އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާތަކާ ހެދި އާންމު އުނދަގުލަކަށްވެ، ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކޮންމެ ރެއަކު ޕީޕީއެމުން ކުރާ މުޒާހަރާތަކުގައި އާންމުން ދުއްވާ އުޅަނދުތަކާއި އެމްޓީސީސީ ބަހަށް ނުދެވޭ ގޮތަށް މަގު ބަންދުކޮށްގެން ތިބެއެވެ. އެގޮތުން ރޭ އެމްޓިސީސީ ބަސް ހުއްޓުވަން އޭގެ ކުރިމައްޗަށް އަރައި ބަހަށް ނުދެވޭ ގޮތަށް މުޒާހަރާގެ ބައިވެރިން ތިބިތަން އެ ސަރަހައްދުގައި ހުރި "ވަން"ގެ ނޫސްވެރިއަކަށްވެސް ވަނީ ފެނިފައެވެ. އާންމުން ދުއްވި ސައިކަލްތަކާއި ކާރުތަކުގެ ކުރިމައްޗަށް އަރައިވެސް މުޒާހަރާގެ ބައިވެރިން ވަނީ އެ އުޅަނދުތަކަށްވެސް ނުދެވޭގޮތަށް ހުރަސް އަޅައިފައެވެ.

އެވަގުތު އާންމުންވެސް ނުރުހުން ފާޅުކުރިއެވެ. އަދި ޓުވިޓާގައިވެސް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރޭގެ މުޒާހަރާގެ ވީޑިއޯއާއެކު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ މުޒާހަރާގެ ބައިވެރިން މިހާރު އާންމުކޮށް ކުރަމުންދާ ކަމެއް ކަމަށެވެ. އަދި މިގޮތަށް ކަންތައް ކުރާތީ ބަހުގައި ރައްޔިތުން ގަޑިތަކަށް ތަންތަނަށް ގެންދިއުމަށް އެކުންފުންޏަށް ވަރަށް ދަތިވާ ކަމަށެވެ.

އާޒިމް ވަނީ ޕަބްލިކް ޓްރާންސްޕޯޓަށް ހުރަސް ނޭޅުމަށާއި މިފަދަ ނާތަހުޒީބު ކަންތައްކުރާ މީހުން އިސްލާހުކުރުމަށް ފުލުހަށްވެސް ގޮވާލައްވައިފައެވެ.

"އެއްވެސް ބޭފުޅަކު ރައްޔިތުންނަށް ދެވޭ ހިދުމަތަކަށް ދަތިވާ ކަންތައް ނުކުރައްވާ. ބަސް ދުއްވިޔަ ނުދީ ހުއްޓުވައި، ބަހެއްގައި މުޒާހަރާގެ ބައިވެރިންގެ ގާތް އަދި ތިމާގެ މީހެއް، އެކުވެރިޔަކު ވެސް އިނދެދާނެ. މިއީ ރައްޔިތުންނަށް ދެވޭ ހިދުމަތެއް." އޭނާ ވިދާޅުވިއެވެ.

ޓުވިޓާގައި ނުރުހުން ފާޅުކުރި މީހަކު ބުނީ ޖެއްސުން ކޮށް ދުއްތުރާ ކުރެވެނީ ރައްޔިތުންނަށް ކަމެއް ހިތަކަށް ނާރާ ކަމަށެވެ. މުޒާހަރާ ކުރަނީ ތަނެއްދޮރެއް ނުދަންނަ ނާތަހުޒީބު ބައެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"އެހެން ތެޅިފަ އަދި ހައްޔަރުކުރީމަ ގޯސްވާނީވެސް ޕޮލިހުން. ރައްޔިތުންނަށް އެގޮތަށް އުނދަގޫ ކުރާކަމަށްވަންޏާ ހައްޔަރުވެސް ކުރަންވީ، ޖަލަށްވެސް ލާންވީ." އޭނާ ބުނެފައިވެއެވެ.

މުޒާހަރާގެ ބައިވެރިން އާންމު ދަތުރުތަކަށް ހުރަސް އަޅާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ އިރު، މިދިޔަ މަހުގެ 20 ވަނަ ދުވަހުގެރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޮޑުތަކުރުފާނުމަގުން ދަތުރުކުރެއްވި މޮޓޯކޭޑަށްވެސް ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިން ވަނީ ހުރަސް އަޅައިފައެވެ.