ސްޕެނިޝް ލީގުގައި މިރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި 6-0 އިން ރެއާލް ވަލަޑޮލިޑް ބަލިކޮށްފިއެވެ.
ރެއާލް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި މިރޭ ހޯދި ބޮޑު މޮޅާއެކު އެޓީމުން ވަނީ އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާއާ 12 ޕޮއިންޓަށް ގާތްކޮށްފައެވެ. 27 މެޗުން 59 ޕޮއިންޓް ރެއާލްއަށް ލިބިފައިވާ އިރު، ބާސާއިން ވަނީ 27 މެޗުން 71 ޕޮއިންޓް ހޯދައިފައެވެ.
މިރޭގެ މެޗުގައި ރެއާލްއިން ލީޑު ނެގީ ރޮޑްރީގޯގެ ގޯލުންނެވެ. ރޮޑްރީގޯ ރެއާލްއަށް 22 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ މާކޯ އަސެންސިއޯ ދިން ޕާހަކުންނެވެ. ފުރަތަމަ ހާފުގައި ރެއާލް އިތުރު ތިން ގޯލެއް ޖެހި އިރު، އެ ތިން ގޯލަކީވެސް ކަރިމް ބެންޒެމާ ޖެހި ތިން ގޯލެވެ.
ބެންޒެމާ 29 ވަނަ މިނެޓުގައި އޭނާގެ ފުރަތަމަ ގޯލު ޖެހި އިރު، ދެން އަނެއް ދެ ގޯލު ޖެހީ 32 ވަނަ މިނެޓާއި 36 ވަނަ މިނެޓުގައެވެ. ބެންޒެމާ ޖެހި ފުރަތަމަ ދެ ގޯލަށް ބްރެޒިލްގެ ވިނީޝިއަސް ޖޫނިއާ އެސިސްޓް ކޮށްދިން އިރު، ތިންވަނަ ގޯލަކީ އޯވަހެޑަކުން ޖެހި ގޯލެކެވެ.
މިރޭ ބެންޒެމާ ހަތް މިނެޓް ތެރޭގައި ހެޓްރިކް ފުރިހަމަ ކޮށްފައިވާ އިރު، އެއީ 1992 ވަނަ އަހަރު ފެނާންޑޯ ހިއޭރޯ ހަ މިނެޓް ތެރޭގައި ރެއާލްއަށް ހަދައިދެން ހެޓްރިކަށްފަހު އެންމެ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ކުޅުންތެރިޔަކު ފުރިހަމަ ކުރި ހެޓްރިކެވެ. ހިއޭރޯ ރެއާލްއަށް ލީގުގައި އޭރު ހެޓްރިކް ހަދައިދިނީ އެސްޕަނިޔޯލްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. ރެއާލް އެ މެޗުގައި އެސްޕަނިޔޯލް ބަލިކުރީ 7-0 ގެ ނަތީޖާއަކުންނެވެ.
ދެވަނަ ހާފުގައި އަސެންސިއޯ އާއި ލޫކަސް ވަޒްކުއޭޒް އިތުރު ގޯލުތައް ޖެހި އިރު، މިރޭގެ މެޗުގައި އެޑެން ހަޒާޑް ކުޅެން ނުކުމެ، ފަހު ގޯލަށް އެސިސްޓް ކޮށްދިނެވެ. މިރޭގެ މެޗަށް ހަޒާޑް ނުކުތީ އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހުއެވެ. މިރޭގެ މެޗުގެ ކުރިން ހަޒާޑް އެންމެފަހުން ރެއާލްއަށް މެޗެއް ކުޅެފައި ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގައެވެ.
ރެއާލްއިން ދެން ކުޅޭ މެޗަކީ ކޮޕާ ޑެލް ރޭ ސެމީ ފައިނަލް ދެވަނަ ލެގުގައި ބާސާއާ ދެކޮޅަށް ކުޅޭ މެޗެވެ. ބުދަ ދުވަހުގެ ރޭ ކުޅެން އޮތް މެޗަށް ނުކުންނަ އިރު، ފުރަތަމަ ލެގު ބާސާއިން ވަނީ 1-0 އިން ކާމިޔާބު ކޮށްފައެވެ. ދެވަނަ ލެގު އޮންނާނީވެސް ބާސާ ދަނޑުގައެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