމަށް އެ ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ޝަކީލު ނިންމެވި ނިންމެވުމަށް ބަދަލެއް ގެންނަން ޖެހޭނެ ތަނެއް ނެތް ކަމަށެވެ.
ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކެއްގެ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހަވާލާދީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ހަތަރު ހުށަހެޅުމެއް ހުށަހެޅުއްވިއެވެ.
އޭގެ ތެރޭގައި ހިމެނެނީ ވަކި ހެއްކަކީ ޝަރީއަތަށް ގަބޫލުނުކުރެވޭނެ ހެކި ކަމުގައި ކަނޑައަޅައިދިނުމަށް ހުށަހެޅި ހުށަހެޅުމަކާއި ދައުވާ އުފުލުމުގައި ނުވަތަ ދައުވާ ހުށަހަޅާ ފޯމުގައި އުނިކަން ހުރުމުން އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށާއި ދައުވާ ވަކިކޮށްދިނުމަށާއި ގާނޫނުގެ ދަށުން ހެކި ހާމަކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުންތަކެވެ.
ނަމަވެސް އެ ހުށަހަޅުންތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި، ފުއްގިރިއާ ގުޅޭ މައުލޫމާތު ހިމެނޭ ބަޔާންތަކާއި އެ ބަޔާންތަކުގެ އޯޑިއޯ އާއި ވީޑިއޯ ރެކޯޑިން ހާމަކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ފިޔަވައި، އެހެން ހުރިހާ ހުށަހެޅުމެއް ބަލައިނުގަތުމަށް މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ނިންމިއެވެ.
ކުރިމިނަލް ކޯޓުގެ އެ ނިންމުމާ ހިތްހަމަ ނުޖެހިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ކުރިމިނަލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވިއެވެ.
މި މައްސަލައިގައި ހައިކޯޓަށް އިސްތިއުނާފީ ތިން ނުކުތާއެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅުއްވިއެވެ.
އޭގެ ތެރޭގައި ހިމެނެނީ ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތައް ބަލައިނުގަތުމަށް ޔާމީނުގެ ފަރާތުން އެދިފައިވަނިކޮށް، އެ ހެކިތައް ބަލައިނުގަންނަން ޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށް ކުރިމިނަލް ކޯޓުން ނިންމި ނުކުތާ އާއި ހެކި ބަލައިގަތުމާ ގުޅޭގޮތުން އިސްތިއުނާފު ކުރާ ފަރާތަށް މަސްލަހަތު ބޮޑު ފުރުސަތުތަކެއް ހެއްކާބެހޭ ގާނޫނުން ދީފައިވާ އިރު، އަލަށް އަމަލު ކުރަން ފެށި ގާނޫނުގައިވާ ގޮތުން ހެކި ބަލައިގަތުމާ ގުޅޭ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ލިބިދީފައި ނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި ހެކި ހާމަކޮށްދިނުމަށް އެދި ހުށަހެޅުމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އެ ނުކުތާތަކަށް ރިއާޔަތްކޮށް ޔާމީންގެ ފަރާތުން ހައިކޯޓުގައި އެދިފައި ވަނީ، ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި ހިމެނޭ އަހްމަދު އަދީބު އަބްދުލްޣަފޫރާއި އަބްދުالله ޒިޔާތަކީ އަދާވާތްތެރިކަން އޮންނަ ދެމީހުން ކަމަށްވާތީ، ޔާމީންގެ މައްޗަށް ހުށަހަޅާފައިވާ ދައުވާގައި ހެކީގެ ގޮތުގައި އެ ދެމީހުން ބަލައި ނުގަނެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އޭސީސީގެ ތަހުގީގު ރިޕޯޓުގައި ހުރި މައުލޫމާތު ހާމަ ކުރުމަށް އަމުރު ކޮށްދިނުމަށާއި ޓޫރިޒަމް މިނިސްޓްރީ އާއި ރައީސް އޮފީހާއި އެމްއެމްޕިއާރުސީއާ ދެމެދު މުއާމަލާތްކޮށްފައިވާ ސިޓީތަކަކާއި މައުލޫމާތުތަކެއް ހާމަކުރުމަށް އަމުރު ކޮށްދިނުމަށެވެ.
މީގެ އިތުރުން ދަށުކޯޓަށް ހުށަހެޅި ހެކިލިސްޓު ރިވިއުކޮށް، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް އަލުން ހުށަހެޅުމަށް ފުރުސަތު ދިނުމަށް ކުރިމިނަލް ކޯޓަށް އަމުރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.
ނަމަވެސް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން މި މައްސަލަ ބައްލަވައި، ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ދީބާނާޒް ފަހުމީގެ އަޣުލަބިއްޔަތުން، ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު އިއްވެވި ހުކުމުގައި ވަނީ، ޝަރީއަތުގެ ކުރިން ހުށަހަަޅާ ހުށަހެޅުންތަކާ މެދު ކުރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ޔާމީނާއި ކްރިކް ރިޒާގެ ވަކީލުން ވަނީ، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން ގާޒީ ނަދީމް ވިދާޅުވީ، މި މައްސަލައިގައި ދެން އޮންނާނީ ޝަރީއަތް ފެށުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު