ފުޓުބޯޅައަކީ ކޮންމެ ނަތީޖާއެއްވެސް ނުކުމެދާނެ އެއްޗެއް ކަމަށާއި، ޗެރިޓީ މެޗަށް ނުކުންނަ އިރު، ކްލަބު އީގަލްސްގެ އަތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ނަތީޖާ ނެރުމުގެ ތާރީހެއް އެބައޮތް ކަމަށް ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ބުނެފިއެވެ.

މާޒިޔާއާއި އީގަލްސް ވާދަކުރާ ޗެރިޓީ ޝީލްޑް މެޗު މާދަމާ ރޭ 10:00 ގައި އޮންނަ އިރު، އެ މެޗަށް ތައްޔާރުވުމަށް އީގަލްސްއިންވެސް 38 ޕްރެކްޓިސް ކޮށް، ރަނގަޅަށް ތައްޔާރުވެފައިވާނެ ކަމަށް ކޯޗު ސާންތި ބުންޏެވެ. މިއަދު ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގެ ވީއައިޕީ ރޫމްގައި ބޭއްވި ޕްރި މެޗު ޕްރެސްގައި ސާންތި ބުނީ ޓީމުގެ ރޫހު އޮތީ ރަނގަޅަށް ކަމަށާއި، ކަންބޮޑުވުމަކަށް އޮތީ ބައެއް ޓްރާންސްފާތަކުގެ ރިލީސް ކަންތައް ހަމަނުޖެހި އޮތް އޮތުން ކަމަށެވެ.

"ވަރަށް ރަނގަޅު ރޫހެއްގައި ޓީމު އޮތީ. ހާއްސަކޮށް އަޅުގަނޑަށްވެސް ތަފާތު އިހުސާސެއް ކުރެވޭ އީގަލްސްއަށް ދިޔައީމަ. އެއީ އަޅުގަނޑު މީހަކަށް ހަދައިދިން ތަނަށް ދެވުމުން އެ ކުރެވޭ އިހުސާސް ތަފާތު. ކުދިކުދި ކަންކަން އެބަހުރި އެހެން ބުންޏަސް. ކުޅުންތެރިންގެ ރިލީސް ކަންތައް އަދި ހަމަނުޖެހުމަކީ ކޯޗެއްގެ ހައިސިއްޔަތުން އޮތް ބޮލުގައި ރިހުމެއް. ރިލީސް ކަންތައް ހަމަޖެހޭނެ ކަމަށް އުންމީދުކުރަނީ. އެކަމަކު ޕްލޭން ބީއަކާވެސް އެކު ވިސްނަމުން މިދަނީ،" ސާންތި ބުންޏެވެ.

ރާއްޖޭގެ ފުޓުބޯޅައިގައި މިދިޔަ ހައެއްކަ އަހަރުވެސް އެންމެ ވަރުގަދަ ޓީމަކަށް ފެނުނީ މާޒިޔާއެވެ. އެޓީމަކީ މިދިޔަ ފަސް ވަރަކަށް އަހަރު ދިވެހި ފުޓުބޯޅައިގައި އެންމެ ކާމިޔާބު ޓީމުވެސް މެއެވެ. މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް އީގަލްސްއިންވެސް މުހިއްމު ކުޅުންތެރިންތަކެއް މާޒިޔާއިން ގެންގޮސްފައިވާ އިރު، ގިނަ ބައެއްގެ ނަޒަރުގައި ޗެރިޓީ ޝީލްޑް މެޗުގެ ފެވަރިޓުންނަކީވެސް މާޒިޔާއެވެ. އެހެން ނަމަވެސް ދެޓީމުގެ ހެޑް ޓު ހެޑަށް ބަލައި، އީގަލްސްއިން މާޒިޔާއަށް ޗެލެންޖް ކުރާނެ ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.

"މާޒިޔާއާއި އީގަލްސްއާ އެބައޮތް ތާރީހެއް. އީގަލްސްއަށް ނަތީޖާތައްވެސް ބުރަވެފައި އެބަހުރި. މާޒިޔާ ވަރަށް ވަރުގަދަކޮށް އޮއްވައިވެސް އެބަހުރި އީގަލްސްއިން ނަތީޖާ ނެރެފައި. އެކަންތައް ތަކުރާރުވުންވެސް އެކަށީގެންވޭ. އެއީ އަބަދުވެސް ގަބޫލުކުރަން ޖެހޭނެ ކަމެއް. އެކަމަކުވެސް މާޒިޔާއަކީ ވަރަށް ވަރުގަދަ ޓީމެއް. ގައުމީ ޓީމުން އެންމެފަހުން ކުޅުނު އެކުވެރިކަމުގެ މެޗަކީވެސް މާޒިޔާއަށް ލިބުނު އެކުވެރިކަމުގެ މެޗެއްގެ ގޮތުގައި ބަލަނީވެސް. އެހެންވީމަ ހުރިހާ ގޮތަކުންވެސް މާޒިޔާ ވަރަށް ވަރުގަދަކޮށް އޮތީ. އެކަމަކު ކިތަންމެ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރުވެސް އޮންނާނެ ކުރެވިދާނެ ކަންތައްތަކެއް. އެކަންކަމަށް ކޯޗެއްގެ ހައިސިއްޔަތުން ފޯކަސް ކުރާނީ،" ސާންތި ބުންޏެވެ.

މިދިޔަ ސީޒަނުގައި މާޒިޔާއާއި އީގަލްސް ވާދަކުރި ތިން މެޗުގެ ތެރެއިން އެއް މެޗުގައި އީގަލްސްއިން މާޒިޔާ ބަލިކުރިއެވެ. އަދި އޭގެ ކުރިން ސީޒަނުގައި އީގަލްސް އެއް މެޗުގައި މާޒިޔާއާ އެއްވަރުކުރިއެވެ. އޭގެ ކުރިން 2020 ވަނަ އަހަރުގެ ސީޒަނުގައި މާޒިޔާއާއި އީގަލްސް ވާދަކުރި މެޗުންވެސް އީގަލްސް މޮޅުވި އިރު، އޭގެ ކުރިން ސީޒަނުގެ ޗެރިޓީ ޝީލްޑްގައިވެސް އީގަލްސްއިން ވަނީ މާޒިޔާ ބަލިކޮށްފައެވެ.

މާޒިޔާއިން މި ސީޒަނަށް އީގަލްސްގެ އެންމެ ސީނިއާ ތިން ކުޅުންތެރިން ކަމަށްވާ ކެޕްޓަން ހުސައިން ޝިފާއު (ކްރޯ) އާއި ހަސަން ރާއިފް އަހުމަދު (ހަންނަ)ގެ އިތުރުން އަހުމަދު ނޫމާން (ހެލްމެޓް) ވެސް ވަނީ އެޓީމަށް ގެންގޮސްފައެވެ. ސާންތިގެ ނަޒަރުގައި އެ ތިން ކުޅުންތެރިންވެސް ފޫބައްދަން އުނދަގޫވާނެއެވެ. އެހެންނަމަވެސް މިހާރުގެ ސްކޮޑުގައިވެސް ހިތްހަމަ ޖެހޭނެ ގިނަ ކަންތައްތަކެއް ހުރި ކަމަށް ސާންތި ބުންޏެވެ.

"ވަރަށް ރަނގަޅު ސްކޮޑެއް މިއޮތީ. މިހާރު ޓީމުގައި ތިބި ސީނިއާ ބައެއް ކުޅުންތެރިންނާއި، އަލަށް އައި ކުޅުންތެރިން ވަރަށް ރަނގަޅަށް ގުޅިއްޖެ. އަބަދުވެސް މި ކްލަބު ތެރޭގައި ކުޅުނު ކުޅުންތެރިން އެނބުރި އައުންވެސް އެއީ ހިތްވަރެއް. އީގަލްސްއަށް ކުރިން ކުޅެ، ދުރަށް ދިޔަ މުއްކިއާއި ޝިފާންޓޭ ފަދަ ކުޅުންތެރިން މީގެ ތެރެއަށް އައިސް އަޅުގަނޑު ކައިރީގައި މިތިބީ. އަދި އީސަ ކަހަލަ ކުޅުންތެރިން މީގެ ތެރޭގައި ލީޑު ކުރާތަން އެބަފެނޭ. އެހެންވީމަ ރަނގަޅު ރޫހެއް ފެނިގެން އެބަދޭ،" ކުރިން 2011 އަހަރުން ފެށިގެން 2017 ވަނަ އަހަރަށް އީގަލްސްގެ ކޯޗުކަމުގައި ހުރި ސާންތި މިއަދު ބުންޏެވެ.

ސާންތި ފާހަގަކުރީ ސީޒަނުގައި ކުރިއަށްދާ އިރު، ބިދޭސީ ކުޅުންތެރިންގެ ތަފާތު ވަރަށް ބޮޑަށް ފެންނާނެ ކަމަށާއި، މިވަގުތު އީގަލްސްގައި ތިބި ބިދޭސީ ކުޅުންތެރިންގެ ފެންވަރު ޓެސްޓްކޮށްލަން ލިބޭނެ ފުރުސަތަކީވެސް މާޒިޔާއާ ދެކޮޅަށް ކުޅެން އޮތް ޗެރިޓީ މެޗު ކަމަށް ސާންތި ބުންޏެވެ.

ސާންތި ފާހަގަކުރީ ޕްރެޝަރުގައި މެޗެއް ކުޅެލަން އަދި ނުލިބި އޮތުމަކީ ތައްޔާރީތަކަށް ފުރިހަމަކަން ނުލިބި އޮތް ސަބަބެއް ކަމަށާއި، ޓީމު ޓެސްޓް ކޮށްލަން ފުރުސަތެއް ހަގީގަތުގައި ނުލިބޭ ކަމަށެވެ. އިތުރު ގިނަ ކްލަބުތަކެއް މިވަގުތު ތަމްރީނުތައް ހަދަމުން ނުދާތީ އީގަލްސްއިން ސީޒަނަށް ތައްޔާރުވާން އެކުވެރިކަމުގެ މެޗުތައް ކުޅުނީ ޒުވާން 19 އަހަރުން ދަށު ޓީމާ ދެކޮޅަށެވެ. ސާންތި ބުނީ އީގަލްސްއަށްވުރެ މާޒިޔާއަށް އޮތް ބޮޑު އެއް ފައިދާއަކީ އެކުވެރިކަމުގެ މެޗުތަކަކާއެކު ޓީމު ދަސްކުރަން ކޯޗަށް ފުރުސަތު ލިބިފައި އޮތުން ކަމަށެވެ.

މީގެ ކުރިން އީގަލްސްގެ ކޯޗުކަމުގައި ސާންތި ކުރި މަސައްކަތަކީ ޒުވާން ޓީމެއް ބިނާކުރުމުގެ މަސައްކަތެވެ. ސާންތި އެކަން އީގަލްސްގައިވެސް ވަރަށް ރަނގަޅަށް ކޮށްފައިވެއެވެ. އޭރު އުފެއްދި ޒުވާން ޓީމާއެކު 2016 ވަނަ އަހަރު އީގަލްސްއިން ވަނީ ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކޮށް، އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ބޮޑު ތަށި ހޯދައިފައެވެ. ސާންތީގެ ނަޒަރުގައި އެ މަސައްކަތް މިހާރު ނިމިއްޖެއެވެ. ދެން އޮތީ ނާތީޖާ ނެރުމުގެ މަސައްކަތެވެ.

"އީގަލްސްގައި މިހާރު ކުރަމުން މިދަނީ ކުރިން ކްލަބުގައި ކުރި މަސައްކަތެއް ނޫން. ތަފާތު މަސައްކަތެއް. ކުރިން ޓީމެއް ބިނާކުރުމަށް، ޔޫތު ޓީމެއް ހަދަން ފޯކަސް ކޮށް މަސައްކަތް ކުރި ނަމަވެސް މިހާރު އެކަން ނިމި ނަތީޖާ ނެރެން ބޭނުންވަނީ. އެހެންވީމަ ނަތީޖާ ނުނެރެވިއްޖެނަމަ މިތަނުގައި ހުންނަން އުނދަގޫވާނެ. ކުރިން ހަވާލުވި މަސައްކަތެއް ނޫން މިހާރު ހަވާލުވެފައި މިއޮތީކީވެސް. އޭރު ބުނަމުން ދިޔައީ ތަށްޓަކައި ކައިރިވާ ވާހަކަ. އޭރު އޮތީ ޓީމެއް ބިނާކުރުން. އެކަން ވަރަށް ރަނގަޅަށް ކޮށް، އެ ސްޓޭޖު ނިންމައި ނަތީޖާ ނެރެން ދެން ބޭނުންވަނީ. އަބަދަކު ޒުވާން ކުޅުންތެރިން އުފައްދަން ހުންނަ ކޯޗަކަށް ވާން ބޭނުމެއްވެސް ނޫން. މިހާރު ބޭނުން ނަތީޖާ ނެރެން ނުކުމެ، އެކަމުގެ ޕްރެޝަރު ތަޖުރިބާ ކޮށްލަން. އީގަލްސްއަކީ ގާތް ޓީމެއް ނަމަވެސް ޕްރެޝަރު އޮންނާނެ ނަތީޖާ ނެރެން. އެއީ ނަތީޖާ ނޫން އެއްޗެއް ފުޓުބޯޅައިގަ ނޯންނާނެތީ. ފުޓުބޯޅައިގެ ހިތްގައިމު ކަމަކީ ޕްރެޝަރު،" ސާންތި ބުންޏެވެ.

އީގަލްސްއަށް އެ ޕްރެޝަރު އޮތް ނަމަވެސް ސާންތި ބުނީ މާދަމާ ރޭގެ މެޗުގައި ޕްރެޝަރު ބޮޑީ މާޒިޔާއަށް ކަމަށާއި، އެއީ އެ ޓީމުން ސީޒަނަށް ކުރާ ހަރަދާއި، އެޓީމުން ސީޒަނަށް ވާ ތައްޔާރީތަކަށް ބަލައިފައި ކަމަށެވެ.