ޚަބަރު

ޖެނެރަލް މެނޭޖަރުކަމުން ވަކިކުރި މުޖުތަބާއަށް އެމަގާމުދޭން އެމްއޭސީއެލްގެ މައްޗަށް އަމުރުކޮށްފި

އިބްރާހިމް ޒަކީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޖެނެރަލް މެނޭޖަރުކަމުން ވަކިކުރި، ގއ. ދާންދޫ، މުޝްތަރީގެ، މުޖްތަބާ ލަތީފަށް އަލުން އެ މަގާމު ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމްއޭސީއެލްގެ މައްޗަށް އަމުރު ކޮށްފިއެވެ.

މުޖުތަބާގެ ފަރާތުން ހުށަހެޅި މި މައްސަލައިގައި ބުނެފައި ވަނީ، ފަނަރަ ޖެނުއަރީ 1997 އިން ފެށިގެން އެމްއޭސީއެލްގައި މުޖުތަބާ ވަޒީފާ އަދާކުރަމުން ދަނިކޮށް، ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް 14 ޑިސެމްބަރު 2017 ގައި އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅައި، އެ މައްސަލަ ހިނގަމުން ދަނިކޮށް މައްސަލަ އަނބުރާ ނަގުވައި، އޭރު އަދާކުރަމުންދިޔަ ޖެނެރަލް މެނޭޖަރުގެ މަގާމަށް އަނބުރާ ރުޖޫއަ ކުރުމަށްފަހު، ކޮމާޝަލް ޑިޕާޓްމަންޓް ހިންގުން ހަވާލުކުރި ކަމަށެވެ.

ނަމަވެސް އޭގެ ފަހުން ކޮމާޝަލް ޑިޕާޓްމަންޓް ވަގުތީ ގޮތުން ހިންގަވާނީ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރު ކަމަށް، އެކެއް އޮގަސްޓު 2019 ގައި އިންޓާނަލް މެމޯއަކުން އޭނާއަށް އެންގި ކަމަށާއި، އެކަމާ ގުޅޭ ގޮތުން ކުންފުނީގެ ބޯޑުގެ ގަވާނެންސް، ނޮމިނޭޝަން އެންޑް ރެމިއުނިރޭޝަން ކޮމިޓީއާ ބައްދަލުކުރުމަށް ތިނެއް ސެޕްޓެމްބަރު 2019 ގައި އެދިފައިވަނިކޮށް، 23 ސެޕްޓެންބަރު 2019 ގައި އެކްޓިން މެނޭޖިން ޑިރެކްޓަރު އޭނާއާ ބައްދަލުކުރައްވައި މުޖްތަބާގެ ހިދުމަތް އިތުރަށް ބޭނުން ނުވާތީ ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބަޔާންކޮށް ސިޓީއެއް ހަވާލުކޮށް، ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް އޭނާ ވަޒީފާއިން ވަކިކުރީ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ޓްރައިބިއުނަލްކައި މުޖުތަބާ އެދިފައި ވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާހިލާފަށްކަމަށް ކަނޑައަޅައި އޭނާ އަދާކުރަމުންދިޔަ ވަޒީފާއަށް ނުވަތަ، އަދާކުރަމުންދިޔަ މަގާމާ އެއްފެންވަރެއްގެ މަގާމެއްގެ ވަޒީފާއެއް ދިނުމަށް އަމުރުކޮށްދިނުމަށާއި، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމުގައި ނުބެލުމަށާއި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މައްސަލަ ނިމި ވަޒީފާ ރުޖޫއަކޮށްދޭ ތާރީހާ ހަމައަށް ވަޒީފާގައި ހުރިނަމަ ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް އެކީ އެއްފަހަރާ ދޭންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށެވެ.

މުޖުތަބާ އަދާކޮށްފައި ވަނީ ކޮމާޝަލް ޑިޕާޓްމަންޓްގެ އެންމެ އިސްވެރިޔާގެ މަގާމުކަމަށާއި، އޭނާއަކީ ސީދާ މެނޭޖިން ޑިރެކްޓަރުގެ ދަށުން މަސައްކަތްކުރާ މެނޭޖިން ޑިރެކްޓަރަށް ޖަވާބުދާރީވާން ޖެހޭ ފަރާތެއްކަމަށް ބުނެ މި މައްސަލައިގައި އެމްއޭސިއެލް އިން އެދިފައި ވަނީ، މުޖުތަބާއަކީ ހިންގުމުގެ އިސްމަގާމުގައިވާ ފަރާތެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށާއި، މުޖުތަބާ ވަޒީފާއިން ވަކިކޮށްފައި ވަނީ، ވަޒީފާއާބެހޭ ގާނޫނާއި ދެފަރާތުގެ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމާއި، ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތީންކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ. އަދި މުޖުތަބާ އަދާކުރަމުންދިޔަ ވަޒީފާއާ އެއް ފެންވަރެއްގެ މަގާމެއް ދިނުމަށް އެމްއޭސީއެލްގެ މައްޗަށް އަމުރުކުރެވޭނެ ގާނޫނީ އަދި ޝަރުއީ އަސާސެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި، މުޖުތަބާގެ ފަރާތުން އެދިފައިވާ ފަދައިން މުސާރަ އާއި އިނާޔަތްތައް ނަގައިދެވޭނެ ގާނޫނީ އަދި ޝަރުއީ އަސާސެއް ނެތްކަމަށް ކަނޑައަޅުއްވައި ދެއްވުމަށް ވެސް އެދިފައިވެއެވެ.

މި މައްސަލަބެލުމަށްފަހު ޓްރައިބިއުނަލުން ފުރަތަމަ ނިންމި ނިންމުމުގައި ވަނީ، މުޖުތަބާއަކީ ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުންގެ ކެޓަގަރީއަށް ފެތޭ މީހެއްކަމަށާއި، ހިންގުމުގެ އިސްމަގާމުތަކުގައި ތިބޭ ފަރާތްތަކަކީ، ވަޒީފާއާބެހޭ ގާނޫނުގެ އެއްވަނަ ބާބުގައިވާ މާއްދާތަކުން އިސްތިސްނާ ވާނެ ބައެއް ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެ ބާބުން އިސްތިސްނާވާ ފަރާތްތަކުގެ މައްސަލަތައް ބެލުމުގައި އަމަލުކުރާނެ ގޮތް ކޯޓުތަކުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހިންގުމުގެ އިސްމަގާމުތަކުގައި ތިބޭ ފަރާތްތަކުގެ މައްސަލަތަކަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިހުތިސާސުން ބޭރުގައިވާ ކަމެއްކަމުގައި ކަނޑައަޅާފައިވާތީ، މި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ އިހުތިސާސުން ބޭރުގައިވާ ކަމެއްކަމުގައި ކަނޑައަޅާފައިވާތީ، މިފަދަ މައްސަލަތައް ބެލުމުގެ އިހުތިސާސް ލިބިގެންވަނީ ސިވިލް ކޯޓަށް ކަމުން، މި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލެން ނެތް މައްސަލައެއްކަމަށް ކަނޑައަޅާކަމަށެވެ.

ނަމަވެސް ޓްރައިބިއުނަލްގެ އެ ނިންމުން މުޖުތަބާގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ.

މައްސަލަަ ބެލުމަށްފަހު 29 އޯގަސްޓް 2022 ގައި ހައިކޯޓުން ހުރި ހުކުމުގައި ވަނީ، މުޖުތަބާ ވަޒީފާއިން ވަކިކުރުމުން، އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅީ ފަހެއް ޑިސެމްބަރު 2019 ގައި ކަމަށާއި، ވަޒީފާއާބެހޭ ގާނޫނަށް ގެނައި ހަ ވަނަ އިސްލާހަށް އަމަލު ކުރަންފެށި 22 ޑިސެމްބަރު 2020 އިންފެށިގެން، ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ އެފަދަ ފަރާތްތަކުގެ ވަޒީފާގެ މިފަދަ މައްސަލަތައް ބެލުމުގެ އިހުތިސޯސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިފައިވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ބެލުމުގެ އިހުތިސޯސް ކުރިން ސިވިލް ކޯޓަށް އޮތްއޮތުމަށް ނިމުން އައިސްފައިވާ ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

އެހެންކަމުން ޓްރައިބިއުނަލްގެ އެ ނިންމުން ބާތިލްކޮށް، އެމައްސަލަ ޓްރައިބިއުނަލުން ބަލަން ޖެހޭ ކަމަށް ކަނޑައަޅައި ޓްރައިބިއުނަލަށް މި މައްސަލަ ތަހުވީލުކޮށް ހައިކޯޓުން މައްސަލަ ނިންމިއެވެ.

ހައިކޯޓުގެ ހުކުމާ ގުޅިގެން މި މައްސަލަ ބަލައި ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، މުޖުތަބާ ވަޒީފާއިން ވަކިކޮށްފައި ވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަން ޖެހޭ މައުލޫއީ އަދުލުވެރިކަން އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމަށެވެ.

އެހެންކަމުން އޭނާ ވަޒީފާއިން ވަކިކުރުމުގެކުރިން އަދާކުރަމުންދިޔަ މަގާމަށް ނުވަތަ އެ މަގާމާ އެއްފެންވަރެއްގެ އެހެން މަގާމަކަށް ރުޖޫއަކުރުމަށާއި، އޭނާއަކީ ވަޒީފާއިން ވަކިކުރެވިފައިވާ މުވައްޒަފެއްކަމުގައި ނުބެލުމަށާއި، އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން، ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީހާ ހަމައަށް، އޭނާ ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަގާމުގެ މުސާރަ އާއި އިނާޔަތްތަކަށްވާ ފައިސާ ދޭން ޖެހޭކަމަށް ކަނޑައަޅައި، ރަސްމީ ބަންދުނޫން 30 ދުވަހުގެ ތެރޭގައި އެކަންތައްތައް ފުރިހަމައަށް ތަންފީޒުކުރުމަށްފަހު، އެކަން ހަމަޖެހޭތާ ރަސްމީ ބަންދުނޫން ތިން ދުވަސްތަރޭގައި ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މައްޗަށް އަންގައި އަމުރުކޮށް މައްސަލަ ނިންމީ ކަމަށްވެސް ބުނެފައިވެއެވެ.