ހުޅުމާލޭގައި މީގެ ތިން އަހަރު ކުރިން ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ގާސިމް ހަސަން, 59, ގެ މަރާލި މައްސަލައިގައި ދައުވާކޮށްފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު މަރާލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އދ. މާމިގިލީ، ގާސިމް ހަސަން، ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވައި ފެނުނީ 4 ޑިސެމްބަރު 2019 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ މަރާލާފައި އޮއްވައި ފެނިފައި ވަނީ ހުޅުމާލޭގައި އާންމުކޮށް މީހުން ދިރިނޫޅޭ، އަނދިރި ސަރަހައްދެއްގައި އޮންނަ މަގެއް ކަމަށްވާ ރީތިގަސްމަގުގައެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި ގާސިމަށް އަދުހަމް ހަމަލާދިނީ އޭނާގެ އަތުން ފޭރެން އުޅުމުގެ ތެރޭގައެވެ.
ގާސިމް މަރާލި މައްސަލައިގައި ދައުލަތުން އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާއަށް އަދުހަމް ކުރިން އެއްބަސްވުމަށްފަހު، ފަހުން އޭނާ ބުނެފައިވަނީ ހަމަލާދެވުނީ ގަސްދެއް ނެތި ކަމަށެވެ. އަދި ހަމަލާދެވުނީ މަސްތުވެގެން ހުއްޓައި ކަމަށް ވެސް އަދުހަމް ބުނެފައިވެއެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި ހުކުމް އިއްވުމުގެ އަޑުއެހުމުގައި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި މަނާކުރުމުގެ ގާނޫނާ ހަވާލާދީ، އަދުހަމްގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅަން މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވީ، ގާސިމްގެ ވާރިސުންގެ ގޮތުގައި މި ވަގުތު ތިބި ގާސިމްގެ ފަސް ދަރިން އަދުހަމްގެ ކިބައިން މަރަށް މަރު ހިފުމަށް އެދޭތީއެވެ.
ގާޒީ ވިދާޅުވީ، ގާސިމަށް ވަޅިން ހަމަލާދިން ސަބަބާ ގުޅޭގޮތުން އަދުހަމްގެ ބަސް އެކި ފަހަރު ތަފާތުވިނަމަވެސް ކޮންމެ ފަހަރަކުވެސް ވަޅި ހެރި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައިވާތީ ވަޅި ހެރިކަމާ މެދު ޝައްކެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާސިމަށް ހަމަލާދިނުމުގައި މަރާލުމުގެ ގަސްދެއް ނެތް ކަމަށް އަދުހަމް ބުނެފައިވާ އިރު، އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނަނީ ބޭނުންކުރި ހަތިޔާރާއި ހަމަލާ އަމާޒު ކުރެވުނު ގުނަވަނަށް ބަލައިގެން ކަމަށެވެ.
އެގޮތުން ވަޅިއެއް މީހެއްގެ ކަރަށް އަމާޒު ކުރުމަކީ މެރުމުގެ ނިޔަތް އޮތްކަން ދެނެގަނެވޭނެ ކަމެއް ކަމަށާއި ހަމަލާއަށް ފަހު ގާސިމް އެހީއަށް އެދި ގޮވަމުންވެސް އެހީނުވެ ކުށުގެ ވެށިން ފިލާފައިވާތީ އެއީ ވެސް މެރުމުގެ ގަސްދު އޮތްކަން ދަލީލުކޮށްދޭ ކަމެއް ކަމަށާއި ގާސިމް މަރާލީ އެއްވެސް ހައްގަކައި ނުލައި ކަމަށެވެ.
ޚަބަރު
ޚަބަރު