ގއ. ކަނޑުހުޅުދޫ ޒުވާނަކު އަމިއްލައަށް މަރުވިކަމަށް ބުނާ ވާހަކައިގެ ހަބަރުން މުޅި ރާއްޖެއަށް ގެނުވީ ހިތާމައެކެވެ. އިހުމާލުގެ ވާހަކަތަކާއި އެ ހާދިސާއާ ގުޅޭގޮތުން ދެކެވެނީ އެތައް ވާހަކަތަކެކެވެ. ނަފުސާނީ ބަލީގެ ވާހަކައެވެ. ޖެންޑާ މިނިސްޓްރީއާއި މުއައްސަސާތަކުގެ އިހުމާލުގެ ވާހަކައެވެ.
އުމުރުން 24 އަހަރުގެ އެ ޒުވާނާ ފެނުނީ ސައިކަލަކާއެކު އައްސާފައި އޮއްވައި އެރަށު ފަޅުތެރެއިންނެވެ. އޭނާ މަރުވީ އަމިއްލައަށް ކަމަށް ތަހުގީގީ އެއްވެސް އިދާރާއަކުން އަދި ނުބުނެއެވެ. ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކަނޑުހުޅުދޫ ޖާމީން އަބްދުލްކަރީމަކީ ނަފުސާނީ ބައްޔަށް ބޭސްކުރަމުން އައި މީހެކެވެ. ދިރިއުޅުމުގައި ދިމާވި ކަމެއްގެ ސަބަބުން 2018 ވަނަ އަހަރުން ފެށިގެން ނަފުސާނީ ބައްޔަށް ބޭސްކުރަމުންދިޔަ ޖާމީނަކީ އޭގެ ކުރިން ސިއްހަތު ސަލާމަތުން ހުރި، ހަރުދަނާ އަދި ވަޒީފާވެސް އަދާކުރި ޒުވާނެއް ކަމަށް އެރަށުން "ވަން" އާ ވާހަކަ ދެއްކި މީހުން ބުނެއެވެ.
ނަފުސާނީ ބައްޔަށް ބޭސް ކޭއިރު ވަރަށް ބޮޑަށް ރަނގަޅުވަމުން އައި ނަމަވެސް ފަހުން ބޭސް ކެއުން ހުއްޓާލުމުގެ ސަބަބުން އޭނާގެ ހާލަތު ގޯސްވާން ފެށިއެވެ. ރަށު ކައުންސިލާއި ޖެންޑާ މިނިސްޓްރީގެ އެހީތެރިކަމާއެކު އޭނާ ޑޮކްޓަރަށް ދައްކައި ފަރުވާދޭން ފެށި ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ޖާމީންގެ އާއިލާގެ މީހަކު "ވަން" އަށް ބުންޏެވެ.
"ޖެންޑާގެ ބެލުމުގެ ދަށުން ޑޮކްޓަރަށްވެސް ދައްކައި ބޭސް ބޭނުންކުރަން ފެށީ. އެކަމަކު ފަހުން ފަހުން އައިސް ބޭސް ދޭން އުނދަގޫވެގެން އޭނާގެ ހާލަތު ގޯސްވެގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްގެންވިޔަސް އޭނާ ރަނގަޅުކޮށްދޭން އާއިލާއިން އެދުނިން. އެކަމަށް އެދުނުތާވެސް އަހަރެއްވަރު ވެދާނެ. ދެން މި ފަހުން ބޭސް ހުސްވެގެންނާއި ބޭސް ދޭން އުނދަގޫވެގެންވެސް ޖެންޑާއަށް އެންގިން. ކައުންސިލް މެދުވެރިކޮށްވެސް އެންގިން. އެކަމަކު ހައެއްކަ މަސް ވެގެންދިޔައިރުވެސް އެހީތެރިކަމެއް ނުލިބި ހުއްޓާ ފުރާނަ އެދިޔައީ." އަސަރާއެކު އޭނާ ބުންޏެވެ.
