ސިނގިރޭޓް ފިލްޓަރު ނިއްވާނުލައި އެއްލައިލުމުގެ ސަބަބުން ހިޔާގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިހުމާލުވާ ފަރާތްތަކުގެ އަތުން ފުލެޓު އަތުލާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
ހިޔާ ފުލެޓުގެ ހަތްވަނަ ޓަވަރުގެ އެޕާޓްމެންޓެއްގައި މިރޭ ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. އަލިފާން ރޯވެފައިވަނީ އެ އެޕާޓްމެންޓުގެ ބެލްކަނީގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
އެކަމާ ގުޅިގެން އާބަންކޯ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ހިޔާގެ ފުލެޓުތައް ދޫކޮށްފައިވަނީ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެއްބަސްވުމުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭނެ ފަދަ އެއްވެސް އަމަލެއް ކުރުމާއި އުނދަގޫވާނެ ކަންކަން ކުރުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވާނެ ކަމަށް އާބަންކޯއިން ބުންޏެވެ.
މީގެ އިތުރުން ސިނގިރޭޓު ބުއިމާއި، އަލިފާން ރޯކުރުމާއި، އިމާރާތަށް ގެއްލުން ދިނުން، ބެލްކަނީގައި ނުވަތަ ކޮރިޑޯގައި ވޭޕްކުރުމާއި ސިނގިރޭޓު ބުއިން އަދި އަޅި ކެނޑުމަކީވެސް އެއްބަސްވުމުގެ ދަށުން މަނާކަމެއް ކަމަށް އާބަންކޯއިން ބުންޏެވެ. އެކަންކަމާ ހިލާފުވާ ފަރާތްތަކަށް އެއްބަސްވުމުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް އާބަންކޯއިން ބުންޏެވެ.
"އެއްބަސްވުމާ ހިލާފުވެފައިވާ މިންވަރަށް ބަލައި 1،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމާނާ ކުރެވޭނެ. މިފަދަ ހާދިސާތައް ތަހުގީގުކުރުމަށްފަހު ރައްޔިތުންގެ ސަލާމަތަށް އިހުމާލުވެފައިވާ ފަރާތްތަކުގެ ޔުނިޓް އަތުލުމުގެ ފުރުސަތުވެސް އޮންނާނެއެވެ..،" އާބަންކޯއިން ބުންޏެވެ.
މި ރޯދަ މަހު ހިޔާގައި ހިނގި އަލިފާނުގެ ދެ ހާދިސާއަކީ ބައެއްގެ އިހުމާލުން ހިނގި ހާދިސާއެއްކަން ކުންފުނިން ބެލިބެލުމުން އެނގިފައިވާ ކަމަށާއި އަދި މިއީ އިހުމާލުގެ ސަބަބުން ހިނގި ދެވަނަ ހާދިސާ ކަމަށް އާބަންކޯއިން ބުންޏެވެ. އެ ދެ ހާދިސާވެސް ހިނގާފައިވަނީ މި ރޯދަ މަހު ކަމަށާއި ދެ ހާދިސާ ހިނގީ ސިނގިރޭޓު ފިލްޓަރު ނިއްވާނުލައި އެއްލައިލުމުގެ ސަބަބުންކަމަށް އާބަންކޯއިން ބުންޏެވެ.
އާބަންކޯއަށް އަބަދުވެސް މުހިންމުވަނީ އަދި އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށް އެ ކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު