ގއ. ކަނޑުހުޅުދޫ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް ތޯރިގު އަފީފު "ވަން" އަށް މިއަދު ވިދާޅުވީ މިއަދު ހެނދުނު 24 އަހަރުގެ ޒުވާނަކު ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނު ކަމަށާއި އޭނާ ފަތިސް ނަމާދަށް ދިޔަ އިރު، މަރުވި މީހާ އޭނާ ދިރިއުޅޭ ގެ ކައިރީގައި އުޅެނިކޮށް ވެސް ފެނިފައިވާ ކަމަށެވެ.
ފަޅުތެރެއިން ފެނުނު ގަޑިއެއް އަދި އިތުރު މައުލޫމާތެއް ވެސް މިވަގުތު ދެވެން ނެތް ކަމަށާއި ފުލުހުންގެ ޓީމެއް އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި މަރުވި ޒުވާނާއަކީ ސިކުނޑީގެ ބަލިކަމެއް ހުންނަ މީހެއް ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ މަރުވެފައި އޮއްވައި ފެނުނު އިރު، ވަލަކުން އޭނާގެ ފައިގައި އޮތީ ސައިކަލެއް އައްސައިފައެވެ. އެކަމާ ގުޅޭގޮތުން ކައުންސިލުގެ ރައީސް ތޯރިގާ ސުވާލުކުރުމުން އޭނާ ވެސް އެކަން ދޮގުކުރައްވައިފައެއް ނުވެއެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ ކަނޑުހުޅުދޫގައި 24 އަހަރުގެ ފިރިހެނަކު މިއަދު ފަތިހު 4:25 ހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް ހަބަރެއް ނުވާކަމަށް 4:45 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި އާއިލާ މީހުންނާއެކު ފުލުހުން އޭނާ ހޯދަމުންދަނިކޮށް އޭނާ ފެނިފައިވަނީ ސައިކަލާއެކު ރަށުގެ ފަޅުތެރޭ މޫދުން ކަމަށެވެ.
ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދީފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.