ޔޫއެފާ ޔޫރޮޕާ ލީގު

ބައިކޮޅަށް ވަން ދެ ގޯލާއެކު ސެވިއްޔާ ކައިރިން ޔުނައިޓެޑް އެއްވަރު، ޔުވެންޓަސްއަށް މޮޅެއް

ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު މެޗުގެ ފަހުކޮޅުގައި މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރުން ކަމަށްވާ، ޓައިރަލް މަލާޝިއާއާއި ހެރީ މެގުއާ އަތުން ބައިކޮޅަށް ވަން ގޯލުތަކާއެކު ސެވިއްޔާއާ އެއްވަރުވެއްޖެއެވެ.

އަނިޔާގައި ހުރި މުހިއްމު ކުޅުންތެރިޔާ މާކަސް ރަޝްފޯޑާ ނުލައި، އަމިއްލަ ދަނޑުގައި ރޭ ޔުނައިޓެޑުން ސެވިއްޔާއާ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑުން ދެ ގޯލުގެ ލީޑެއް ނަގައި ކުޅެމުން ދިޔަ ނަމަވެސް، މެޗު ނިމިގެން ދިޔައީ އެޓީމަށް މާޔޫސީ ނަތީޖާއަކުންނެވެ.

ރޭގެ މެޗު ރަނގަޅަށް ފެށި ޔުނައިޓެޑުން ވަނީ 14 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. ޔުނައިޓެޑަށް ލީޑު ނަގައިދިނީ ފިނި މޫސުމުގައި އެޓީމަށް ލޯނު އެއްބަސްވުމެއްގައި ގެންދިޔަ މާސެލް ސަބިޓްސްޒާއެވެ. ސަބިޓްސްޒާގެ ފުރަތަމަ ފުރަތަމަ ގޯލަށް މާ ގިނައިރެއް ނުވެ، މެޗުގެ 21 ވަނަ މިނެޓުގައި އޭނާގެ ދެވަނަ ގޯލަކާއެކު ޔުނައިޓެޑުން ލީޑު ފުޅާވެސް ކޮށްފައިވެއެވެ.

ޔުނައިޓެޑުން މެޗުގައި ލީޑު އިތުރަށް ފުޅާކޮށް، ސެމީ ފައިނަލާ ގާތަށް ޖެހިލަން ކުރި މަސައްކަތުގައި އެންޓޮނީ ޖެހި ބޯޅައެއް ގޯލުގެ މަތީ ދަނޑިއަށްވެސް އަމާޒުވެފައިވާ އިރު، ދެވަނަ ހާފަށް ނުކުމެ ސެވިއްޔާއިން މަޑުމަޑުން މެޗު ތެރެއަށް ވަނެވެ.

ސެވިއްޔާއިން މެޗަށް އަނބުރައި ވަނުމަށް ކުރި މަސައްކަތުގައި 84 ވަނަ މިނެޓުގައި އެޓީމުން ޖެހި ފުރަތަމަ ގޯލަކީ އަރިމަތިން ޖީސަސް ނަވާސް ނަގައިދިން ހުރަސް، މަލާޝިއާ ފައިގައި ޖެހި މިސްރާބު އޮޅިގެން ވަން ގޯލެކެވެ.

އެ ގޯލާއެކު ހިތްވަރު އާކޮށް ކުޅެމުންދިޔަ ސެވިއްޔާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އިތުރު ވަގުތުގެ ތެރޭގައެވެ. އޭރިއާ ތެރެއަށް އައި ބޯޅައަކަށް މޮރޮކޯ ފޯވަޑް ޔޫސުފް އައް ނަސޭރީ ފުއްމައިގެން އަރައި ޖެހި ބޯޅަ ގޯލާ އަމާޒުނުވެ ދަނިކޮށް، މެގުއާ ބޮލުގައި ޖެހި މިސްރާބު ބަދަލުވެގެން ގޮސް ވަނީ ގޯލުގެ ތެރެއަށެވެ.

ރޭގެ މެޗުގައި ޔުނައިޓެޑްގެ އިތުބާރު ޑިފެންޑަރު ލިސާންޑްރޯ މާޓިނޭޒާއި ރަފޭލް ވަރާންއަށްވެސް އަނިޔާވެގެން ބާލަން ޖެހިފައިވާ އިރު، ބްރޫނޯ ފެނާންޑޭޒްއަށް ދެއްކި ރީނދޫ ކާޑާއެކު އޭނާ ވަނީ ދެވަނަ ލެގަށް ސަސްޕެންޑް ވެފައެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގެ އިތުރު މެޗުތައްވެސް ރޭ ކުޅެފައިވާ އިރު، ޔުވެންޓަސްއިން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ސްޕޯޓިން ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކަހަލަ ގޮތަކަށް ޔުވެންޓަސްގެ ގޯލްކީޕަރު ވޮޝެކް ޝެޒްނީގެ މޭގައި ރިއްސާތީ އޭނާ ބާލަން ޖެހިފައިވާ އިރު، ބަދަލަށް ނުކުތީ މަޓިއާ ޕެރިންނެވެ. މެޗަށްފަހު ޔުވެންޓަސްއިން ވާހަކަ ދައްކަމުން ބުނީ ޝެޒްނީގެ މެޔަށް ތަދެއް އެރުމުން މެޗުން ބަލައި ޓެސްޓުތައް ހެދި ކަމަށާއި، ސިއްހީ މައްސަލައެއް ފާހަގަވެފައި ނުވާ ކަމަށެވެ.

ޔުވެންޓަސްއިން މެޗުގައި ޖެހި ހަމައެކަނި ގޯލު، 73 ވަނަ މިނެޓުގައި ޖަހައިދިނީ ފެޑެރީކޯ ގައްޓީއެވެ.

ރޭގެ މެޗުގެ ފަހު ފަސް ވަރަކަށް މިނެޓަށް ޕައުލް ޕޮގްބާ ވަނީ ކުޅެން ނުކުމެފައެވެ. އޭނާ ޔުވެންޓަސްގެ މެޗުތަކުގައި ބަދަލަކަށް ނުކުންނަމުންދާ އިރު، ޕޮގްބާ އަލުން އަނބުރާ ކުޅުމަށް ނުކުންނަމުން މިދިޔައީ އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ކުޅުމާ ދުރުގައި ހުރުމަށްފަހުއެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ރޯމާއިން ރަށުން ބޭރުގައި ފެޔެނޫޑް އަތުން 1-0 އިން ބަލިވެފައިވާ އިރު، ބަޔާން ލެވަކޫސަން ވަނީ އަމިއްލަ ދަނޑުގައި ޔޫނިއަން ސެއިންޓް ގިލިއޮސް ކައިރިން 1-1 އިން އެއްވަރުވެފައެވެ.