އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗުގައި މިރޭ ކްލަބު އީގަލްސް ބަލިކޮށް، އެންމެފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ޝީލްޑް އުފުލާލައިފިއެވެ.

މިރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާއިން އީގަލްސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ މާޒިޔާއިން ޗެރިޓީ ޝީލްޑް އުފުލާލި ފަސްވަނަ ފަހަރެވެ. މީގެ ކުރިން މާޒިޔާއިން ޝީލްޑް އުފުލާލާފައި ވަނީ 2015، 2016، 2017ގެ އިތުރުން މިދިޔަ އަހަރެވެ. މާޒިޔާ އާއި އީގަލްސް މިރޭގެ މެޗުގެ ކުރިން، 2019 ވަނަ އަހަރު ކުޅުނު ޗެރިޓީ މެޗު ކާމިޔާބުކުރީ ކްލަބު އީގަލްސްއެވެ.

ރާއްޖޭގެ ފުޓުބޯޅަ ފެށުމަށް މިރޭ ކުޅެފައިވާ ޗެރިޓީ ޝީލްޑް މެޗު ކުޅެފައި ވަނީ ހަތް ވަރަކަށް މަސް ދުވަސް ވަންދެން ފުޓުބޯޅަ ބްރޭކުގައި އޮތުމަށްފަހުއެވެ. މިރޭ ޝީލްޑް މެޗު ކުޅުނު ނަމަވެސް އަދިވެސް ލީގުގެ ގިނަ ކްލަބުތައް ފަރިތަކުރަމުން ނުދެއެވެ. މިވަގުތުވެސް ފުރަތަމަ ޑިވިޝަނުގައި ފަރިތަކުރުންތައް ކުރަމުންދާ ކްލަބުތަކަކީ މިރޭގެ މެޗުގައި ކުރިމަތިލި މާޒިޔާ އާއި އީގަލްސްގެ އިތުރުން މިފަހަރު ފުރަތަމަ ޑިވިޝަނަށް އަލަށް ނުކުންނަ ބުރު ސްޕޯޓްސް ކްލަބެވެ.

މިރޭ މާޒިޔާއިން ނެރުނު ފުރަތަމަ 11 ގައި ގޯލްކީޕަރު ހުސައިން ޝަރީފާއި އަލަށް ކްލަބަށް ގެންދިޔަ ހަސަން ރާއިފް އަހުމަދު (ހަންނަ)، ހުސައިން ޝިފާއު (ކްރޯ) އަދި ސެންޓަ ބެކް އަހުމަދު ނޫމާން (ހެލްމެޓް) ވެސް ފާހަގަކޮށްލެވުނެވެ. ހަންނަ އާއި ކްރޯގެ އިތުރުން ހެލްމެޓަކީވެސް މާޒިޔާއިން މި ސީޒަނަށް އީގަލްސްއިން ގެންދިޔަ ތިން ކުޅުންތެރިންނެވެ. އަނެއްކޮޅުން ކުރިން މާޒިޔާއަށް ކުޅުނު އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އީގަލްސްގެ ފުރަތަމަ 11 އިން ފާހަގަކޮށްލެވުނެވެ.

މިރޭގެ މެޗަށް ނުކުތް އިރު، އީގަލްސްގެ ބައެއް ކުޅުންތެރިންގެ ރަޖިސްޓްރޭޝަން ނުނިމޭތީ އެކަމުގެ ކަންބޮޑުވުން އޮތް ކަމަށް ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ފާހަގަކޮށްފައިވާ އިރު، އަލަށް ގެންދިޔަ ބައެއް ދިވެހި ކުޅުންތެރިން މިރޭގެ ސްކޮޑުން ފެނިގެން ގޮސްފައެއް ނުވެއެވެ.

ރަނގަޅު ތަމްރީނުތަކެއްގެ އިތުރުން ސައުދީ އަރަބިއާގައި ކޭމްޕެއްވެސް ފުރިހަމަ ކުރުމަށްފަހު މެޗަށް ނުކުތް މާޒިޔާ ފުރަތަމަ ހާފުގައި ފެނުނީ މާބޮޑަށްވެސް ރަނގަޅަށެވެ. ކޯޗު އިވާން ވެންކޯވް ކޮލޭވްގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ މާޒިޔާއިން މެޗުގެ ކުރީކޮޅުގައިވެސް ރަނގަޅަށް ބޯޅަ ހިފަހައްޓައި، މެޗު ކޮންޓްރޯލް ކުރިއެވެ. މާޒިޔާގެ ޑިފެންޑަރު ހެލްމެޓަށް މެޗުގެ ކުރީކޮޅުގައި އަނިޔާވެ އޭނާގެ ބަދަލުގައި ހަލީލް ގަމާލް ކުޅެން ނެރެފައިވާ އިރު، ސެންޓަ ބެކަށް ޖެހިލީ މުހައްމަދު އިރުފާން (އިރޭ) އެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅުގައި މެދުތެރެއިން އިބްރާހީމް އައިސަމް އާއި ހުސައިން ނިހާން (ނިހާޓް)، މާޒިޔާގެ ގޭމް ކޮންޓްރޯލް ކުރަމުން ދިޔަ އިރު، މެޗުގެ 15 ވަނަ މިނެޓުގައި މާޒިޔާއިން ލީޑުވެސް ނެގިއެވެ. މެދުތެރެއިން ކުޅުނު ރަނގަޅު ބޯޅައެއްގައި އަރިމަތިން ހަމްޒާ މުހައްމަދު (ހަމްޕު) ކުރިއަށް ޖެހި ނަގައިދިން ބޯޅައިގައި އޭރިއާ ތެރޭގައި ހުސްކޮށް އޮވެ، ބޯޅަ ގޯލަށް ވައްދާލީ ހަންނައެވެ.

އެ ގޯލަށްފަހުވެސް މާޒިޔާއިން މެޗު ކޮންޓްރޯލް ކުރަމުން ދިޔައީ އީގަލްސްއަށް ފުރުސަތެއް ނުދީއެވެ. ފުރަތަމަ ގޯލަށް މާގިނައިރެއް ނުވެ، މެޗުގެ 18 ވަނަ މިނެޓުގައި މާޒިޔާގެ ދެވަނަ ގޯލުވެސް ޖެހިއެވެ. އަރިމަތިން ނަގައިދިން ހުރަސް، އޭރިއާ ތެރެއިން މޭމަތިން ޖައްސައި ކޮންޓްރޯލް ކޮށްލައި، ގޯލަށް ވައްދާލީ މި ސީޒަނަށް އެޓީމަށް ގެނައި ސާބިއާގެ ފޯވަޑް ސްޓެފަން މިހަލޮވިޗެވެ.

އޭގެ ފަހުންވެސް ފުރަތަމަ ހާފުގައި މެޗު ކޮންޓްރޯލްކޮށް މާޒިޔާއިން ކުޅުނު އިރު، އައިސަމް އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާ މަތަކޮށް ބޭރުކޮށްލީ އީގަލްސްގެ ގޯލު ބަލަހައްޓަމުން ދިޔަ މުހައްމަދު ޝަފީއު (ޗެކް) އެވެ.

