ރާއްޖެއައި ޕާކިސްތާން މީހެއްގެ އަތުން ހަ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވީސް (އެމްސީއެސް) އިން މިއަދު ބުނީ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ޕާކިސްތާންގެ ކަރާޗީން މިއަދު ރާއްޖެ އައި 53 އަހަރުގެ މީހެއްގެ އަތުން ކަމަށެވެ. އޭނާ ރާއްޖެ އައިއިރު އަމަލުތައް ހުރިގޮތުން، އޭނާއާ ސުވާލުކޮށް ބަލައިފާސްކޮށްފައިވާ ކަމަށާއި މަސްތުވާތަކެތި ފެނިފައިވަނީ ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
"އެތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމަސް އިން ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ވަނީ ޕޮޒިޓިވްވެފައި،" ކަސްޓަމްސް އިން ބުންޏެވެ.
ޕާކިސްތާންގެ އެމީހާގެ އަތުން އަތުލައިގަނެފައިވަނީ 4.98 ކިލޯގެ ހެރޮއިން ކަމަށާއި އެތަކެތީގެ މަގުމަތީ އަގު ހަ މިލިއަން ރުފިޔާއަށްވުރެ ގިނަވާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން އިތުރަށް ބުނީ ޕާކިސްތާންގެ އެ މީހާ އާއި މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު