ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރަމުންގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކެއް ބަަލައިނުގަތުމަށް އެ ކޯޓުން ނިންމި މައްސަލައިގައި ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ރައީސް ޔާމީނަށް ނާކާމިޔާބުވެއްޖެއެވެ.
ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާއެއް ކުރެއެވެ. އެއީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.
އެ ދައުވާތަށް ކުރިމިނަލް ކޯޓުގައި ކުރިއަށްދާ އިރު، އެ މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކެއްގެ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހަވާލާދީ ރައީސް ޔާމީންގެ ފަރާތުން ކޯޓަށް ހަތަރު ހުށަހެޅުމެއް ހުށަހެޅިއެވެ.
އޭގެ ތެރޭގައި ހިމެނެނީ، ވަކި ހެއްކަކީ ޝަރީއަތަށް ގަބޫލުނުކުރެވޭނެ ހެކި ކަމުގައި ކަނޑައަޅައިދިނުމަށް ހުށަހެޅި ހުށަހެޅުމަކާއި، ދައުވާ އުފުލުމުގައި ނުވަތަ ދައުވާ ހުށަހަޅާ ފޯމުގައި އުނިކަން ހުރުމުން އެ ދައުވާ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށާއި، ދައުވާ ވަކިކޮށްދިނުމަށް އެދުމާއި، ގާނޫނުގެ ދަށުން ހެކި ހާމަކޮށްދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެކެވެ.
ނަމަވެސް އެ ހުށަހަޅުންތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި، ފުއްގިރިއާ ގުޅޭ މައުލޫމާތު ހިމެނޭ ބަޔާންތަކާއި އެ ބަޔާންތަކުގެ އޯޑިއޯ އާއި ވީޑިއޯ ރެކޯޑިން ހާމަކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން ފިޔަވައި، އެހެން ހުރިހާ ހުށަހެޅުމެއް ބަލައިނުގަތުމަށް މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ނިންމިއެވެ.
ކުރިމިނަލް ކޯޓުގެ އެ ނިންމުމާ ހިތްހަމަނުޖެހިގެން ރައީސް ޔާމީންގެ ފަރާތުން ކުރިމިނަލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި މައްސަލައިގައި ހައިކޯޓަށް އިސްތިއުނާފީ ތިން ނުކުތާއެއް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ.
އޭގެ ތެރޭގައި ހިމެނެނީ، ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތައް ބަލައިނުގަތުމަށް ޔާމީނުގެ ފަރާތުން އެދިފައިވަނިކޮށް، އެ ހެކިތައް ބަލައިނުގަންނަން ޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ކުރިމިނަލް ކޯޓުން ނިންމި ނުކުތާއާއި، ހެކި ބަލައިގަތުމާ ގުޅޭގޮތުން އިސްތިއުނާފު ކުރާ ފަރާތަށް މަސްލަހަތު ބޮޑު ފުރުސަތުތަކެއް ހެއްކާބެހޭ ގާނޫނުން ދީފައިވާ އިރު، އަލަށް އަމަލު ކުރަން ފެށި ގާނޫނުގައިވާ ގޮތުން ހެކި ބަލައިގަތުމާ ގުޅޭ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ލިބިދީފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި ހެކި ހާމަކޮށްދިނުމަށް އެދި ހުށަހެޅުމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އެ ނުކުތާތަކަށް ރިއާޔަތްކޮށް ޔާމީންގެ ފަރާތުން ހައިކޯޓުގައި އެދިފައި ވަނީ، ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި ހިމެނޭ އަހްމަދު އަދީބު އަބްދުލްޣަފޫރާއި އަބްދުالله ޒިޔާތަކީ އަދާވާތްތެރިކަން އޮންނަ ދެމީހުން ކަމަށްވާތީ، ޔާމީންގެ މައްޗަށް ހުށަހަޅާފައިވާ ދައުވާގައި ހެކީގެ ގޮތުގައި އެ ދެމީހުން ބަލައި ނުގަނެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި، ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އޭސީސީގެ ތަހުގީގު ރިޕޯޓުގައި ހުރި މައުލޫމާތު ހާމަ ކުރުމަށް އަމުރު ކޮށްދިނުމަށާއި، ޓޫރިޒަމް މިނިސްޓްރީ އާއި ރައީސް އޮފީހާއި، އެމްއެމްޕިއާރުސީއާ ދެމެދު މުއާމަލާތްކޮށްފައިވާ ސިޓީތަކަކާއި މައުލޫމާތުތަކެއް ހާމަކުރުމަށް އަމުރު ކޮށްދިނުމަށެވެ.
މީގެ އިތުރުން ދަށުކޯޓަށް ހުށަހެޅި ހެކިލިސްޓު ރިވިއުކޮށް، ޝަރީއަތުގެ ކުރިން ހުށަހަޅާ
ހުށަހެޅުންތައް އަލުން ހުށަހެޅުމަށް ފުރުސަތު ދިނުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.
ނަމަވެސް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން މި މައްސަލަ ބައްލަވައި، ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ދީބާނާޒް ފަހުމީގެ އަޣުލަބިއްޔަތުން، ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު އިއްވެވި ހުކުމުގައި ވަނީ، ޝަރީއަތުގެ ކުރިން ހުށަހަަޅާ ހުށަހެޅުންތަކާ މެދު ކުރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ނެތްކަމަށް ހުކުމް ކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު