Close
ރިޕޯޓް

ސީރިޔާއާމެދު އަރަބީންގެ ވިސްނުން ބަދަލުވީ ކީއްވެގެން؟

އިމާދު ލަތީފު

ސައޫދީ އަރަބިޔާގެ ޖިއްދާގައި އަރަބި ނުވަ ގައުމެއްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއް މިދިޔަ ހުކުރު ދުވަހު ވަނީ ބާއްވައިފައެވެ. މަޝްވަރާގެ އެޖެންޑާގައި އޮތީ ސީރިޔާއެވެ. ހަމައެކަނި ސީރިޔާއެވެ. ސީރިޔާއާއެކު ގުޅުންތައް އަލުން އިއާދަކުރުމުގެ ވާހަކައެވެ. އެކަންކުރާނެ ގޮތުގެ ވާހަކައެވެ. އަރަބި ގައުމުތަކުގެ ޖަމިއްޔާކަމަށްވާ އަރަބި ލީގުގައި ސީރިޔާ އަލުން ބައިވެރިކުރާނެ ގޮތެއް ނިންމުމާއި އެކަމަށް ތާވަލެއް އެކުލަވައިލުމުގެ ވާހަކައެވެ. މިއީ ސައޫދީ އަރަބިޔާ އިސްނަގައިގެން އެގައުމުގެ އެދުމަކަށް ބޭއްވުނު މަޝްވަރާތަކެކެވެ. މި ބައްދަލުވުމުގައި ބައިވެރިވެރިވެފައިވަނީ ގަލްފު ކޯޕަރޭޝަން ކައުންސިލް، ޖީސީސީގައި ހިމެނޭ ހަ ގައުމުގެ އިތުރުން އިރާގާއި ޖޯޑަން އާއި މިސްރެވެ. ޖީސީސީގެ ހަ ގައުމަކީ ސައޫދީ އަރަބިޔާ، ކުވޭތު، އެމިރޭޓްސް، ގަތަރު، ބަހުރައިން އަދި އޮމާނެވެ.

އަރަބި ގައުމުތަކުގެ ޖަމިއްޔާއިން ސީރިޔާ ސަސްޕެންޑް ކުރެވިފައިވަނީ މީގެ 12 އަހަރު ކުރިން 2011 ވަނަ އަހަރުގެ ތެރޭގައެވެ. ޑިމޮކްރަސީއަށް އެދިގެން ރައްޔިތުންކުރި މުޒާހަރާތައް ރޫޅައިލުމަށް ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ގަދަބާރު ބޭނުންކުރުމާއި ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ގައުމު ގެނބިގެންދިޔުމާ ގުޅިގެންނެވެ. އެކަންކަން ހިނގައިދިޔައީ މަޝްހޫރު އަރަބި ރަބީއުގެ ތެރެއިންނެވެ. އެއަށްފަހު ފާއިތުވި ބާރަ އަހަރުގެ ތެރޭގައި ރައީސް ބައްޝާރު ހުންނެވީ އަރަބީންގެ ފޯރަމްތަކުން އެކަހެރި ކުރެވިފައެވެ. ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި މިލިޔަނަކަށްވުރެ ގިނަ މީހުން ފަނާވެއްޖެއެވެ. އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ގެދޮރުން ބޭރުވެއްޖެއެވެ. ސީރިޔާ މުޅިން ސުންނާފަތި ވެއްޖެއެވެ. އެކަމަކު ވެރިކަން ބަދަލެއް ނުކުރެވުނެވެ.

ސީރިޔާ އެކަހެރިކޮށް ރައީސް ބައްޝާރަށް އަދަބު ދިނުމަށް އެންމެ ބޮޑަށް ބާރުއަޅައި އެކަމަށް މަސައްކަތްކުރީވެސް ސައޫދީ އަރަބިޔާއިންނެވެ. އަދި މިހާރު އެ އެކަހެރިކަން ނިމުމަކަށް ގެނެސް އަރަބީންގެ ސަފަށް ސީރިޔާ އަލުން ގެނައުމަށް އިސްވެ އެންމެ ބޮޑަށް މަސައްކަތްކުރާ ގައުމަކީވެސް ސައޫދީ އަރަބިޔާއެވެ. މިބަދަލުގެ މައިގަނޑު ސިއްރަކީ ކޮބައިބާވައެވެ؟ ސަބަބުތައް ބައިވަރެވެ. ޗައިނާގެ މެދުވެރިކަމުގެ ދަށުން އީރާނާއި ސައޫދީ އަރަބިޔާގެ މެދުގައި ދާދިފަހަކުން ގާއިމު ކުރެވުނު ގުޅުންތަކަކީ އެއް ސަބަބެވެ. އީރާނަކީ ރައީސް ބައްޝާރުލް އަސަދުގެ އެންމެ ގާތް ބައިވެރިޔާއެވެ. އެހެންވީމާ ސީރިޔާއާމެދު އާ ވިސްނުމަކާއި އާ ސިޔާސަތެއް ގެންގުޅެން ސައޫދީންނަށް ލާޒިމުވީއެވެ. މަޖުބޫރުވެސްވީއެވެ. ކުރީގެ ހަތުރުވެރިކަން ދެމެހެއްޓުމުގެ މާނައެއް ނެތުނީއެވެ.

ސައޫދީ ސަރުކާރުގެ ދައުވަތަކަށް ސީރިޔާގެ ޚާރިޖީވަޒީރު ފައިސަލް މިގުދާދު ވަނީ ހުސްވި ހަފުތާގެ ބުދަ ދުވަހު ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒަށް ވަޑައިގެންފައެވެ. ދެކެވުނު ވާހަކަތަކާއި ކުރެވުނު މަޝްވަރާތަކަށްފަހު ވަރަށް އަވަހަށް އެއްބަޔަކު އަނެއްބައެއްގެ ވެރިރަށުގައި އެމްބަސީތައް އަލުން ހުޅުވުމަށާއި ވައިގެ ދަތުރުފަތުރުތައް އަލުން ފެށުމަށާއި އެޔާ ގުޅުންހުރި އެހެނިހެން ހިދުމަތްތައް ފެށުމަށްވެސް ވަނީ އެއްބަސްވެފައެވެ. އަރަބި ނުވަ ގައުމެއްގެ ވަޒީރުން ޖިއްދާގައި ބޭއްވެވި ބައްދަލު ކުރެއްވުން އައިސްފައި މިވަނީ ސީރިޔާގެ ހާރިޖީ ވަޒީރު ފައިސަލް މިގުދާދުގެ މިދަތުރުފުޅާ ވިދިގެންނެވެ. ދެކެވުނު ވާހަކަތަކާއި ކުރެވުނު މަޝްވަރާތަކުގެ އަލީގައެވެ. ކަންކަން ބަދަލުވަމުން ފުރޮޅެމުން މިދަނީ ވަރަށްވެސް ހަލުވި ސްޕީޑެއްގައެވެ. ބަޔަކު މީގެކުރިން ހީވެސްނުކުރާހާ އަވަސް ދުވެއްޔެއްގައެވެ.

އަރަބި ގައުމުތަކުގެ ޖަމިއްޔާކަމަށްވާ އަރަބި ލީގަކީ ޖުމްލަ ބާވީސް ގައުމުގެ މައްޗަށް އެކުލެވިގެންވާ ޖަމިއްޔާއެކެވެ. އަރަބި ލީގުގެ ބައްދަލުވުމެއް އެންމެ އަވަހަށްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް މެއި މަހުގެ ތެރޭގައި، ސައޫދީ އަރަބިޔާގައެވެ. އޭގެކުރިން އަރަބިލީގުގެ މެންބަރުކަން ސީރިޔާއަށް އަލުން ރުޖޫއަކޮށްފާނެ ބާވައެވެ. ތާރީހާއި ދުވަސް އެއޮތީ ނުހަނު ގާތުގައެވެ. އެހެންވީމާ އެހިސާބަށް އަދި ހުރިހާ ކަމެއް ނުކުރެވިދާނެއެވެ. ނުނިންމިދާނެއެވެ. އެހެންވީމާ ގިނަ ގައުމުތަކުގެ ވިސްނުން މިހާރު ހުރިކަމަށް ފެންނަނީ މިއަހަރު ނިމުމުގެ ކުރިން ސީރިޔާގެ ކަންތައް ކޮޅެއްގައި ޖެއްސުމަށެވެ. އަދި ޔަމަނުގެ ދާހިލީ ހަނގުރާމައަށްވެސް މިއަހަރު ނިމުމުގެ ކުރިން ނިމުމެއް ގެނައުމަށެވެ. ސަރަހައްދީ އިތުރު މައްސަލަތަކަށްވެސް އަވަސް ނިމުމެއް ގެނައުމަށެވެ.

ސައޫދީ އަރަބިޔާގެ ސިޔާސަތު ބަދަލުވުމުގެ އެންމެ ބޮޑު ސަބަބަކީ ބޮޑުވަޒީރު އަދި ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާނު އެކަށައަޅުއްވައިފައިވާ ވިޝަން 2030 މަޝްރޫއެވެ. މިއީ ސައޫދީ އަރަބިޔާގެ އިގުތިސޯދު އާގޮތަކަށް ސިންދަފާތުކޮށް، ތެލަށް ބަރޯސާކުރުން ކުޑަކޮށް އިންވެސްޓްމަންޓަށް ހުޅުވައިލުމުގެ މަހާ މަޝްރޫއެކެވެ. ވަށަވަށައިގެން އަދާވާތްތެރިން ތިބެފައި، ސަރަހައްދަކީ ނާމާން ބިރުވެރި ސަރަހައްދަކަށް ވަންޏާ އިންވެސްޓަރުން ގާތެއް ނުވާނެއެވެ. އެހެންވީމާ މަގުސަދަކީ އެންމެ ފުރަތަމަ ސަރަހައްދު އަމާންކޮށް ދުޝްމަނުން މިތުރުންނަށް ހެދުމެވެ. އީރާނާ ގުޅުން ގާއިމުކުރެވުނީ އެހެންވެގެންނެވެ. ސީރިޔާއާ ގުޅުން ގާއިމުވުމުގެ ސިއްރަކީވެސް އެއީއެވެ. ޔަމަނުގެ ހަނގުރާމަ ހުއްޓުވައި، ހޫސީންނާއެކު ސުލްހައިގެ މަޝްވަރާތައް ފަށައި، އަސީރުން ބަދަލުކުރެވުނީވެސް އެހެންވެގެންނެވެ.