މެޗުގެ ދެވަނަ ހާފަށް ނުކުމެ އީގަލްސްއިން ކުޅުން ރަނގަޅު ކުރިއެވެ. އިސްމާއީލް އީސަ (މެސީ) ގެ ބަދަލުގައި ބިދޭސީ ފޯވަޑް، ބްރެޒިލްގެ އިވާން ކާލޯސް ކުޅުން ނެރެފައިވާ އިރު، ފޯމޭޝަނަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައިވެއެވެ. ފޭދޫ އިއްބެ މެދު ތެރެއަށް ޖެހި އީގަލްސްއަށް ފުރުސަތު ތަނަވަސްކޮށްދޭން މަސައްކަތް ކޮށްފައިވާ އިރު، ހާފުގެ ކުރީކޮޅުގައި އަހުމަދު ރިޒުވާން (ރިޒޭ) ގެ ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. އަދި އޭގެ ފަހުން 50 ވަނަ މިނެޓުގައި އުފެއްދި ކައުންޓާއެއްގައި ކާލޯސް ފޮނުވާލި ހަމަލާ ގޯލަށް ވަން ނަމަވެސް، ރެފްރީ ނިންމީ އެ ބޯޅަ ފޮނުވާލި އިރު އިވާން އޮފްސައިޑު މަގާމެއްގައި ހުރި ކަމަށެވެ.

ދެވަނަ ހާފުގައި މެޗަށް އަނބުރާ ވަނުމަށް ކޯޗު ސާންތި ވަނީ މެދުތެރެއަށް ބަދަލުތަކެއް ގެނެސްފައެވެ. އިބްރާހީމް މުބީން އަހުމަދު ރަޝީދު (މުއްކި) އާއި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވެސް ކުޅެން ނުކުމެފައިވާ އިރު، މާޒިޔާގެ ހަމަލާތައް ހާފުގެ ކުރީކޮޅުގައި ފެނުނީ މަދުކޮށެވެ. އެހެން ނަމަވެސް އެޓީމުން މަޑުމަޑުން މެޗު ތެރެއަށް ވަދެ، ހާފުގެ ފަހު ކޮޅުގައި ނުރައްކާ ކުރަން ފެށިއެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ސްޓެފަންއާ އެކު ރަނގަޅު ކޮމްބިނޭޝަނެއް ހަދައި، ހަމްޕު އޭރިއާ ތެރެއަށް ވަދެ ޖެހި ބޯޅަ ބޭރަށް ދިޔަ އިރު، އަރިމަތިން އޭރިއާ ތެރެއަށް ވަދެ ހަލީލް ފޮނުވާލި ހަމަލާ މަތަކުރީ އީގަލްސްގެ ގޯލްކީޕަރު ޗެކެވެ.

އީގަލްސްއިން މެޗުގައި ޖެހި ގޯލު ފެނިގެން ދިޔައީ 72 ވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކަށް ކުރިއަށް އަރައި އީގަލްސްއަށް ގޯލު ޖަހައިދިނީ އެޓީމަށް އަލަށް ގެނައި ޑިފެންޑަރު ޖަހަންގީރު ބަހޯދީރެވެ. އެ ގޯލާއެކު އީގަލްސްއިން ހިތްވަރު ހޯދި ނަމަވެސް، އަނެއްކާވެސް މާޒިޔާއިން އެޓޭކް ކުރަން ފެށިއެވެ. ނާއިޒް ހަސަން (ދާދު) ގެ ބާރު ދުވެލީގެ ނުރައްކާ ފެންނަން ފެށި އިރު، އަރިމަތިން ހަމްޕު ޖެހި ބާރު ހަމަލާއެއް މަތަކުރީ ޗެކެވެ.

މެޗުގެ ފަހުކޮޅުގައި ދެ ޓީމަށްވެސް ހަމަލާތައް އުފައްދަން އުނދަގޫތައް ކުރިމަތިވެފައިވާ އިރު، މާޒިޔާއިން ވަނީ ޑިފެންސް ރަނގަޅުކޮށް އީގަލްސްއަށް އިތުރު ގޯލެއް ޖެހިޔަނުދީ ހިފަހައްޓައިފައެވެ. މާޒިޔާއިން ވަނީ ފަހު 10 ވަރަކަށް މިނެޓަށް އެޓީމަށް ފަހުން ގެނައި ޑިފެންޑަރު އެޑްގާރެސް ޒަރެސްކީސް ކުޅެން ނެރެފައެވެ.