މާދަމާ ރޭ އޮންނަ ސީޒަން ހުޅުވާ، ޗެރިޓީ ޝީލްޑް މެޗުގައި އިދިކޮޅަށް ނުކުންނަ ކްލަބު އީގަލްސް ނުރައްކާވާނެ ކަމަށާއި، ކުރިން މެޗުތައް ބަލައިލުމުން އެކަން ފެންނަ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗު ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް ބުނެފިއެވެ.
ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގެ ވީއައިޕީ އޭރިއާގައި މިއަދު ބޭއްވި ޕްރި މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން ކޯޗު އިވާން ބުނީ ފުޓުބޯޅަ މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކެއްވުމުން، މިފަހަރު ސީޒަނަށް ތައްޔާރުވާން ޖެހުނީ "ސުމަކުން" ކަމަށެވެ.
"ހަގީގަތަށް ބުނާނަމަ ފުރަތަމަ ފަރިތަކުރުންތަކުގައި ކުޅުންތެރިން ޖޮގިން ކޮށްލުމުން ބުންވަރު ހުރި މިންވަރުން އަހަރެން ހައިރާންވި. އޭރު ކުޅުންތެރިންގެ ފިޓްނަސް ލެވެލް ހުރީ ސުމެއްގައި. އެކަމަކު އޭގެފަހުން ސައުދީ ކޭމްޕާއި އެހެން ހުރިހާ ތަމްރީނުތަކެއްގައި ވަރަށް ރަނގަޅަށް، ވަރަށް ބުރަކޮށް މަސައްކަތް ކޮށް، މިހާރު 80 ނޫނީ 90 ޕަސެންޓަށް ފިޓްނަސް ޖައްސާލެވިއްޖެ،" އިވާން ބުންޏެވެ.
ރާއްޖޭގެ ފުޓުބޯޅަ ސީޒަން މެދުކެނޑިފައި އޮންނަތާ ގާތްގަނޑަކަށް ހަތް މަހަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، މާޒިޔާއަކީ އެންމެ ފުރަތަމަ ތައްޔާރުވާންވެސް ފެށި ޓީމެވެ. ބޮޑެތި ޓްރާންސްފާތަކަކާއެކު ސްކޮޑު ވަރުގަދަކޮށް، މާޒިޔާއިން ވަނީ ފެބްރުއަރީ މަހުގެ ތެރޭގައި ފަރިތަކުރުންތަކަށް ނުކުމެފައެވެ. އެޓީމުން ރާއްޖޭގައި ފަރިތަކޮށް، އިތުރު ތައްޔާރީތަކަށް ސައުދީ އަރަބިއާގައި ކޭމްޕެއްވެސް ފުރިހަމަ ކޮށްފައިވެއެވެ.
"އަހަރެމެން މި މެޗަށް ރަނގަޅަަށް ތައްޔާރުވާނަން. އިދިކޮޅު ޓީމަށް ވަރަށް ބޮޑަށް އިހުތިރާމުވެސް ކޮށްގެން ނުކުންނާނީ. އެޓީމުގެ ސިސްޓަމަށްވެސް އިހުތިރާމު ކުރަން ޖެހޭ. މާޒިޔާގެ މެނޭޖުމަންޓަށް ޝުކުރު އަދާކުރަން ފުރުސަތުތައް ހޯދައިދިނީތީ. ވަރަށް ރަނގަޅު ކޭމްޕެއް ސައުދީގައިވެސް ކުރަން ލިބުނީ. ކޭމްޕުން އެނގުނު ކުޅުންތެރިންގެ ފެންވަރު މިނެކިރާލަން. ކުރިން ނޭނގޭ ޓީމުގައި ތިބި ކުޅުންތެރިންނެއް. މިހާރު އެނގޭނެ ކުޅުންތެރިންނަށް ދަނޑުމަތީގައި ދެއްކޭނެ ތަފާތު،" އިވާން ބުންޏެވެ.
ކުރިން އިންޑޮނޭޝިއާއާއި މިޔަންމާ ގައުމީ ޓީމުގެ އިތުރުން އޭޝިއާގެ ގިނަ ކްލަބުތަކަކަށް ކޯޗުކަން ކޮށްދީފައިވާ އިވާން ބުނީ އީގަލްސްގެ ކުރީ އަހަރުގެ މެޗެއް ބަލައި، އެޓީމަށް ވިސްނާފައިވާނެ ކަމަށާއި، މާދަމާ ރޭގެ މެޗު ފަސޭހަ ނުވާނެ ކަމަށެވެ.
"އީގަލްސްގެ ކުރީ އަހަރުގެ މެޗެއް ބަލައިލިން. އެ މެޗުން އެނގުނު އީގަލްސް ނުރައްކާވާނެކަން. އެޓީމުން ވަރަށް ޖޯޝުގައި ކުޅުނު މެޗެއް އެއީ. އަބަދުވެސް އުނދަގޫވާނެ އެކަހަލަ ޓީމަކާ ދެކޮޅަށް ކުޅެން. އީގަލްސްއަށް ފުރުސަތެއް ނުދީ ހިފަހައްޓާލަން ޖެހޭނެ. ހަނި ފުރުސަތެއް ލިބުނަސް އީގަލްސްއިން ފުރުސަތުގެ ބޭނުންކުރާނެ،" ކޯޗު އިވާން ބުންޏެވެ.
ކޯޗު އިވާން ބުނީ ލޯކަލް ޓީމުތަކާއެކު އެކުވެރިކަމުގެ މެޗުތައް ނުލިބުމަކީ އުނދަގޫތަކެއް ދިމާވި ކަމެއް ކަމަށެވެ. މިވަގުތު ލީގަށް ފަރިތަކުރަމުންދަނީ ކްލަބު އީގަލްސްއާއި މާޒިޔާގެ އިތުރުން ބުރު ސްޕޯޓްސް ކްލަބެވެ. ބުރުން ޕްރެކްޓިސް ފެށީވެސް ރޭގައެވެ. ރާއްޖޭގައި މާޒިޔާއަށް އެކުވެރިކަމުގެ މެޗެއް ކްލަބަކާ ދެކޮޅަށް ނުލިބުނު ނަމަވެސް، ގައުމީ ޓީމުން އެންމެފަހުން ޕާކިސްތާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު އެއީ ފައިދާތަކެއް ކުރި މެޗެއްކަމަށް އިވާން ބުންޏެވެ. ހާއްސަކޮށް އެ މެޗުގެ ފުރަތަމަ 11 އަށް މާޒިޔާގެ ކުޅުންތެރިން ނެރުމަކީ މާޒިޔާއަށް ލިބުނު މުހިއްމު ތަޖުރިބާއެއް ކަމަށް ކޯޗު އިވާން ބުންޏެވެ.
"ރާއްޖޭގައި އެންމެ އުނދަގޫވާ އެއްކަމަކީ އެކުވެރިކަމުގެ މެޗުތައް ކްލަބަށް ނުލިބުން. ރާއްޖެއިން ޕާކިސްތާނާ ދެކޮޅަށް ކުޅުނު ގައުމީ ޓީމުގެ މެޗަކީ މާޒިޔާއަށް އެކުވެރިކަމުގެ މެޗެއްގެ ގޮތުގައި އަހަންނަށް ފެނުނީ. އެހެން ސްޓައިލަކަށް އެހެން ކޯޗަކާއެކު ކުޅުނު ނަމަވެސް އެ މެޗަކީ މާޒިޔާއަށް ފައިދާތަކެއް ކުރި މެޗެއް. އެ މެޗު ލިބުމުން ވަރަށް ހިތްހަމަ ޖެހުނު،" އިވާން މިއަދުގެ ޕްރެސްގައި ބުންޏެވެ.
ކޯޗެއްގެ ގޮތުގައި އިވާން ވަނީ މީގެ ކުރިން ރާއްޖެއަށް ތިން ފަހަރެއްގެ މަތިން އައިސްފައެވެ. އެއްފަހަރު ގައުމީ ޓީމާ ދެކޮޅަށް މެޗެއް ކުޅެން އިވާން ރާއްޖެ އައިސްފައިވާ އިރު، މިޔަންމާގެ ޔަންގޮން ޔުނައިޓެޑްގެ ކޯޗުގެ ގޮތުގައި އޭނާ ވަނީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ ނިއު ރޭޑިއަންޓާ ދެކޮޅަށް ނުކުމެފައެވެ. އެގޮތުން، ނިއު އަތުން މާލޭގައި 3-1 އިން ބަލިވި އިރު، މިޔަންމާގައި ކުޅުނު މެޗުން ވަނީ 2-0 އިން މޮޅުވެފައެވެ.
އެ މެޗުތަކުގެ ތަޖުރިބާއަށް ބަލައި، އިވާން ބުނީ ރާއްޖޭގައި ހުނަރު އެބަހުރި ކަމަށާއި، އެވާހަކަ އަބަދުވެސް ބުނަމުންދާ ކަމަށެވެ.
އެފްއޭއެމުން ލީގު ފެށުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗު އޮންނާނީ މާދަމާ ރޭ 10:00 ގައެވެ.
ޗެރިޓީ ޝީލްޑް
ޗެރިޓީ ޝީލްޑް
ޗެރިޓީ ޝީލްޑް