ގެވެށި އަނިޔާގެ ޝިކާރައަކަށްވެ އެތައް އަހަރެއް ހޭދަކޮށްފައިވާ ސަމީރާ (އަސްލުނަމެއް ނޫން)، ފިރިމީހާ އޭނާ ވަރިކުރުމުންވެސް އުޅެވޭނެ އެހެން ގޮތެއް ނެތުމުން އުޅެމުން އައީ ފިރިމީހާގެ ގޭގައި ހުރި ކުޑަކޮޓަރިއެއްގައެވެ. އަނިޔާ އާއި ޖެއްސުމާއި ފުރައްސާރަ އެތައް ދުވަހަކު ލިބުނު ނަމަވެސް ކުޑަ ދެދަރީން ގޮވައިގެން ވަންނާނެ ހިޔަލެއް ނެތެވެ. ކަރަންޓާއި ފެން ކަނޑާލާފައި ބަހައްޓާފައި ހުންނަނީ ކިތައް ދުވަހު ކަމެއް ބުނަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ. ދެ ދަރީންގެ ބައްޕަގެ ގޭގައި އުޅެން ޖެހުނީ ވަރަށް ހާލުގައި ކަމަށް ސަމީރާ ބުންޏެވެ.

މިއީ މަމްސް ޖަމިއްޔާއިން މިއަދު އެހީއަށް އެދި ޖަހާފައިވާ ޕޯސްޓެއްގައި ލިޔެފައިހުރި އެކަނިވެރި މަންމައެއްގެ ވާހަކައެވެ.

މަމްސް އަށް ސަމީރާ ބުނިގޮތުގައި މިހާލުގައި ދިރިއުޅެމުންދަނިކޮށް ދެ ކުދީންނާއެކު ގެއިން ނެރެލީއެވެ. ދަރިންނާއެކު ވަންނާނެ ތަނެއް ނެތުމުން ދުވަހު ކުއްޔަށް ކޮޓަރިއެއް ނަގައިގެން ސަމީރާ އުޅޭތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ގެއެއްގައި ރޮށި ފިހެގެން ލިބޭ އާމްދަނީން ކޮޓަރިއަށް ކޮންމެ ދުވަހަކު 500 ރުފިޔާ ދައްކާފައި ކުދިންނަށް ކާނެ އެއްޗެއް ގަނެވޭނެ ފަދައެއްވެސް ނެތެވެ.

ސަމީރާ ބުނި ގޮތުގައި، ގެއިން ނެރެލި އިރު ކުދީންގެ ޔުނީފޯމާއި ފޮތް ދަބަހާއި ސްކޫލަށް ބޭނުންވާ އެކައްޗެއްވެސް ދީފައި ނުވުމުގެ ސަބަބުން ކުދިން ސްކޫލަށް ނުފޮނުވާތާވެސް މަހެއްހާ ދުވަސް ވެއްޖެއެވެ.

ސަމިރާއަށް އެހީތެރިވުމަށް މަމްސް ޖަމިއްޔާއިން ވަނީ އިސްނަގާފައެވެ.

މަމްސް ޖަމިއްޔާގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ސަމީރާގެ ކޭސް ޖެންޑާ މިނިސްޓްރީ އާއި ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ދެ އިދާރާއިންވެސް މި މައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ ރޭ 12:00 ހާއިރު ސަމީރާގެ މައުލޫމާތު ލިބުމާއެކު ސަމީރާއަށް ގުޅައި ކާބޯތަކެތި ފޯރުކޮށް އެ އާއިލާގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް ވީއެންމެ އަވަހަކަށް ސަމީރާއަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް އެ ޖަމިއްޔާއިން ވަނީ މަސައްކަތް ފަށާފައެވެ.

އެގޮތުން ސަމީރާ ދިރިއުޅުމަށް މަހު ކުލީގެ ގޮތުގައި 6000 ރުފިޔާއަށް ވުރެ ބޮޑު ނޫން ކޮޓަރި އަކާއި ދަރިން ސްކޫލަށް ބޭނުންވާ ޔުނިފޯމާއި، ބޫޓާއި، ފޮތް ފަންސުރު ފަދަ ތަކެއްޗާއި ގޭތެރޭގައި ހިފައި ގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ ތަކެތި ހަދިޔާކުރުމަށް މަމްސް އިން ވަނީ އާންމުންގެ އެހީއަށް އެދިފައެވެ. އޭގެ އިތުރުންކާބޯތަކެއްޗާއި އަންނައުނު ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުންވެސް އެ ޖަމިއްޔާއާ ގުޅައިގެން އެކަން ކުރިއަށް ގެންދިޔުމަށް ވަނީ އެދިފައެވެ.

އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުންނާއި އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 9851477، 7688122، 7849393 އަދި 7762160 އަކަށް ގުޅުމަށް މަމްސް އިން ވަނީ އެދިފައެވެ.

މިފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވޭތޯ "ވަން" އިން ސުވާލުކުރުމުން، ފުލުހުންގެ މީޑިއާއިން ބުނީ ޗެކް ކޮށްލާފައި ގުޅާނެ ކަމަށެވެ. މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިސަރު ފާތިމަތު ޒަމްހީނާ "ވަން" އަށް މިއަދު ވިދާޅުވީ މި މައްސަލަ އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.