ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ ޗެމްޕިއަންކަން މިއަހަރުވެސް ހުޅުމާލެ ވެޓެރަންސް ހޯދައިފިއެވެ.

މިއީ ހުޅުމާލެ ވެޓެރަންސްއިން ޖެހިޖެހިގެން މުބާރާތް ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުން ވަނީ 2022، 2023 އަދި 2024 ވަނަ އަހަރު މުބާރާތް ކާމިޔާބުކޮށް، ތަށި މިލްކު ކޮށްފައެވެ.

މިއަހަރުގެ ފައިނަލު އިއްޔެ ހަވީރު ކުޅެފައިވާ އިރު، ފައިނަލުގައި ހުޅުމާލެ ވާދަކުރީ ވިލިމާލެ ޔުނައިޓެޑާ ދެކޮޅަށެވެ. ފައިނަލް މެޗު ހުޅުމާލެ ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ކުޅުނު ފައިނަލުގައި ހުޅުމާލެއިން ފުރަތަމަ ލީޑު ނެގީ މެޗުގެ 35 ވަނަ މިނެޓުގައެވެ. އަލީ ރިޝްވާން އަހުމަދު ގޯލު ޖަހައި އެޓީމަށް ލީޑު ނަގައިދިން އިރު، އެޓީމުން ތަށި ޔަގީންކުރީ ފަރުހާދު އިސްމާއީލް (ފަރޭ) ޖެހި ގޯލާއެކުގައެވެ.

ހުޅުމާލެއާއި ވިލިމާލެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި ވިލިމާލެ މޮޅުވި ނަމަވެސް، އިއްޔެ ފައިނަލުގައި އަނެއްކާވެސް ހުޅުމާލެ ތަފާތު ދެއްކިއެވެ.

އިއްޔެ ހަވީރު ކުޅުނު ވެޓެރަންސް މުބާރާތުގެ ފައިނަލުގައި ހުޅުމާލެއާއި ވިލިމާލެ ވާދަކުރި މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މިއަހަރު ވެޓެރަންސް މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ވިލިމާލޭގެ ކީޕަރު މުހައްމަދު ސިނާން (ނާނި) ހޮވުނު އިރު، އެންމެ މޮޅު ކޯޗަކީ ހުޅުމާލޭގެ އަބްދުﷲ ޝިފާއު އެވެ. ފެއާ ޕްލޭ ޓީމަކަށް ޕޮލިސް ކްލަބު ހޮވުނު އިރު، އެންމެ މޮޅު ކުޅުންތެރިޔަކީ ހުޅުމާލޭގެ ހުސައިން ޝިމާޒް (ކޮކީ)އެވެ.

ވެޓެރަންސް ލީގުގައި 10 ޓީމަކުން ވާދަކޮށްފައިވާ އިރު، އިއްޔެގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލެވެ.