ޕެރިހުގައި އަންނަ އަހަރު ބާއްވާ އޮލިމްޕިކްސްގެ އަންހެން ފުޓުބޯޅަ އިވެންޓަށް ކޮލިފައިވުމަށް ކުޅޭ އޭޝިއާގެ ކޮލިފައިން މުބާރާތުން ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު ނަން ނަގައިފިއެވެ.
ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އަފްގާނިސްތާނާއި ފަލަސްތީނާއި ތުރުކުމެނިސްތާން އަދި ޔޫއޭއީވެސް ވަނީ މުބާރާތުން ފަހުވަގުތު ނަން ނަގައިފިއެވެ. އޭގެ އިތުރުން ސަސްޕެންޝަންގެ ސަބަބުން ސްރީ ލަންކާއަށް ވަނީ މުބާރާތުގެ ފުރުސަތު ގެއްލިފައެވެ.
މިމަހު މިޔަންމާގެ ޔަންގޮންގައި ކުރިއަށްދާ ކޮލިފައިން ގްރޫޕް ބީގެ މެޗުތަކުގައި ވާދަކުރަން އޮތީ ބަންގްލަދޭޝް އާއި ރާއްޖެ އާއި އިރާން އަދި މިޔަންމާއެވެ. މި ކޮލިފައިން ބުރުގައި ބަންގްލަދޭޝް އިން ބައިވެރިނުވީ މާލީ ދަތިކަމާ ހުރެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވާ އިރު، ރާއްޖެއިން ނަން ނެގީ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި ކުޅުންތެރިން ވާހަކަ ދައްކައިގެންނެވެ.
ރާއްޖޭގެ ގައުމީ އަންހެން ޓީމުން ފެބްރުއަރީ މަހުން ފެށިގެން ކޮލިފައިންއަށް ފަރިތަކުރަމުން ދިޔަ ނަމަވެސް ނަން ނެގީ ރޯދަ މަހު ތެރޭގައި ކުޅެން ޖެހުމާއި ކޮލިފިކޭޝަންގެ ތާވަލުވެސް އޮތް ގޮތަށްވެސް ބަލައިގެންނެވެ.
"މެޗުތަކަށް ނުދާން ނިންމީ ކުޅުންތެރިންނާ އަޅުގަނޑު މަޝްވަރާ ކޮށްފައި. ރޯދައަށް ހުރެ މިޔަންމާ ކަހަލަ ގައުމެއްގައި މިހާރު އެހުރި ހޫނުމިނުގައި މެޗުތައް ކުޅުމަކީ ހަގީގަތުގައި އުނދަގޫތަކާ ދިމާވާނެ ކަމެއް. ދިވެހި ކުޅުންތެރިން ދުވަހަކު ވެސް އެކްސްޕީރިއަންސް ކޮށްފައިވާ ކޮންޑިޝަނެއް ނޫން. އެލެވަލްގެ މެޗުތަކެއް ރޯދައަށް ތިބެ، އެޓެމްޕަރޭޗާގައި ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް. އެރިސްކު އެހެން އޮތީމައާ އެކު ކުޅުންތެރިންނާ ވާހަކަ ދެއްކީމަ ކުޅުންތެރިން ވެސް އެއަށް އެއްބަސްވީމަ ހަގީގަތުގައި ވާދަނުކުރަން ނިންމީ،" ނިޒާމްބެ "ވަން" އަށް ބުންޏެވެ.
ނިޒާމްބެ ބުނީ މުބާރާތަށް ދިޔުމަށް އެފްއޭއިން ހުރިހާ ކަމެއް ހަމަޖައްސައިދިން ނަމަވެސް ނިންމުން ނިންމީ ކުޅުންތެރިން އެކަމަށް ބޭނުންވާނެތީ ކަމަށާއި ގައުމީ އަންހެން ޓީމަށް މުބާރާތް ގެއްލުނު ނަމަވެސް ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ގައުމީ ޓީމުގެ ސްކޮޑެއް އެކުލަވާލައި ކުރަމުންދާ ޕްރެކްޓިސްތަކަށް މެޗުތައް ނުލިބުމަކީ އަބަދުހެން ދެކެވޭ ވާހަކައެކެވެ. މިފަހަރުގެ މުބާރާތް ގެއްލުމަކީވެސް ޓީމަށް ގެއްލުމެކެވެ. އަދި ހާއްސަކޮށް މިއަހަރުވެސް ރާއްޖޭގެ އަންހެން ފުޓުބޯޅައިގެ މާ ބޮޑު ހަރަކާތެއް އެފްއޭގެ ފަރާތުން ގައުމީ ލެވެލްގައި ހިންގަން ރާވާފައި ނެތުމަކީވެސް އަންހެން ފުޓުބޯޅައަށް އޮތް ގޮންޖެހުމެކެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް