ފްރާންސް ލީގު ވަންގައި ރޭ ޕީއެސްޖީން ކުޅުނު މެޗުގައި ލިޔޯން އަތުން 1-0ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.

ރޭ ޕީއެސްޖީން އަމިއްލަ ދަނޑުގައި ވި ބައްޔާއެކުވެސް އެ ޓީމު އަދި އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އެއީ މިހާތަނަށް ކުޅުނު 29 މެޗުން 66 ޕޮއިންޓާ އެކުގައެވެ. ނަމަވެސް ރޭ ތިން ޕޮއިންޓް ގެއްލުމުން ދެ ވަނައިގައި އޮތް ލެންސަށް ވަނީ އަނެއްކާވެސް ޕީއެސްޖީއާ ހަ ޕޮއިންޓަށް ގާތަށް ޖެހިލައިފައެވެ. ލެންސުން މިހާތަނަށް ކުޅުނު 29 ގައި އެ ޓީމުން ވަނީ 17 މޮޅު ހޯދައި، 60 ޕޮއިންޓް ހަމަކޮށްފައެވެ.

ރޭގެ މެޗުގެ ކުރިން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ނަން ކިޔުމާއެކު ބައެއް ޕީއެސްޖީގެ ސަޕޯޓަރުން ވަނީ ތުމުން ފުމެ، ދެކޮޅަށް އަޑު އުފުލައިފައެވެ. ނަމަވެސް އޭގެ ފަހުން ބައެއް ސަޕޯޓަރުން ވަނީ މެސީގެ އަޑުން ހަޅޭލަވައި، އޭނާއަށް ހިތްވަރު ދޭންވެސް މަސައްކަތްކޮށްފައެވެ.

ޕީއެސްޖީގެ ސަޕޯޓަރުން މެސީއަށް ފާޑުކިޔަން ފަށާފައި މިވަނީ ޗެމްޕިއަންސް ލީގުގެ އުންމީދުތަކަށް އަނެއްކާވެސް ހުރަސް އެޅިފައިވުމާ އެކު އެވެ. ޕީއެސްޖީއަށް މެސީ ގެންދިޔަ ފަހުންވެސް އެ ޓީމުން ކުޅުނު ދެ ސީޒަނުގެ ޗެމްޕިއަންސް ލީގުގައިވެސް ކަޓައިގެން ދިޔައީ ގަދަ 16 އިންނެވެ. މެސީގެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަދާފައި އޮތްއިރު، އެ އެއްބަސްވުން އާކުރުމާމެދު މެސީ އަދި ގޮތެއް ނުނިންމައެވެ.

މެސީ ޕީއެސްޖީގައި މަޑުކުރުވަން އެ ކްލަބުން މަސައްކަތް ކުރަމުންދާއިރު، ބާސާއިންވެސް ވަނީ މެސީ އަނބުރާ އެ ކްލަބަށް ގެންދަން މަސައްކަތް ކުރާ ކަމަށް ބުނެފައެވެ.

ޕީއެސްޖީއާއި ލިޔޯން ރޭ ވާދަކުރި މެޗުގެ ފެށުން 10 މިނެޓަށް ވަނީ ފަސްކޮށްފައެވެ. އެއީ ލިޔޯންގެ ބަސް ފުރަތަމަ ދަތުރުކުރި މަގުން އެ ޓީމަށް ސްޓޭޑިއަމަށް ދާން އުނދަގޫތަކާ ކުރިމަތިވެގެންނެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް އެންމެ އެކަށީގެންވާ ހަމަލާތަކެއް ފެނިގެން ގޮސްފައި ނުވާއިރު، ލިޔޯންއަށް ވަނީ ޕެނަލްޓީއެއް ލިބި ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ލިޔޯންއަށް ގޯލު ޖެހުމަށް ލިބުނު ޕެނަލްޓީގައި އެލެކްސެންޑްރާ ލަކަޒެޓް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ދެވަނަ ހާފަށް ނުކުމެ މާ ގިނައިރެއް ނުވެ ލިޔޯންއަށް ލީޑު ނަގައި ދިނީ ބްރެޑްލީ ބާކޯލާއެވެ.

ޕީއެސްޖީން ވޯލްޑް ކަޕަށް ފަހު ކުޅުނު 18 މެޗުގެ ތެރެއިން އެ ޓީމު ވަނީ ހަތް މެޗުން ބަލިވެފައެވެ. ވޯލްޑް ކަޕްގެ ކުރިން ޕީއެސްޖީން ވަނީ ބަލިނުވެ 22 މެޗު ހަމަކޮށްފައެވެ.