ރޯދަ މަހަށް ހާއްސަކޮށްގެން ބާއްވާ އެފްއޭއެމް ވެޓެރަންސް ކަޕްގެ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށްފިއެވެ.

މިދިޔަ އަހަރުތަކުގައިވެސް ވެޓެރަންސް ކުޅުންތެރިންނަށް ހާއްސަކޮށް ރޯދަ މަހު ވެޓެރަންސް ކަޕް ބާއްވަމުން އަންނަ ނަމަވެސް، އެއީ އެފްއޭއެމްއިން ބާއްވާ މުބާރާތްތަކެއްގެ ގޮތުގައެވެ. އެފްއޭއެމްއަށް ދިމާވި މައްސަލަތަކުގެ ސަބަބުން އެ އިދާރާއިން ވެޓެރަންސް މުބާރާތްވެސް އަމިއްލަ އިސް ނެގުމާއެކު ނުބާއްވާތާ މިހާރު ވަނީ 15 ވަރަކަށް އަހަރުވެފައެވެ. އެހެން ނަމަވެސް، މިފަހަރު މުބާރާތް ބާއްވަނީ ސީދާ އެފްއޭއެމްއިންނެވެ.

މިފަހަރުގެ މުބާރާތުގައި 10 ޓީމަކުން ވާދަކުރާ އިރު، ގްރޫޕް އޭގައި ހިމެެނެނީ، ދަ ގްރާންޑޭ، މުއިވެޔޮ ފްރެންޑްސް ކްލަބް، ދިވެހި ސިފައިންގެ ކުލަބް، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް އަދި ވިލިމާލެ ޔުނައިޓެޑެވެ.

ގްރޫޕް ބީގައި ހިމެނެނީ، ޔުނައިޓެޑް ވިކްޓްރީ، ހުއްރިއްޔާ ސްޕޯޓްސް ކުލަބް (ހުރާ)، ހުޅުމާލެ ވެޓެރަންސް ކުލަބް، ބުރު ސްޕޯޓްސް ކުލަބް އަދި ޕޮލިސް ކުލަބެވެ.

މިއަދު ކުޅުނު މެޗުގައި ނިއުގެ ގޯލްތައް ޖަހައިދިނީ އަލީ އުމަރު (އައްޔަ) އާއި އަހުމަދު ނިޔާޒް (ނިޔާ)އެވެ. އެ ދެގޯލްވެސް ފެނިގެން ދިޔައީ ގާތް ގާތުގައެވެ.

ވެޓެރަންސް މުބާރާތުގައި މިއަދު އޮންނާނީ މުއިވެޔޮއާއި ދިވެހި ސިފައިންގެ ކްލަބް ވާދަކުރާ މެޗެވެ.