އަލީ އަޝްފާގު

ދަގަނޑޭ ސީޒަނަށް ނުކުންނާނީ ސަސްއާއެކު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބު (ސަސް)ގެ ފަރިތަކުރުންތަކަށް ނުކުމެއްޖެއެވެ.

އުމުރުން 37 އަހަރުގެ ދަގަނޑޭ، މިރޭ ސަސްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވާ އިރު، ސަސްއަކީ އޭނާގެ ހިއްސާ ބޮޑުވެސް ކްލަބެކެވެ. ދަގަނޑޭގެ އިތުރުން ސަސްގެ ފަރިތަކުރުންތަކުން ކުރިންވެސް އެޓީމަށް ކުޅުނު ގިނަ ކުޅުންތެރިންނާއެކު ޒުވާން ކުޅުންތެރިން ފެނިގެން ގޮސްފައިވެއެވެ. އަދި މިފަހަރުވެސް ޓީމަށް އިރުޝާދު ދޭނީ މިދިޔަ ސީޒަނުގައިވެސް އެޓީމަށް އިރުޝާދު ދިން އިސްމާއީލް މަހެފޫޒް (އިންމަ) އެވެ.

ދަގަނޑޭ މިފަހަރު ސީޒަނަށް ނުކުންނަން ތައްޔާރުވަނީ އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގެ ބޮޑު ބައެއްގައި ނުކުޅެ ހުރުމަށްފަހުއެވެ. ނިމިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައި ވެލެންސިއާއަށް ދަގަނޑޭ ކުޅުނު ނަމަވެސް، އޭގެ ފަހުން ކަކުލުގެ އަނިޔާއެއްގެ ސަބަބުން ދަގަނޑޭ ހުރީ ކުޅުމާ ދުރުގައެވެ. ދަގަނޑޭ، ސީޒަނުގައި އެއްކޮށް ކަހަލަ ގޮތަކަށް ނުކުޅެ ހުރި އިރު، ފިޓްނަސް ލެވަލް ރަނގަޅުކުރަން ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ދުވާ ޓީމު، މެރަތަން ރަނާސްއާ ގުޅި، ތަމްރީނުތައް ހަދާފައިވެއެވެ. އޭގެ ފަހުން ބައެއް ރަށްރަށުގެ މުބާރާތްތަކުގައިވެސް ދަގަނޑޭ ކުޅެފައިވެއެވެ.

ކްލަބު ފުޓުބޯޅަ ނުކުޅެ ހުރި ނަމަވެސް، ދަގަނޑޭ ވަނީ ގައުމީ ޓީމުން މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުތަކުގެ އިތުރުން މިދިޔަ މަހު ލ. ގަމުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗަށްވެސް ނުކުމެފައެވެ. ގައުމީ ޓީމާއެކު 100 މެޗު ހަމަކުރުމަށް ދަގަނޑޭ މަސައްކަތް ކުރަމުންދާ އިރު، އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 98 މެޗު ކުޅެފައެވެ.

ދަގަނޑޭއަކީ ރާއްޖޭގެ ގައުމީ ޓީމުގެ މިވަގުތުވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އަދި އޭނާއަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނާވެސް ގޯލު ޖެހުމުގައި ވާދަކޮށްލެވޭ ކުޅުންތެރިޔެކެވެ. ކެރިއަރުގައި ރާއްޖޭގެ ގިނަ ކްލަބުތަކަކަށް ކުޅެފައިވާ އިރު، ދަގަނޑޭ ވަނީ މެލޭޝިއާގައިވެސް ތަފާތު ދައްކައިފައެވެ.

މެލޭޝިއާގެ ޕީޑީއާރްއެމްއާއެކު އެގައުމުގެ ދެވަނަ ޑިވިޝަނުގެ އިތުރުން ފުރަތަމަ ޑިވިޝަނުގައިވެސް ދަގަނޑޭ ކުޅެފައިވާ އިރު، ސަސް ވެގެންދާނީ ދަގަނޑޭ ކުޅޭ ލޯކަލް އަށްވަނަ ކްލަބަށެވެ.

ދެވަނަ ޑިވިޝަނުގެ ރަނަރަޕް ޓީމުގެ ގޮތުގައި 2020 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ސަސް، މިދިޔަ ސީޒަނުގައި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ކުޅުނު ނަމަވެސް، ތިން ވަނަ ހޮވާ މެޗުގައި ނުކުޅެން ނިންމީ ރެލިގޭޝަން ބުރެއް ކުޅެން ޖެހިފައި އޮތުމުންނެވެ. ސަސްއިން ވަނީ ލީގުގެ ރެލިގޭޝަން ބުރުގައި ދަ ގްރާންޑޭ ބަލިކޮށް، ފުރަތަމަ ޑިވިޝަނުގައި މަގާމު ދަމަހައްޓައިފައެވެ.

އަންނަ އާދިއްތަ ދުވަހު ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ، ޕްރެޒިޑެންޓްސް ކަޕް ފަށަން ތާވަލުކޮށްފައިވާ އިރު، ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރަން ނިންމި ހަ ކްލަބްގެ ތެރޭގައި ސަސް ވެސް ހިމެނެއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ޕްރެޒިޑެންޓްސް ކަޕް ކުރިއަށްދާ އިރު، ސަސް ލައްވާލީ، ކްލަބް އީގަލްސް އާއި ކްލަބް ވެލެންސިއާއާއެކު ފުރަތަމަ ގްރޫޕްގައެވެ. ސަސްގެ ފުރަތަމަ މެޗު އޮތީ މި މަހުގެ 14 ވަނަ ދުވަހުގެރޭ ވެލެންސިއާއާ ދެކޮޅަށެވެ.