ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެފްއޭއެމްގެ ވެޓެރަންސް މުބާރާތް، ސްޓެލްކޯ ވެޓެރަންސް ލީގު 2023ގެ ސެމީ ފައިނަލުގެ ކުރިމަތިލުންތައް ޔަގީން ވެއްޖެއެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އަންނަ އަންގާރު ދުވަހު ކުޅުމަށް ތާވަލުކޮށްފައިވާ އިރު، އިއްޔެ ކުއާޓާ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށް ސެމީއަށް ދިޔައީ ހުއްރިއްޔާ ވެޓެރަންސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އަދި މިއަދުގެ މެޗުތައް ކާމިޔާބުކޮށް ސެމީއަށް ދިޔައީ އެންމެފަހުގެ ފައިނަލުގައި ކުޅުނު ހުޅުމާލެ ވެޓެރަންސްއާއި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އެވެ.

އިއްޔެ ހަވީރު ހުއްރިއްޔާއިން ސެމީ ޔަގީންކުރީ ދިވެހި ސިފައިންގެ ކްލަބު ކައިރިން ޕެނަލްޓީގައި މޮޅުވެގެންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ގޯލެއް ނުޖެހި އެއްވަރުވި އިރު، ޕެނަލްޓީ ޖަހައިގެން ހުއްރިއްޔާ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

އިއްޔެ ހަވީރު ޓާފް ދޭއްގައި ކުޅުނު ކުއާޓާގައި ހުއްރިއްޔާގެ ހުސެއިން ނަސީރު، ހަސަން ނަދީމް އަދި މައުސޫމް އަބްދުލް ގަފޫރު (މާސޭ) ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ސިފައިންގެ ޓީމުގެ މުހައްމަދު ވާސިފް ޖެހި ޕެނަލްޓީ ކާމިޔާބުވި ނަމަވެސް، ދެން ޖެހި ތިން ޕެނަލްޓީ ވެސް ކާމިޔާބެއް ނުވިއެވެ.

ޓާފް އެއް ނަންބަރުގައި އިއްޔެ ކުޅުނު މެޗުގައި ދަ ގްރާންޑޭއިން ނިއު ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އިއްޔެގެ މެޗުގެ ފުރަތަމަ ހާފު ގޯލެއް ނުޖެހި އެއްވަރުވެފައިވާ އިރު، ދެވަނަ ހާފުގެ އަށްވަނަ މިނެޓުގައި ދަ ގްރާންޑޭއިން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ދަ ގްރާންޑޭގެ ކެޕްޓަން އަހުމަދު ޝަކީބެވެ.

މެޗުގައި ނިއުއިން އެއްވަރުކުރި ގޯލު ޖެހީ މުހައްމަދު ނިޒާމް (ތޮއްޑޫ) އެވެ. އެއީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.

މެޗު އެއްވަރުވާން ދަނިކޮށް، ގްރާންޑޭއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީވެސް ޝަކީބެވެ. ގްރާންޑޭގެ ތިންވަނަ ގޯލަކީ އަބްދުﷲ ވަހީދު (ބިންމާ އައްލޯ) ޖެހި ގޯލެކެވެ.

ސޮކަ މޭޓްސްއިން ސެމީ ޔަގީންކުރީ މިއަދު ކުޅުނު ކުއާޓާ ފައިނަލް މެޗުގައި 1-0 އިން ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ. ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ސޮކަ މޭޓްސްގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ އެވެ.

ޓާފް ދެ ނަންބަރު ދަނޑުގައި ކުޅުނު މެޗުގައި ހުޅުމާލެ ވެޓަރަންސްއިން 2-1 އިން ޕޮލިސް ކްލަބު ބަލިކޮށް، ސެމީގެ ޖާގަ ޔަގީންކުރި އިރު، ހުޅުމާލޭގެ ގޯލުތައް ޖަހައިދިނީ ކެޕްޓަން އިސްމާއިލް މުހައްމަދު (އިއްސެ) އާއި ހުސެއިން ޝިމާޒް (ކޮކީ) އެވެ. ޕޮލިސް ކްލަބުގެ ހަމައެކަނި ގޯލު ޖަހައިދިނީ މަހުމޫދު ޒަމީމެވެ.

ސެމީ ފައިނަލް މެޗުތައް އަންގާރަ ދުވަހު ކުޅުމަށް ފަހު، ފައިނަލް މެޗު ޝެޑިއުލްކޮށްފައި އޮތީ މިމަހު 20 ވަނަ ދުވަހު ހަވީރަށެވެ.