އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތެރެއިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވެފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ މައްސަލައާ ގުޅިގެން 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް މަނީލޯންޑާ ކޮށްފައިވާ މައްސަލައާއި އެރަށް ވިއްކުމުގައި ރިޝްވަތު ހިފި މައްސަލަ ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، މަނީލޯޑާކުރި ފައިސާ ދައުލަތަށް ނެގުމުގެ ގޮތުން، 52 މިލިއަން ރުފިޔާ ހަ މަސްދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ، ފެބްރުއަރީ 26 ވަނަ ދުވަހުއެވެ.
އެ މައްސަަލައިގެ އިސްތިއުނާފުގައި ހައިކޯޓުގައި ރައީސް ޔާމީންގެ ފަރާތުން އެދިފައިވަނީ، ކުރިމިނަލް ކޯޓުގެ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ ހިލާފަށް ނެރެފައިވާ ބާތިލު އަމުރެއްކަމަށް ކަނޑައަޅައިދެއްވައި އެ އަމުރު ބާތިލުކޮށްދެއްވުމަށެވެ.
މި މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި، ފަނޑީޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑީޔާރު ދީބާނާޒް ފަހުމީގެ އިއްތިފާގުން މިއަދު ކުރެއްވި ހުކުމުގައި ވަނީ އެ ފައިސާ ދައްކަން ކުރިމިނަލް ކޯޓުން ކުރި އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅާ ކަމަށެވެ.
އެ އަމުރު ބާތިލުކުރަންޖެހޭ ނުކުތާތައްވެސް ހުކުމްގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި އެ ފައިސާ ދައްކަން ކްރިމިނަލް ކޯޓުގެ އަމުރު ނެރުނީ، އެ މައްސަލައިގެ ހުކުމްކުރި ފަހުން ކަމަށާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތްގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން އަމުރު ކުރެވޭނީ ހުކުމް ކުރާ ވަގުތުގައިކަންވެސް ފާހަގަކޮށްފައިވެއެވެ.
ރައީސް ޔާމީންގެ މައްސަލައިގައި ކުށްކޮށްގެން ހޯދި ފައިސާއަކީ ކޮބައިކަން ދައުވާގައި ހިމަނާފައިވިޔަސް، އެ މައްސަލައިގައި ހުކުމްކުރި ވަގުތު އެ ފައިސާ ދައުލަތަށް ނަގަން އަމުރުކޮށްފައި ނުވާތީ، ފަހުން ނެރުނު އަމުރެއްގެ ދަށުން އެ ފައިސާ ދައްކަން އަންގަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ހުކުމުގައިވެއެވެ.
ކުރިމިނަލް ކޯޓުން އެ އަމުރު ނެރުނީ އެ މައްސަލައިގައި ރައީސް ޔާމީން ޖަލަށްލާން ހުކުމްކުރިތާ ދެ މަސް ފަހުން ދައުލަތުން ފޮނުވި ސިޓީއަކާ ގުޅިގެން ކަން ވެސް ފާހަގަކޮށްފައިވެއެވެ. ހުކުމުގައި ބުނެފައިވަނީ، އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
ކުރިމިނަލް ކޯޓުން އެ އަމުރު ނެރުމުގެ ކުރިން އެކަމާ ބެހޭގޮތުން ވާހަކަދެއްކުމަށް ރައީސް ޔާމީނަށް ފުރުސަތު ދީފައިނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން އެ ފައިސާ ދައްކަން ކުރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ މުއްތަހަމަށް ގާނޫނު އަސާސީގެ 56 ވަނަ މާއްދާއިން ލިބޭ ހައްގަށް އުނިކަން އަންނަ ގޮތަށް، ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައިވާ ކުށުން ބަރީއަވާން މަސައްކަތް ކުރުމުގެ ހައްގާއި 20 ވަނަ މާއްދާގައިވާ ގާނޫނުގެ ކުރިމަތީގަ އާއި ގާނޫނުގެ ރައްކާތެރިކަން ލިބުމުގައި ހަމަހަމަވުމުގެ ހައްގާ ހިލާފަށް ކަމަށްވެސް ހުކުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު