ރިޕޯޓް

އުމުރުން 62، އަބްދުﷲ ގެ ހުރިހާ ލޯތްބެއް ފުޓުބޯޅައަށް، އެކުވެރިންނަށް ދެނީ ސާބިތު ޖަވާބެއް!

މުޙައްމަދު ޝަމްޢޫން

ދެކޮނޑަށް ދެ ގޯލު ލައިގެން، ނޫނިއްޔާ ބަރޯއަކަށް ފަރިތަކުރުންތަކުގެ ސާމާނު އަރުވައިގެންނެވެ. ޖޫސް ގިރުމުގައި ނޫނީ ފެން ފިނިކުރަން އެޅުމުގައެވެ. ކުޅުންތެރިންގެ ކިޓްތައް ފުރިހަމަކޮށް، ބިބްތައް ދޮވުމުގައިވެސް އެވެ. ނުވިތާކަށް ބޯޅަ ހޮވައި، ކޯޗަށް އަތް ގާތް ކޮށްލަދޭންވެސް ހެޔޮވަރެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ތަމްރީނުތަކުން، ނޫނީ މެޗަކުންވެސް އަބްދުﷲ އަހުމަދު (އަބްދުﷲ ބެ) ފެންނާނީ މި ފާހަގަކުރި ކަމެއްގައެވެ. އެއީ ފެށުނީއްސުރެވެސް އޭނާ ކުރަމުން އަންނަ މަސައްކަތެވެ. އެއީ އަބްދުﷲ އަށް ބުރަ މަސައްކަތެއްވެސް ނޫނެވެ. ފައިސާއަކަށް ނުބަލައި ލޯބިން ކުރާ މަސައްކަތެވެ. ހަޔާތުގެ އެތައް އަހަރެއް ފުޅުބޯޅައިގެ ލޯތްބަށް ހޭދަކޮށްލަނީ، މައްސަލައެއް ނުޖެހި، ޝައުގުވެރިކަމާއެކު، އުފާވެރި ހިނިތުންވުމަކާއެކުގައެވެ. ފުޓުބޯޅައަކީ އަބްދުﷲގެ ސިއްހީ ދުޅަހެޔޮކަމަށްވެސް އެންމެ ބޮޑު ފަރުވާއެވެ.

އުމުރުން 62 އަހަރު ނަމަވެސް، އަދިވެސް ހަމަ ވަރުގަދަކޮށް ދަނޑުމަތީގައި ކުރަން ޖެހޭ ކޮންމެ ކަމަކަށް ތައްޔާރެވެ. ފުޓުބޯޅައިގެ، ފުޓުބޯޅަ ރޫހުގެ ރަށެއް ކަމަށްވާ ބ. އޭދަފުއްޓަށް އުފަން އަބްދުﷲ މާލޭގައި ދިރިއުޅޭތާ އަހަރުތަކެއް ވެއްޖެއެވެ. ރަށަށް ނުދާތާވެސް 30 އަހަރު ވެއްޖެއެވެ. ރަނގަޅު ދިރިއުޅުމެއްގައި ހަމަޖެހިލައިގެން އުޅެމުން އަންނަ ހީވާގި އަބްދުﷲގެ ދުވާލާއި ރޭގަނޑުގެ މަސައްކަތްވެސް ގުޅިފައި އޮންނަނީ ފުޓުބޯޅައާއެވެ. ކުޅުންތެރިންނަށް ފަސޭހަކޮށްދޭން ކުރާ ކޮންމެ ކަމަކީ އޭނާގެ ޒިންމާކަމުގައި ދެކި، އެ ހުރިހާ ކަމެއް ކުރަނީ ޝަކުވާއެއް ނެތިއެވެ. މީހުން ކިޔާނެ އެއްޗެކަށް ނުބަލައި އަމިއްލަ ނަފްސުގެ ސާފު ހިތްހަމަ ޖެހުމަށެވެ.

އަބްދުﷲ ފުޓުބޯޅައިގައި 40 އަހަރު، ހަނދާނާއި މަސައްކަތުގެ ފެށުން

އަބްދުﷲ މިހާރު މާޒިޔާގައި ހޭދަކުރަމުން އަންނަނީ އެ ކްލަބުގެ ހިދުމަތުގެ 12 ވަނަ އަހަރެވެ. އެއީ އަބްދުﷲ މިހާރު ކުރަމުން އަންނަ މަސައްކަތް ފެށުނު ކްލަބެއް ނޫނެވެ. އޭގެ ކުރިން ކްލަބު ވެލެންސިއާ އާއި ވީބީ އައްޑޫ އެފްސީގައިވެސް އަބްދުﷲ ހަމަ މިހާރުވެސް ކުރަމުން އަންނަ މަސައްކަތް ކުރަމުން ދިޔައެވެ. އެކު ޖުމުލަ 40 ވަރަކަށް އަހަރު އޭނާ ފުޓުބޯޅައިގައި ހޭދަކޮށްފިއެވެ. މެދުކެނޑުމެއްނެތި އެއް ކަމެއް ކުރަން ޖެހުނަސް ފޫހިކަމެއް ނެތެވެ. ހަރުގަނޑުގެ މާ ކުރިއަށް އަރައި، ފުޓުބޯޅައިގައި 'ކޯޓު ފަޓުލޫން" ލާކަށް އަބްދުﷲ އެއްވެސް އިރަކު ނުވިސްނައެވެ.

"އަބަދުވެސް އުފަންވީއްސުރެވެސް ފުޓުބޯޅައަށް ތަފާތު ލޯތްބެއް ހުރޭ. ފުޓުބޯޅައިގެ ރަށަކަށް ނިސްބަތްވުމާވެސް އެކު. އަހަރެމެން ފުރަތަމަ މާލެ އައިއިރު ވެލެންސިއާ ދަނޑުގައި ފުރަތަމަ މަސައްކަތްތައް ފެށުނީ. އެ ދަނޑުގައި ގާ ކުނިކަހައިގެން އަހަރެމެން ރަށު އިބްރާހީމާއި ދޮނާއާއެކު ފުޓުބޯޅަ ކުރިއެރުވުމުގެ މަސައްކަތް ފެށީ. އެ ކްލަބުގައިވެސް އޭރު ވަރަށް މަސައްކަތް ކުރިން. ހަނދާން ވާ ގޮތުން 40 ވަރަކަށް އަހަރު ފުޓުބޯޅައިގައި ވެދާނެ،" މާ ބޮޑަށް ފުޓުބޯޅަ ކުޅެ ނޫޅޭ ނަމަވެސް، ރަށުގައި ހަވީރު ކުޅުމަށް އަބަދުވެސް ނުކުންނަން އަބްދުﷲ މާލެ ބަދަލު، ފުޓުބޯޅައިގެ ހިދުމަތަށް ނުކުތް ވާހަކަ ކިޔައިދެމުން "ވަން" އަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ބުންޏެވެ.

އަބްދުﷲ މާލެ ބަދަލުވީ 1980 ގެ ފަހުކޮޅުގައެވެ. މާލޭގެ ދިރިއުޅުމަށް އޭނާ ބަދަލުވީ ބަނޑޮސް އައިލެންޑްގައި ދެ އަހަރެއްހާ ދުވަހު މަސައްކަތް ކުރުމަށްފަހުއެވެ. އެ ފަހުން އެއާޕޯޓްސް ކޮމްޕެނީގައި މަސައްކަތ ކުރިއެވެ. 2000 ނޫނީ 3000 ރުފިޔާގެ އާމްދަނީއެއްގައި އޭރު އަބްދުﷲ ގެ ދިރިއުޅުން އެންމެ ފަސޭހައެއް ނޫނެވެ. އެހެން ނަމަވެސް، އެ ހިސާބުންވެސް އަބްދުﷲ ގެ ވިސްނުން ބެހެއްޓީ ފުޓުބޯޅައިގެ ހިދުމަތަށެވެ.

"ވެލެންސިއާގައި 8 ވަރަކަށް އަހަރު އުޅެވިފައި ހުންނާނެ. އުމަރު ޒާހިރު އޭރު ކުޅިވަރާ ބެހޭ ވަޒީރަކަށް ހުންނަވާނީ. އޭރުވެސް ހަމަ މިހެން އުޅެނީ. އެހީތެރިވެ ބޯޅަ ހޮވުމާއި މިހެން ގޮސް ކުރަން ހުންނަ ކަންކަމުގަ އޭރުގަވެސް އުޅުނީ. ފެން ގެނައުމުގެ ކަންކަން އޭރުވެސް ކުރަނީ. މާ މަތީ ވަޒީފާއެއްގައެއް ނޫން. އެކަށީގެންވާ ފައިސާއެއް އޭރު ދެން ފުޓުބޯޅައިން ލިބުނު. ދިރިއުޅުން އަސްލު އެހާ ފަސޭހަކޮށެއް ނޫން އޭރު އުޅުނީ. އެހެންވެ ފުޓުބޯޅައިގެ ބޭރުން ކަސްޓަމްސްގައިވެސް ވަޒީފާ އަދާކުރިން. ދެން ދިރިއުޅުން ހަމަޖެހުމާއެކު އެހެން ހުރިހާ ކަމެއް ހުސްކޮށް، ފުޓުބޯޅައަށް އެކަނި ނުކުތީ،" އަބްދުﷲ ބުންޏެވެ.

"ރާއްޖޭގެ ފުޓުބޯޅައިގައި އަހަރުމެން ރަށުގެ ޓީމުތައް ޖޯޝާ ފޯރިގައި ކުޅުނު ދުވަސްވަރު، ކްލަބުތަކުގެ ސަޕޯޓަރުން ދަނޑުތައް ފުރާލި ދުވަސްވަރު އެއީ އަހަރެން ވަރަށް އުފާވާ ދުވަސްތަކެއް. އެ ހަނދާންތައް ވަރަށް ބޮޑަށް އެބަހުރި. މިހާރު ފުރަތަމަ ޑިވިޝަނުގެ ޓީމުތައް އެތައް ބުރަކަށް ކުޅޭއިރުވެސް ދަނޑަށް ވަންނާނެ މީހަކު ނުވޭ. ބޭރުގެ ޓީމުތަކާ ދެކޮޅަށް ކުޅޭއިރުވެސް ދަނޑަށް ވަދެލާނެ މީހަކު ހަގީގަތުގަ ނުވޭ. ކުރިން ޕޮމިސް ކަޕް ކަހަލަ މުބާރާތްތަކަށް ކްލަބު ލޯބީގަ ދަނޑު ފުރާލާ. އެކަން ނެތުން އެއީ ވަރަށް ދެރާވާ ކަމެއް. ފުޓުބޯޅަ ހަލާކުވެގެންދާ މަންޒަރު އެއީ ހިތްދަތި މަންޒަރެއް،" ފުޓުބޯޅައިގެ އެހާރާއި މިހާރު ސިފަކުރަމުން އަބްދުﷲ ބުންޏެވެ.

އަބްދުﷲގެ ނަޒަރުގައި ހެޔޮހިތުން ފުޓުބޯޅައަށް ލޯބި ދޭނަމަ، ފުޓުބޯޅައާއި ސިޔާސީ ކަންކަން ނުބައްސައި، ދިވެހީންގެ އަމިއްލަ ޖޯޝާ ފޯރީގައި ނުކުންނަން ޖެހެއެވެ. "ސިޔާސީ ކަމަކަށް ފުޓުބޯޅަ ހަދައިގެން ދަނޑަށް ނުވަދެ ތިބޭކަށް ނުވާނެ. އެއީ ވަރަށް ފީކަޅާ ކަމެއްގެ ގޮތުގަ ދެކެނީ،" އަބްދުﷲ ބުންޏެވެ.

މާޒިޔާއަށް އޮތީ ހާއްސަ ލޯތްބެއް؛ އެކަނި ކުރަނީ ކުރާ ހިތުން، ކްލަބު ދޫކޮށް ނުދާނެ

"ކްލަބުތަކުން ހުށަހެޅުންތައްވެސް އާދޭ. އެކަމަކު މާޒިޔާ ދޫކޮށް ނުދާނަން. މާޒިޔާގެ އަހަރެންގެ ޗެއާމަން ސާޖިދަކީ ވަރަށް ރަނގަޅު މީހެއް. ވަރަށް ރަނގަޅަށް އަބަދުވެސް ކަންތައް ކޮށްދޭ މީހެއް. ހާއްސަކޮށް މުސާރަ ބޮޑުކޮށް ކަންތައްކުރަނީވެސް ބުނެގެނެއް ނޫން. އަމިއްލައަށް ފެނިގެން އެކަންކަންވެސް ކޮށްދޭ،" އަބްދުﷲ އަސަރާއެކު މާޒިޔާގެ ވާހަކަ ފަށަމުން ބުންޏެވެ.

