ނ. މަނަދޫ ގެއެއްގައި އެކަނި ދިރިއުޅެމުންދިޔަ މީހަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ހުއްދަ ނެތި އެ ރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މަނަދޫ ގެއެއްގައި އެކަނި ދިރިއުޅެމުންދިޔަ 62 އަހަރުގެ އަންހެނެއްގެ ހަބަރު ނުވާ ކަމަށް މިއަދު އިރުއޮއްސި 6:13 ހާއިރު އޭނާގެ އާއިލާއިން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓު ލިބުމުން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރިތެރޭ ބިންމަތީގައި އަންހެން މީހާ މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި މަރުވި މީހާގެ ހަށިގަނޑުން ގިނަ ޒަހަމްތަކެއް ވަނީ ފެނިފައެވެ. ހަށިގަނޑުގެ 21 ތަނަކަށް ވަޅި ހަރާފައިވާ އިރު، އޭނާގެ ކަރުން ވެސް ފުން ޒަހަމެއް ފެންނަން ހުރި ކަމަށް އެނގިފައިވެއެވެ.

މަނަދޫ ކައުންސިލުގެ ރައީސް އަބްދުއްރަހުމާން ސަބީހު "ވަން" އަށް މިރޭ ވިދާޅުވީ މަނަދުއަށް އަރައި ފައިބާ މީހުން ކައުންސިލުގެ ހުއްދަ ހޯދާގޮތަށް ހަމަޖެއްސީ ފުލުހުން އެގޮތަށް އެދުމުން ކަމަށެވެ.

"ޝައްކުކުރެވޭ ކަންކަން ފާހަގަކުރެވޭތީ ފުލުހުން އެދުނީ އަޅުގަނޑުމެންގެ ކިބައިން އެކަން އެގޮތަށް ކުރަން. ކައުންސިލަށް އެންގުމުގެ އިތުރުން ރަށަށް އަރައި ފައިބާނަމަ ފުލުހުންނަށް ވެސް އަންގަން ވަނީ އެދިފައި،" ކައުންސިލް ރައީސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މަރުގެ މައްސަލައިގައި ފުލުހުންނަށް ފާހަގަވީ ކޮންކަމެއްކަން ނޭނގޭ ކަމަށާއި އަދި ރަށަށް އަރައި ފައިބާ މީހުން ހުއްދަ ހޯދަން ޖެހޭގޮތަށް ހަދާފައިވަނީ ފުލުހުން ވަކި ގޮތެއް އަންގަންދެން ކަމަށެވެ.

މަނަދޫން މަރުވެފައިވަނީ އެރަށު އަންނާރުމާގެ، ނައީމާ މޫސާ (62އ) އެވެ. އޭނާގެ ތިން ދަރިން ތިބި ނަމަވެސް، ހުރިހާ ދަރިން ވެސް ދިރިއުޅެނީ ރަށުން ބޭރުގައެވެ.