ސްޕެނިޝް ލަލީގާގެ އެއްވަނަ މަގާމުގައި އޮތް ބާސެލޯނާއިން ރޭ ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރު ވެއްޖެއެވެ.
ރޭ ރަށުން ބޭރުގައި ބާސާއިން ގޯލެއް ނުޖެހި އެއްވަރު ވެފައިވާ އިރު، އެޓީމުން އެންމެފަހުން ލީގުގައި ކުޅުނު ދެ މެޗުވެސް މިވަނީ އެއްވަރުވެފައެވެ. ޖެހިޖެހިގެން ދެމެޗުން ބާސާ އެއްވަރުވި ނަމަވެސް، އަދިވެސް ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ބާސާއާ އަރާ ހަމަކުރަން ބޮޑު ފަރަގެއް އެބައޮތެވެ. އެއީ 11 ޕޮއިންޓުގެ ފަރަގެކެވެ.
ބާސެލޯނާ އަށް 29 މެޗުން 73 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 29 މެޗުން 62 ޕޮއިންޓް ލިބިފައެވެ. ލީގުގައި ބާސާއަށް ބާކީ ނުވަ މެޗު އޮތް އިރު، މިހާރު އޮތް ޕޮއިންޓުގެ ފަރަގާއެކު އެޓީމަށް ލީގު ލިމުގެ ފުރުސަތު އަދިވެސް ބޮޑެވެ.
ރޭގެ މެޗުގައި ބާސާއިން ގޯލެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާ އިރު، މެޗުގެ ފުރަތަމަ ހާފުގައި ރަފީނިއާ އާއި އަލެހާންޑްރޯ ބާލްޑޭ ޖެހި ބޯޅަތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ އިތުރުން ދެވަނަ ހާފުގައިވެސް ރަފީނިއާއަށް އިތުރު ފުރުސަތެއް ލިބި އޭނާ އަތުން ވަނީ ބޭކާރު ވެފައެވެ.
ރޭގެ މެޗުގައި ބާސާގެ ޑިފެންޑަރު ސާޖިއޯ ރޮބާޓޯއަށް އަނިޔާވެ އޭނާ ބަދަލުކުރަން ޖެހިފައިވެއެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން، ކްލަބުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ ވިނަގަނޑު މާ ބޮޑަށް ހިކިފައި އޮތުމުން، ރަނގަޅަށް ޕާސް ޖަހަން އުނދަގޫވި ކަމަށާއި އެ ވާހަކަ ދައްކަނީ ބަހަނާ ދައްކަން ނޫން ކަމަށެވެ.
"ދަނޑު މައްސަލައިގައި އަހަރެމެންނަށް ކުޅެން އުނދަގޫވި. މިކަހަލަ ކަމަކަށް އުންމީދުވެސް ކުރިން އަސްލު، އެހެންވެ ހޮނިހިރު ދުވަހު ފަރިތަކުރީވެސް ވަރަށް ބޮޑަށް ޑަރައި ޕިޗެއްގައި. ބެލުންތެރިންނަށްވެސް ރޭގެ ދަނޑުގައި ކުޅޭތަން ބަލަން އުނދަގޫވާނެ. ބޯޅަ ރަނގަޅަށް ޕާސްކުރާކަށް ފުރުސަތެއް ނުލިބޭ. ބޯޅަ ދަނޑުގައި ހަރުލާގޮތްވި،" ޒަވީ ބުންޏެވެ.
"މެޗު އެއްވަރުވުމުން ދައްކާ ބަހަނާއަކަށް ދަނޑުގެ ވިނަގަނޑު ހަދާކަށް ނެތިން. އެހެން ނަމަވެސް އެ ހާލަތު އެންމެނަށްވެސް ފެންނާނެ. މިކަހަލަ ކަންކަމަށް ޓީމު ހޭނެންވެސް ޖެހޭ،" ޒަވީ ރޭ ބުންޏެވެ.
ބާސާއިން ދެން ލީގުގައި ކުޅެން ޖެހޭނީ މިވަގުތު ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.