ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް ދިނުމަށް އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލުން ގާސިމަށް ޓިކެޓް ދިނުމަށް ފާސްކުރީ މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމެއްގައެވެ. ކައުންސިލުން އެގޮތަށް ފާސްކުރި އިރު، ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލި ހަމައެކަނި ބޭފުޅަކީ ވެސް ގާސިމެވެ.

ޖުމްހޫރީ ޕާޓީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ގާސިމަށް ރިޔާސީ ޓިކެޓް ދިނުމަށް ކައުންސިލުން ފާސްކުރީ އިއްތިފާގުން ކަމަށެވެ. އަދި ޕާޓީގެ ކައުންސިލުން ވަނީ ރިޔާސީ ކެންޑިޑޭޓަކަށް ގާސިމް ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައި ކަމަށެވެ.

"ޖޭޕީ ކައުންސިލް 153 ވަނަ ބައްދަލުވުމުގައި އިއްތިފާގުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާނީ ޕާޓީގެ ލިޑަރު ގާސިމް އިބްރާހީމް ކަމަށާއި އެ މަނިކުފާނު ކެންޑިޑޭޓަކަށް ޝަރުތު ހަމަވާކަމަށް ދެންމެ ފާސްކޮށްފި،" ޖުމްހޫރީ ޕާޓީން ބުންޏެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ނިންމީ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައެވެ. ޖުމްހޫރީ ޕާޓީއަކީ މިހާރުވެސް ސަރުކާރު ކޯލިޝަންގެ ބައިވެރިއެކެވެ. އެ ޕާޓީގެ ސްލޮޓުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ބޭފުޅުން އެބަ ތިއްބެވިއެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ހިމެނެއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި މަގާމުތަކުގައި ތިބި ބައެއް ބޭފުޅުން ވަނީ އެ ޕާޓީގެ ފަރާތުން ކެންޑިޑޭޓަކު ރިޔާސީ އިންތިހާބުގައި ވާދަކުރާތީ ޕާޓީން ވަކިވެވަޑައިގެންފައެވެ. އެބޭފުޅުންގެ ތެރޭގައި އެމްޑަބްލިޔުއެސްސީގެ ސީއީއޯ ހަސަން ޝާހު، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ފާހަގަކޮށްލެވެއެވެ.

އޭގެ އިތުރުން އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން، މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމެވެމުން އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ، ހިޔާލުތަފާތުވެފައިވާ ބަޔަކާއެކުގައި މަސައްކަތް ނުކުރެއްވޭނެ ކަމަށާއި އަދި އިންތިހާބާ ހަމައަށް އެކުގައި ނުތިބެވޭނަމަ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭއެވެ. އެމްއާރުއެމްއަކީ ސަރުކާރު ކޯލިޝަނެއްގެ ބައިވެރިއެއް ނަމަވެސް، މި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއިދުކުރެއްވުމަށް އެމްއާރުއެމުން އަދި ނިންމައިފައެއް ނުވެއެވެ.

އެމްޑީޕީ، އަދާލަތު ޕާޓީ އަދި އެމްޑީއޭ ހިމެނޭ ކޯލިޝަންގެ މަސައްކަތުން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.