އެމްޑީޕީ ފުނޑުފުނޑުކޮށްލަން ފުރުސަތު ނުދެއްވާނެ ކަމަށާއި އިހުތިރާމު ކުރުމުގެ ބެލޭނީ ވަކި ހިސާބަކަށް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ނުސީދާ ރައްދެއް ދެއްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފައްޔާޒް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އެމްޑީޕީއަށް ގުރައިދޫ ދާއިރާގެ ގޮނޑި ގެއްލުވާލުމަށް ދާއިރާގެ މެންބަރުންނާ ގުޅައި ޕާޓީގެ ޓިކެޓަށް ވޯޓު ނުދިނުމަށް ކުރަމުންދާ މަސައްކަތް އެންމެ ހަރުކަށި ބަހުން ކުށްވެރިކުރައްވާ ކަމަށެވެ.

"ރިޔާސީ ޓިކެޓާ ގުޅިގެން އުފެދިފައިވާ ތުންފިއްތުން މިހާރު މުޅިން އެހެން ހިސާބަކަށް ގޮސް، ގަސްތުގައި ޕާޓީ ފުނޑުފުނޑުކޮށްލަން ކުރާ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބުޔާބުވިޔަ ނުދޭނަން. އިހުތިރާމު ކުރުމުގެ ގޮތުން ބެލޭނީ ވަކި ހިސާބަކަށް،" ފައްޔާޒްގެ މެސެޖުގައި ވިދާޅުވިއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒްގެ ކެމްޕޭނުގައި ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުން ބައިވެރިއެއް ނުވެއެވެ. އެ ކެމްޕޭނުގައި ބައިވެރިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާ މެންބަރުންނެވެ. ދާދިފަހުން ރައީސް ސޯލިހު ވެސް ވަނީ ޝާޒްގެ ކެމްޕޭނަށް ކ. ގުރައިދޫ އާއި ގުޅި އަދި މާފުއްޓަށް ވަޑައިގެންފައެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ނަޝީދު މަސައްކަތްކުރައްވަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއެކުއެވެ. ނަޝީދާއެކު އެމަނިކުފާނުގެ މަންދޫބުން ވެސް ގެންދަވަނީ ޖުމްހޫރީ ޕާޓީގެ ބޭފުޅުންނާއެކު ގިނަ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް ސޯލިހަށް ތާއިދުނުކުރައްވާނެ ކަމަށް ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ވިދާޅުވެފައިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވަކިން ވާދަކުރާނެ ކަމަށާއި އެހެންކަމުން ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ފާސްކޮށްފައިވަނީ އެ ޕާޓީން ބޭއްވި ގައުމީ ކޮންފަރެސްގައެވެ. އަދި ޕާޓީގެ ލީޑަރު ގާސިމަށް ވަނީ ރިޔާސީ ޓިކެޓު ހަވާލުކޮށްފައެވެ.

އެ ޕާޓީން ވަނީ އެމްޑީޕީ، އަދާލަތު ޕާޓީ އަދި އެމްޑީއޭ ފިޔަވައި ހުރިހާ ސިޔާސީ ޕާޓީތަކަށާއި، ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ބޭފުޅުންނަށް ކޯލިޝަން ހެދުމުގެ ދައުވަތު ފޮނުވައިފައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމަށް އެ ފަރާތްތަކުން އަދި އެއްބަސްވެފައެއް ނުވެއެވެ.