ޖާމީނަކީ އަބަދުވެސް އެކަނިވެލަން ބޭނުންވާ މީހެއް ކަމަށް އެ ރަށުން ވާހަކަދެއްކި މީހުން ބުނެއެވެ. މީހަކަށް އުނދަގުލެއް ނުކޮށް އޭނާ އުޅެނީ އަމިއްލަ ކަންކަމުގައި ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެހެން ނަމަވެސް ފަހުން ފަހުން އައިސް އަމިއްލަ ނަފުސަށް ގެއްލުންދޭން ބޭނުންވާ ވާހަކަ ބުނާ ކަމަށާއި އެކަންވެސް ޖެންޑާއަށް އެންގި ކަމަށާއި އެކަމަށްވެސް އެއްވެސް ހައްލެއް ނުލިބުނު ކަމަށް އާއިލާއިން ބުންޏެވެ.
"އިއްޔެ ރޭ ކަންތައް ހިނގީ ކިހިނެއް ކަމެއް ނޭނގެ. ޖާމީން އަނެއްހެން ހިތްހަމަ ނުޖެހިގެނެއްވެސް ނޫން ކަމަށްވަނީ ގެއިން ނިކުތީ. އެއީ ފަތިސްގަޑި. އެކަމަކު ގެއިން ނިކުމެގެން ގޮސްފަ މާގިނައިރުވީމަ ފުލުހުންނަށް ގުޅައިގެން ހޯދަން ފެށީ. ހޯދަމުން ދަނިކޮށް އެކުއްޖާ މި ފެނުނީ މަރުވެފަ އޮއްވާ ފަޅުތެރެއިން، ސައިކަލާވެސް އެކީ. ބައެއް މީހުން ބުނީ ޖެޓީ މަތީގަ ވަޅިއަކާ އޭނާގެ ފޯނާވެސް އޮތް ކަމަށް." ރޮމުން އޭނާ ކިޔައިދިނެވެ.
ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ފަޅުތެރެއިން ޖާމީން ނެގިއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އޭނާގެ ފައި ސައިކަލުގައި އައްސާފައި އޮތް ކަމަށްވެސް ބުންޏެވެ. ސައިކަލާއެކު ފަޅުތެރެއިން އޭނާ ނަގައި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ބުންޏެވެ.
ގިނަ މީހުން ތުހުމަތު ކުރަނީ މި މަރުގައި ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތް ކަމަށެވެ.
މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިސަރު ފާތިމަތު ޒަމްހީނާ "ވަން" އަށް ވިދާޅުވީ ޖާމީނަށް ބޭނުންވާ ނަފުސާނީ ފަރުވާ ދިނުމަށް މިދިޔަ އަހަރު މާޗް މަހު މާލެ ގެނެސް ފަރުވާދީފައިވާ ކަމަށެވެ. ފަރުވާއަށްފަހު ހާލަތަށް ރަނގަޅު ބަދަލެއް އައުމުން އަނބުރާ ކަނޑުހުޅުދޫއަށް ބަދަލުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ބޭސް ހުސްވެގެން ޖެންޑާ މިނިސްޓްރީގެ އެހީތެރިކަމަށް އާއިލާއިން އެދުނުތޯ ޒަމްހީނާއާ ސުވާލު ކުރުމުން ވިދާޅުވީ، ޖާމީންގެ ބޭސް ހުސްވެގެން އާއިލާއިން ނާންގާ ކަމަށެވެ. އެހެން ނަމަވެސް ބޭސް ދިނުމުގައި އުނދަގޫތަކެއް ހުރުމުން ޖެންޑާ މިނިސްޓްރީގެ އެހީތެރިކަމަށް އެދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވުނު ގޮތް ތަފުސީލުކޮށްދެއްވަމުން ޒަމްހީނާ ވިދާޅުވީ އޭގެ ފަހުން ޖާމީނުގެ ހާލަތު ގޯސްވުމުން އާއިލާގެ ހުށަހެޅުމާ އެއްގޮތަށް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖައްސައި، ރަށު ކައުންސިލާއި ފުލުހުން ޝާމިލުވާ ގޮތަށް މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
"ހާލަތު އެންމެފަހުން މޮނިޓާ ކުރެވި، މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސް، ގދ. ތިނަދޫއަށް ދަތުރުކޮށް ނަފުސާނީ ޑޮކްޓަރަށް ދެއްކުމަށް ހަމަޖެއްސުނު. ހިތާމަވެރި ހާދިސާ ހިނގީ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމުތައް ހަމަޖައްސައި އެކަން އާއިލާއަށް އަންގާފައިވަނިކޮށް." އޭނާ ވިދާޅުވިއެވެ.
ކަނޑުހުޅުދޫ ކައުންސިލް ރައީސް ތޯރިގު އަފީފް "ވަން" އަށް ވިދާޅުވީ ޖެންޑާ މިނިސްޓްރީއާއެކު އެ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ބައެއް ބޭސްތައް ހުސްވެގެން އެކަން އެ މިނިސްޓްރީއަށް އެންގި ކަމަށެވެ. އަދި ބޭސްދޭން އުނދަގޫކަމަށް އާއިލާއިން ކައުންސިލަށް އެންގުމުން އެކަންވެސް މިނިސްޓްރީގެ ސަމާލުކަމަށް ގެނައި ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލާއި އާއިލާއިން މިހުރިހާ ކަމެއް ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނަމަ އެކަމަށް އަވަސް ޖަވާބެއް ނުވަތަ އަވަސް ހައްލެއް ނުގެނެވި އޮތީ ކީއްވެގެންތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. ނަފުސާނީ ބައްޔަކީ ސީރިއަސް ބައްޔެއްކަމަށް ވާއިރު، މި ބަލި ތަހައްމަލްކުރަމުން އަންނަ މީހުންނަށް އަވަސް ފަރުވާ ނުލިބެނީ ކީއްވެތޯވެސް މިއީ އުފައްދާ ސުވާލެކެވެ.
ޖާމީން އަމިއްލަ ނަފުސަށް ގެއްލުންދޭން މަސައްކަތްކުރާކަން އާއިލާއިން އެތައް ފަހަރަކު ޖެންޑާގެ ސަމާލުކަމަށް ގެނެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން އާއިލާއިން އެދުމުން އޭނާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ފަރުވާދީ ރަނގަޅުކުރުމަށް ހުރަސްތަކެއް ހުރީ ކީއްވެތޯ ނޫނީ އެކަން ނުކޮށް އޮތީ ކީއްވެތޯވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އާއިލާއިން ޖާމީން ދައުލަތަށް ނަގަން އެދުނު ނަމަވެސް، އެކަން ކުރުމަށް އޭނާގެ ހާލަތު މޮނިޓާ ކުރި ކަމަށެވެ. އަދި މޮނިޓާކުރިއިރު، އޭނާ އާއިލާ ކައިރީގައި ބަހައްޓައިގެން ފަރުވާދީ ރަނގަޅު ކުރެވޭ ވަރަށް ހާލަތު ރަނގަޅުވެފައިވާ ކަމަށާއި އިތުރު އެސެސްމެންޓުތަކާއި ނަފުސާނީ ޑޮކްޓަރެއްގެ ތިންމަސް ނުވާ ލިޔުމެއް ބޭނުންވާނެކަން އާއިލާއަށް އެންގި ކަމަށްވެސް ވިދާޅުވިއެވެ.
"ރަނގަޅަށް އެސެސްމެންޓުވެސް ހެދިފައެއް ނުވޭ. ޑޮކްޓަރުގެ ލިޔުންވެސް ބޭނުންވާކަން އެންގިން. ދެން ދައުލަތަށް ނަގަން ބުންޏަސް ގުރައިދޫ މަރުކަޒަށް ގެންދަން މިޖެހެނީ. އެތަނަކީ ސީދާ ނަފުސާނީ ބައްޔަށް ފަރުވާކުރެވެން ހުންނަ ތަނެއްނޫން. މިހާރުވެސް އެތަން އެއޮތީ އޯވާކެޕޭސިޓީގަ. އެކަމަކު މިކަންކަމަށް އަޅުގަނޑުމެން ވަރަށް އަވަހަށް ހައްލު ހޯދާނަން." އޭނާ ވިދާޅުވިއެވެ.
ޖެންޑާއިން އެބުނާ ލިޔުން ހޯދި ކަމަށް އާއިލާއިން ބުންޏެވެ. އެ ލިޔުން ޖެންޑާއަށް ހުށަހެޅުމުން ޖާގަ ނެތް ކަމަށް ބުނި ކަމަށާއި ނަމަވެސް ހައްލު ހޯދައިދޭނެ ކަމަށް ބުނި ކަމަށްވެސް އާއިލާއިން ބުންޏެވެ.
އޮފިޝަލު ވިދާޅުވީ ޖާމީނަށް ބޭސްދޭން އުނދަގޫވެގެން މީގެ ފަސް މަސްކުރިން އާއިލާއިން އެކަން ޖެންޑާއަށް ހުށަހެޅި ކަމަށެވެ. އަދި ތަފާތު އެކި ގޮތްގޮތަށް ކައުންސިލާއި ފުލުހާއި އާއިލާއެކު މަޝްވަރާތައް ކުރެވި ބޭސްދެވޭނެ ގޮތްތައް އާއިލާއަށް ކިޔައިދެވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިދިޔަ ފަސް މަހު ހެލްތު ސެންޓަރާވެސް އަޅުގަނޑުމެން މަޝްވަރާކުރިން، ފުލުހާވެސް އަދި ރަށު ކައުންސިލާވެސް. ބޭސް ދެވޭނެ ގޮތްތައް ފެމިލީއަށް ވެސް ކިޔައިދިނިން. ބޭސްދެވޭނެ ގޮތްތަކާއި ކަމެއް ދިމާވެއްޖެނަމަ ކަންކުރާނެ ގޮތްތައް ހެލްތު ސެންޓަރުގަވެސް ބުނިން. ދެން އެންމެ ފަހުން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓުމެންޓު މާދަމާއަށް ހަމަޖެހިފަ އޮއްވާ މި ހިތާމަވެރި ހާދިސާ މިހިނގީވެސް. އަޅުގަނޑުމެން ވަރަށް ދެރަވެ ކަންބޮޑުވަން." އޭނާ ވިދާޅުވިއެވެ.
އޮފިޝަލު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ އާއިލާއިން ޖެންޑާ މިނިސްޓްރީއަށް ގުޅައި ޖާމީންގެ އަމަލުތައް ހުރިގޮތާއި އޭނާ އަމިއްލަ ނަފުސަށް ގެއްލުންދީފާނެ ކަމަށް ބެލެވޭތީ އެހީތެރިކަމަށް އެދުނު ކަމަށެވެ. އެހެންކަމުން އެވަގުތު ކަނޑުހުޅުދޫގައި ޖެންޑާ މިނިސްޓްރީގެ މީހަކު ނެތުމުން ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސް އެރޭ ޖާމީނަށް ބަލައި މޮނިޓާކުރުމަށް އެދުނު ކަމަށްވެސް ވިދާޅުވިއެވެ.
"ފުލުހުން ގާތު މިގޮތަށް އެދުމުން ފުލުހުން ވިދާޅުވީ އެބޭފުޅުން ބަލާނަމޭ. އެހެން ހުއްޓާ އެރޭ ފަތިހު މި ހާދިސާ މި ދިމާވީ. ވަކި މުއައްސަސާއެއް ބްލޭމް ކުރަނީއެއް ނޫން." އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާއަށް "ވަން" އިން މިއަދު ގުޅުމުން ބުނީ މިފަދަ ކަމެއް ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވޭތޯ އާއި ފުލުހުން އޭނާއަށް ބަލައި މޮނިޓާކުރިތޯ ޗެކް ކުރުމަށްފަހު ގުޅާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ފުލުހުން ގުޅާފައެއް ނުވެއެވެ.
އިހުމާލުގެ ވާހަކަ ގަދައަށް ދެކެވޭއިރު މިކަމުގައި އިހުމާލު އޮތީ ކޮންބައެއްގެ ކަމެއް ސާފެއް ނުވެއެވެ. އެހެންނަމަވެސް އާއިލާއިންވެސް ކުރަނީ އިހުމާލުގެ ތުހުމަތެވެ. ޖެންޑާއަށެވެ. ޖެންޑާއިން ފުލުހުންށެވެ. ހަގީގަތް އެނގެން ޖެހެ އެވެ.