ރޭ ކުޅުނު ކޮޕާ ޑެލް ރޭ ސެމީ ފައިނަލް ދެވަނަ ލެގުގައި 4-0 އިން ބާސެލޯނާ ބަލިކޮށް، ރެއާލް މެޑްރިޑުން ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭގެ މެޗަށް ނުކުތް އިރު، ރެއާލް އޮތީ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި 1-0 އިން ބާސާ ކައިރިން ބަލިވެފައެވެ. އެ ނަތީޖާ އަނބުރާލަން ރެއާލުން ރޭ ބާސާ ދަނޑުގައި ހަތަރު ގޯލު ޖަހާފައިވާ އިރު، ކަރިމް ބެންޒެމާ ވަނީ ފަހު ހާފުގައި ހެޓްރިކް ހަދައިފައެވެ. އެންމެފަހުން ރެއާލްއިން ލީގުގައި ކުޅުނު މެޗުގައި ރޯދައަށް ހުރެ ބެންޒެމާ ހެޓްރިކް ފުރިހަމަ ކުރި އިރު، ރޭ މެޗަށް ނުކުތީ ރޯދަ ވީއްލިތާ ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ފަހުންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ރަނގަޅަށް ކުޅެ ހަމަލާތައް އުފައްދާފައިވާ އިރު، އެ ޓީމުގެ ކުރިން ރޮބާޓް ލެވަންޑޯސްކީގެ ނުރައްކާ ފެނުނެވެ. ބާސާއިން މެޗުގެ ކުރީކޮޅުގައި މެޗު ކޮންޓްރޯލްކޮށް ކުޅުނު ނަމަވެސް، ރެއާލުން ހާފު ނިންމާލީ މެޗުގެ ލީޑު ހޯދައިގެންނެވެ. ރެއާލްގެ ފުރަތަމަ ގޯލު ކައުންޓާ އެޓޭކެއްގައި ޖަހައިދިނީ ވިނީޝިއަސް ޖޫނިއާއެވެ.
ހާފުގެ ފަހު މިނެޓުގައި ބާސާގެ ލެވަންޑޯސްކީ ރެއާލް ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާ ގޯލްކީޕަރު ތީބޯ ކޯޓުއާ މަތަކުރުމާއެކު، އެ ބޯޅައިގައި ކުރިއަށް ޖެހި ބެންޒެމާއާއި ވިނީޝިއަސް ޖެހި ވަންޓޫ ޕާސް ކާމިޔާބުކޮށް ގޯލު ހުޅުވާލިއެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ލޫކާ މޮޑްރިޗް ދިން ޕާހަކުން ބެންޒެމާ އޭނާގެ ފުރަތަމަ ގޯލު ކާމިޔާބުކުރި އިރު، އޭނާގެ ދެވަނަ ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. އޭރިއާ ތެރެއިން ބާސާގެ ފްރޭންކް ކެސީ، ވިނީޝިއަސްއަށް ކުރި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ބެންޒެމާ އޭނާގެ ހެޓްރިކް ފުރިހަމަކުރީ 80 ވަނަ މިނެޓުގައެވެ. އެވެސް ކައުންޓާގައި ރެއާލުން ޖެހި ގޯލެކެވެ.
ރެއާލުން މިދިޔަ ނުވަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ކޮޕާ ޑެލް ރޭ ކާމިޔާބުކުރުމަށް ކުރާ މަސައްކަތުގައި، ފައިނަލް މެޗުގައި ނުކުންނަން ޖެހޭނީ އޮސަސޫނާއާ ދެކޮޅަށެވެ.
ކޮޕާ ޑެލް ރޭގެ ފައިނަލުން ޖާގަ ހޯދައި، ކާލޯ އެންސެލޯޓީގެ ރެއާލުން ދެން ފޯކަސް ކުރަން އޮތީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ޗެލްސީއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް