އައްޑޫ ސިޓީން ކުޑަކުއްޖަކު މީސްލްސްއަށް ޕޮޒިޓިވްވެއްޖެއެވެ.

މީސްލްސް ނުވަތަ ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އައްޑޫއިން މީސްލްސްއަށް ކުއްޖަކު ޕޮޒިޓިވްވެ، މީސްލްސް ޖެހުނުކަމަށް ބެލެވޭ އިތުރު ކުއްޖަކު ދެނެގަނެވިފައިވާތީ ސާމްޕަލް ނަގައި ޓެސްޓު ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އެ ދެ ކޭސްވެސް ފެނިފައިވަނީ ކުޑަކުދިންގެ ގައިން ކަމަށާއި ނަމަވެސް މިހާރު ބަލިފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެ ދެކުދިންގެ ފަރާތުން މީސްލްސް ފެތުރުމުގެ ފުރުސަތު ނެތް ކަމަށެވެ.

މީސްލްސް ނުވަތަ ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށާއި އެހެންކަމުން ބަލީގެ އެންމެ ކޭސްއެއް ފެނުނަސް ބަލާނީ އައުޓްބްރޭކެއްގެ ގޮތުގައިކަމަށް އެޗްޕީއޭއިން ބުންޏެވެ.

"މިފަދަ ހާލަތުގައި އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތިން، ކޮންޓެކްޓުން ދެނެގަތުމާއި، ބަލި ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް މި އެޖެންސީގެ ލަފާގެ މަތިން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ދަނީ ކުރިއަށް ގެންދަވަމުންނެވެ. އަދި ވަރަށް އަވަހަށް ވެކްސިން ދޭން ޖެހޭ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ފެށޭނެއެވެ..،" އެޗްޕީއޭއިން ބުންޏެވެ.

  • ހުން އައުމާއެކު ހަމުގައި ރަތް ބިހިތަކެއް ނެގުން
  • ކެއްސުން
  • ނޭފަތުން އަރިދަފުސް ފޭބުން
  • ލޯ ރަތްވުން

އެއިން އެއްވެސް އާލާމާތެއް ފެނިޖެއްނަމަ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިމަބިހީގެ އައުޓްބްރޭކުގެ ކޭސް އިންވެސްޓިގޭޝަން އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން މައުލޫމާތު އެނގެމުންދާ މިންވަރަކުން ހާމަކުރަމުންދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.