ކްލަބަށް އޭނާގެ އޮތީ ހާއްސަ ޝުކުރަކާއި ލޯތްބެކެވެ. އަބްދުﷲގެ ނަޒަރުގައި މިއަދުގެ ފުޓުބޯޅައަށް މާޒިޔާއިން ވަމުން އަންނަނީ އަގު ނުކުރެވޭ ގުރުބާނީއެކެވެ. މާޒިޔާއިން ކުޅުންތެރިންގެ އިހުސާސްތަކަށްޓަކައި ކުރަނީ ނަމޫނާ މަސައްކަތެކެވެ. އެ މަސައްކަތަކީ މިއަދުގެ ފުޓުބޯޅައަށް އާރޯކަން ގެނުވާ މަސައްކަތްތަކެއް ކަމަށްވެސް އަބްދުﷲ ފާހަގަކުރިއެވެ.

މާޒިޔާގެ ކޮންމެ ފަރިތަކުރުމަކަށްވެސް އެންމެ މުހިއްމު މީހަކީ އަބްދުﷲ އެވެ. ކޮންމެ ފަރިތަކުރުމެއްގެ ދެ ގަޑިއެއްހާއިރު ކުރިން، އަބްދުﷲ އެކަމަށް ހުސްވެ ދަނޑުގައި ހުރެއެވެ. އޭނާގެ ދުވަހުގެ ޝެޑިއުލް މާޒިޔާގެ ފަރިތަކުރުންތަކާ ގުޅިފައި އޮންނަ އިރު، ނަމާދުތަކަށްފަހު އެންމެ ބޮޑު ފޯކަސްއެއް ހުންނަނީ ފަރިތަކުރުންތަކާއި މާޒިޔާގެ މެޗުތަކަށެވެ.

"ޕްރެކްޓިހެއް އޮތިއްޔާ ވަރަށް ކުރިއާލައި އެކަމަށް ސަމާލުކަންދީގެން ތައްޔާރުވަން. މިސާލަކަށް ނުވައެއް ޖަހާއިރު ޕްރެކްޓިހެއް އޮންނަ ކަމަށްވާނަމަ ނަމާދުކޮށްލައިގެން ދަނޑަށް ދެން ދަނީ. ގާތްގަނޑަކަށް ދެގަޑިއިރު ނޫނީ ދޮޅު ގަޑިއިރު ކުރިން ތައްޔާރުވަން. މިދިޔަ 12 އަހަރު ދުވަހު މާޒިޔާގައި އުޅުނު އިރުވެސް އެއްވެސް މައްސަލައެއް ދިމާވެފައެއް ނޯންނާނެ. ބޮޑު މީހަކު އެއްވެސް އެއްޗެއް ކިޔަން ޖެހިފައެއް ނުހުންނާނެ. ބަލިހާލަތު ތަން ދޭނަމަ ހަނދާންކޮށްދިނުމަކާ ނުލައި ހުންނާނީ ތައްޔާރަށް،" އަބްދުﷲ ބުންޏެވެ.

ކުރިއާލައި އަބްދުﷲ ދަނޑަށް ގޮސް ކުރާ ކަމަކީ ފެންފުޅިތައް ތައްޔާރު ކުރުމެވެ. ތަމްރީނުތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ނެރެ، ކޯޗުންނަށް ފަހިކޮށްދިނުމެވެ. ޖޫސް ގިރައި، އެހެން ހުރިހާ ކަމެއްވެސް އަބްދުﷲ ކުރަނީ ކުރާ ހިތުންނެވެ. އެ "ރޫޓީން" ގެ ތެރެއިން ތަމްރީނުތައް ނިމުމުންވެސް އަބްދުﷲ އަށް އެއީ އަދި މަސައްކަތް ފެށުނީއެވެ. ތަމްރީނުތައް ކޮށް ނިންމާފައި ހުރި ސާމާނުތައް ގުދަންކޮށް، ސާފުކޮށް ހަދަނީ އެކަނިމާއެކަންޏެވެ. ކުޅުންތެރިން ފެންވެރުމުން، އެހެން ހުރިހާ ކަމެއް ތަރުތީބުކޮށް، އަބްދުﷲ ދަނޑުން ނުކުންނަނީ ދެ ގަޑިއިރެއް ފަހުންނެވެ. އެ މަސައްކަތް އެކަނި ކުރުމަކީ އަބްދުﷲ އަށް އެންމެ ފަސޭހަ ގޮތެވެ. އެއީ ހުންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ.

"މެޗު އޮންނަންޏާ ބުރަވާނެ. ޖޫސްގިރައި، ލޮނު ގިރައި، ކޫލް ބޮކްސްތައް ގެންދަންވެސް ޖެހޭނެ. އެކަނިމާއެކަނި އެކަން ކުރަނީ. އެކަން އެކަނި ކުރެވޭނެ. އެކަމަށް ޝަކުވާއެއް ނޯންނާނެ. ގައިގައި ވަރު ހުރިއްޔާ އަހަރެން ބޭނުންވަނީވެސް އެކަން އެގޮތަށް ކުރަން. ﷲ އިރާދަކުރެއްވިއްޔާ މި މަސައްކަތް ކުރިއަށް އޮތްތަނުގައިވެސް ކުރާނަން. އެކަނި މި ޒިންމާ ނަގައިގެން އުޅެން މާ ރަނގަޅު. މާ ފަސޭހަ. އެހެންވެ މީހެއް ނުގެންނަންވެސް ބުނިން،" އަބްދުﷲ އޭނާ މެޗު ދުވަހު ކުރާ މަސައްކަތް ކުރުކޮށް ކިޔައިދިނެވެ.

މާޒިޔާއާއެކު އެތައް ދަތުރެއް ކޮށް، އެތައް މަޖަލެއްގައި އަބްދުﷲ ބައިވެރިވެއްޖެއެވެ. އެ ދަތުރުތަކާއި މެޗުތަކުގެ ތެރެއިންވެސް، މާޒިޔާއާއެކު ފިލައިގެން ނުދާނެ ވަގުތު ކޮޅެއްގެ ވާހަކަވެސް އޭނާ ހިއްސާކުރިއެވެ. 2020 ވަނަ އަހަރު އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގެ ކޮލިފިކޭޝަންގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު ދެލެގުގެ މެޗުތަކަކީ އަބްދުﷲ އަށް ހާއްސަ ދެމެޗެވެ. އޭގެ ތެރެއިންވެސް އިންޑިއާގައި ކުޅުނު މެޗެވެ. ބެންގަލޫރު ކަޓުވާލައި، މާޒިޔާ ގްރޫޕް ސްޓޭޖަށް އެތެރެވި، "އެ ދުވަހު އުފަލުން ބިންމައްޗަށް ވެއްޓި ރޮވުނު،" ކަމަށް އަބްދުﷲ ބުންޏެވެ. ތިން ފަހަރަކަށް އަބްދުﷲ ބުނީ އެއީ "ވަރަށް އުފާވި،" ދުވަހެއް ކަމަށެވެ.

ނަސޭހަތެއް އެބައޮތް: ކުރާ މަސައްކަތަކީ ސިއްހަތަށް ލިބޭ ދުޅަހެޔޮ ކަމެއް، މިކަން ބިދޭސީންނަށް ދޫކޮށްނުލާ!

އަބްދުﷲ މިހާރު ހުރި އުމުރަށް ބަލާއިރު އޭނާ ފުޓުބޯޅައިގެ މަސައްކަތް ކުރަނީ ފައިސާއަށް ނޫންކަން ވަރަށް ސާފެވެ. ފައިސާއަށް ކުރާ މަސައްކަތެއް ނަމަ، މިހާރު އެހުރި ލޯބީގައި އެކަން ނުކުރެވުނީހެވެ. އަބްދުﷲގެ ވިސްނުމުގައި ފުޓުބޯޅައިގެ ތެރޭގައި ދުވަހުގެ ބައެއް ހޭދަކޮށްލުން އެއީ ސިއްހަތަށް ލިބޭ އެންމެ ބޮޑު ދުޅަހެޔޮ ކަމެވެ.

"އުމުރުން މިހާ ދުވަސްވެފައި ހުރި އިރު، މިކަން މިހާރު މި ކުރަނީ ފައިސާއަކަށް ނޫން. އަހަރެން މިކަމަށް ދޭ ލޯބީގެ ބޮޑުކަމުން. އަހަރެން މިކަމަށް ލޯބި ނުދޭނަމަ އަނބިދަރިން ކައިރީގައި ފަސް ނަމާދުކޮށްލައިގެން އޮންނަންވީ. އެކަމަކު ފުޓުބޯޅައަށް ޖެހިފައިވާ ލޯބިން މިކަން ދޫކޮށް ނުދާނަން. މިއީ ހަށިގަނޑަށް ލިބޭ ހިތްހަމަ ޖެހުމެއް. ބަލިތަކުންވެސް ދުރުވާ ކަމެއް. ﷲ އިރާދަކުރެއްވިއްޔާ މިކަމުގެ ތެރެއިން ލިބޭ ފިޒިކަލް އަދި މެންޓަލް ފަސޭހަތަކުން އަހަރެން ބަލިތަކާ ވަރަށް ދުރު. ކުދިންވެސް އެވާހަކަ ބުނާނެ. ބުރަކޮށް އުޅޭއިރު ބަލިނުވާ ސަބަބަކީ ކޮބާހޭ. އަހަރެން ބުނަން މިއީ ބުރަކަމެއް ނޫނޭ، މިއީ ބޮޑު ހިތްހަމަޖެހުމެކޭ. މިކަމުން ދުރަށް ދާކަށް އަދި ބޭނުމެއް ނޫން. ނުކުރެވޭވަރު ވީމަ ދުރަށް ދާނީ،" އަބްދުﷲ ކިޔައިދިނެވެ.

އަބްދުﷲ ގެ މި މަސައްކަތާ ގުޅޭ ގޮތުން ރައްޓެހީންވެސް ސުވާލު ކުރެއެވެ. ރަނގަލު ވަޒީފާއަކަށް ނުދަނީ ކީއްވެތޯވެސް އަހައެވެ. ނޫނީ ގޭގައި އަރާމުކުރަން ނޯންނަނީ ކީއްވެތޯވެސް އަހައެވެ. ބޯޅަ ހޮވައި ދަނޑު ސާފުކޮށްގެން ލިބެނީ ކޮންއެއްޗެއްތޯވެސް އަހައެވެ. މި ސުވާލު ތަކަށް އަބްދުﷲ ގެ އޮތީ ސާފު ޖަވާބު ތަކެކެވެ.

"މިއީ ވަރަށް ރަނގަޅު ކަމެއް. މިކަން ކުރެވޭތީ އަހަރެން އުފާވޭ. ބޯޅަ ހޮވަން ގޮސްގެން ކީއްހޭ ވަނީ ރައްޓެހިންވެސް ބުނާނެ. އެކަމަކު މިކަމުން ކުރެވޭ އިހުސާސް އަހަންނަށް އެނގޭ. މިއީ ބުރަ މަސައްކަތެއް ނޫން،" ތިން ދަރިންގެ ބައްޕަ، އަބްދުﷲ އިތުރަށް ބުންޏެވެ.

އަބްދުﷲގެ މަސައްކަތުގައި އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން ލިބެނީ ކުޅުންތެރިންނާއި މެނޭޖުމަންޓުންނެވެ. ކުޅުންތެރިން އަބްދުﷲއަށް ދޭ ލޯތްބާއި އިހުތިރާމުހާ އަގުހުރި އެއްޗެއް އޭނާއަކަށް ނެތެވެ. އެ ކުޅުންތެރިންނާ ދޭތެރޭ އޮންނަ ލޯތްބާއި ނުކެނޑޭނެ ގާތް ގުޅުމަކީ އަބްދުﷲ އަށް ފުޓުބޯޅައިން ލިބޭ އެންމެ ބޮޑު ހަދިޔާވެސް މެއެވެ.

"ކުޅުންތެރިންގެ އިހުތިރާމް ވަރަށް ބޮޑަށް ލިބޭ. ސަޕޯޓު އޮވޭ. އެކުޅުންތެރިން އަހަންނާ ދޭތެރޭ ވަރަށް ރަނގަޅުވާނެ. އަހަރެންވެސް ވަރަށް ލޯބިދެން އެކުޅުންތެރިންނަށް. ޓީމާއެކު އުޅޭއިރު އޮފިޝަލުންވެސް ވަރަށް ރަނގަޅުވާނެ. ކޮކީ ކަހަލަ މީހުންވެސް، ހަމަ ޓީމުގައި ވަރަށް މަޖާ ވަގުތުތަކެއް ހޭދަކުރެވެނީ އަބަދުވެސް،" އަބްދުﷲ ފާހަގަކުރިއެވެ.

އަބްދުﷲ ދާއިރާގައި ހޭދަކުރި ކޮންމެ ދުވަހަކަށްވެސް އޭނާ އެތައް ބަޔަކަށް ޝުކުރު އަދާކުރިއެވެ. ކުރިންވެސް މަސައްކަތް ކުރި ކްލަބުތަކުގެ އިސް ވެރިންނާއި ކުޅުންތެރިންނަށް ޝުކުރު އަދާކުރަމުން އަބްދުﷲ ހާއްސަކޮށް މާޒިޔާގެ ބޯޑަށާއި، ޗެއާމަން އަހުމަދު ސާޖިދަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ. އެހިސާބުން އޭނާގެ ފޯކަސް ކަސިޔާރުކޮށްލީ މަސައްކަތުގެ ކުރިމަގަށެވެ. އަބްދުﷲ ނެތް ދުވަހެއްގައި މިހާރު އަބްދުﷲ ފުޓުބޯޅައިގައި އެކުރަމުންދާ ހީވާގި، މުރާލި މަސައްކަތް ދެން ފޭދިގެންދާނެ މިސްރާބަކަށް އޮތް ކަންބޮޑުވުމަކަށެވެ.

"އެންމެ ފަހު ނަސޭހަތަކަށް ބުނަން ބޭނުންވޭ. ބޭބެ ނެތް ދުނިޔެއްގައިވެސް މިކަމާ އުޅޭނެ ބަޔަކު ތިބެން އެބަޖެހޭ. ފުޓުބޯޅައަށް ލޯބި ހުރިއްޔާ މިކަން ކުރެވޭނެ. މިކަމުގައި އުޅެން ބަޔަކު އެބަ ބޭނުންވޭ. ބޭރު ބިދޭސީ މީހުން ލައިގެން މިކަމެއް ނުކުރެވޭނެ. ލާހިކެއް ނޫން ކުރާކަށް. ގިނަ ފަހަރު ހުންނާނީ ބިބްތަކުން ނުބައިވަސް ދުވާ ކަންކަން ވެފައި. އެހެންވީމަ ދިވެހީން މިކަމުގައި އުޅެން އެބަޖެހޭ. ފުޓުބޯޅަ ކުރިއަރުވަން ސަރުކާރާއި މިނިސްޓްރީ، އަދި އެފްއޭއިންވެސް މަސައްކަތް ކުރަން ޖެހޭ. ޒުވާން ކުދިން އަމިއްލައަށް މަސައްކަތްވެސް ކޮށްގެން ކުރިއަރާނީ،" އަބްދުﷲ އެންމެ ފަހު ވާހަކައަކަށް ބުންޏެވެ.

އަބްދުﷲގެ ހީވާގި، ނަމޫނާ ހިދުމަތުން އަގުހުރި އެތައް ކަމެއް ސާފުވެއެވެ. ގަޑިއަށް ފަރުވާތެރިވުމާއި ޒިންމާ ނެގުމުގެ މުހިއްމު ކަމެވެ. މަސައްކަތަށް ދޭ ލޯބިން، އެ ކުރާ މަސައްކަތް އެތައް ހާސްތަނެއް ލުއިވެގެން ދާ ދިޔުމެވެ. އިހުތިރާމު ހޯދޭނީ އޯގާތެރިކަމުން، ވަފާތެރިކަމުން ކަމެވެ. ފުޓުބޯޅައަށް ހިދުމަތް ކުރުމަކީ ކޮންމެ ފަންތިއެއްގައިވެސް ކުރެވޭނެ ނުހަނު ޗާލު މަސައްކަތެއް ކަމެވެ. ހަޔާތުގެ އަޒުމެއްގައި ސާބިތުވެ، ހިދުމަތެއް ކޮށްގެން ލިބޭ އުފާވެރިކަމަކީ މުހިއްމު ކަމެއް ކަމެވެ. އަބްދުﷲ ފުޓުބޯޅައިގައި 40 އަކަށް އަހަރު ހޭދަކުރި އިރު، ޝަކުވާއެއް ނެތި އެއް ކަމެއް ކުރަމުންދަނީ ލައްކަ ހިތްވަރުންނެވެ.