ނ. މަނަދޫން އަލީ ޔާމީން
މިރަށު، އަންނާރުމާގޭގައި އެކަނި ދިރިއުޅެމުން އަންނަ ނައީމާ މޫސާ (62އ)ގެ މަރާއެކު މުޅި ރަށަށް ވެރިވެފައި އޮތީ ހަމަހިމޭން ކަމެވެ. ރަށަށް ވެރިވެފައި ވަނީ މާޔޫސްކަމާއި ނަމާން ކަމެވެ. ބިރުވެރިކަމެވެ.
ނައީމާ މޫސާ މަރުވެފައި އޮއްވައި ފެނިފައިވަނީ އިއްޔެ އިރުއޮއްސި 6:13 ހާއިރު އެވެ. އެއީ އޭނާގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން ގޮސް ކޮޓަރީ ދޮރު ވައްޓާލައި އެތެރެޔަށް ވަދެ ބެލުމުންނެވެ. އެއިރު، ކޮޓަރި ތެރޭ ބިންމަތީގައި ނައީމާ އޮތީ ލެއިން ތަތްތެޅިފައެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ނައީމާގެ ހަށިގަނޑުން ގިނަ ޒަހަމްތަކެއް ވަނީ ފެނިފައެވެ. ހަށިގަނޑުގެ 21 ތަނަކަށް ވަޅި ހަރާފައިވާ އިރު، އޭނާގެ ކަރުން ވެސް ފުން ޒަހަމެއް ފެންނަން ހުއްޓެވެ.
މައުލޫމާތު އެގޭ ބައެއް މީހުންގެ ފަރާތުން އެނގިފައިވާ ގޮތުގައި ނައީމާއަށް ލިބިފައިވާ ޒަހަމްތަކަކީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުން ފެށިގެން އިއްޔެގެ މެންދުރު ކުރިއާއި ހަމަޔަށް ލިބިފައި ހުރި ޒަހަމްތަކެވެ. އޭގެ ތެރޭގައި ވަރަށް ފުން ޒަހަމްތަކެއް ވެސް ހުއްޓެވެ.
މަނަދޫ ކައުންސިލުގެ ރައީސް އަބްދުއްރަހުމާން ސަބީހު ވިދާޅުވި ގޮތުގައި، ނައީމާއަކީ ދުވަހު މުސާރައަށް އެރަށް ސާފުކުރަން ނަގާފައިވާ ޓީމުގައި ހިމެނޭ މީހެކެވެ. ނައީމާ މަސައްކަތަށް ނުނިކުންނަތާ ދެ ދުވަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކުގައި މަސައްކަތައް ދިޔަ ބައެއް މީހުންވެސް އޭނާގެ ހަބަރެއް ނުވެގެން އެގެއަށް ގޮސް ދޮރުގައި ތެޅިކަމަށް ވަނީ" ސަބީހު ވިދާޅުވިއެވެ.
އާބާދީ ތިންހާހެއްހާ މީހުން ދިރިއުޅޭ މިރަށަކީ ބޮޑެތި ކުށްތައް މަދު ރަށެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން ކޮންމެވެސް ވަރަކަށް އުޅުނު ނަމަވެސް މި ރަށުގެ އަމާންކަން ގެއްލިފައެއް ނުވެއެވެ. މާރާމާރީއެއް ލޭ އޮހޮރުވުމެއް ނުހިނގައެވެ.
ސަބީހު ވިދާޅުވި ގޮތުގައި، މިރަށުގެ މީހަކަށް އެހާ ލާއިންސާނީ ކަމެއް ކުރާކަށް ނުކެރޭނެއެވެ. އެއީ އޭނާ ހަނދާން ހުންނަން ފެށީއްސުރެ މިރަށުގައި ހިނގި އެ ފަދަ ފުރަތަމަ މަރުކަމަށް އޭނާ ވިދާޅުވިއެވެ.
"މިރަށުގެ މީހަކު މިފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލުކުރަން އަޅުގަނޑަށް އުނދަގޫ. މިއީ ކުށް މަދު ރަށެއް" ސަބީހު "ވަން" އަށް ވިދާޅުވިއެވެ.
ނައީމާގެ ހަށިގަނޑު މިހާރު އޮތީ މިރަށު ހިނަވާގޭގައެވެ. އެ ސަރަހައްދުގައި އޭނާގެ އާއިލާއާއި ރަށުގެ ގިނަ މީހުން ތިބިއިރު، އާއިލާގެ ބައެއް މީހުންނަށް މިހާރު ވަނީ ނައީމާގެ މޫނު ދައްކާފައެވެ. ނަމަވެސް އާއްމުންނަށް އަދި ހުޅުވައެއް ނުލައެވެ. ނައީމާ ދިރިއުޅޭ އަންނާރުމާގެ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވާއިރު، އެ ގޭގެ ތެރޭގައި ފުލުހުންގެ ފޮރިންސިކް ޓީމަކުން މިހާރުވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ނައީމާގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ރަށަށް އަރައި ފައިބާއިރު ހުއްދަ ހޯދަން އޮތީ އަންގައިފައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް