ކ. ތިލަފުށީގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ވަން" އަށް ވިދާޅުވީ ތިލަފުށި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު މިއަދު މެންދުރު 12:45 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު ތިލަފުށި ފަޔާ ސްޓޭޝަނުން އަލިފާން ކޮންޓްރޯލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި ނަމަވެސް އެ ހާދިސާގެ އިތުރު ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެމްއެންޑީއެފުން ބުނީ އެ އިމާރާތުގައި ރޯވި އަލިފާންގަނޑުގެ 80 ޕަސަންޓް ކޮންޓްރޯލުކުރެވިފައިވާ ކަމަށާއި އިތުރު ތަނަކަށް އަލިފާން ފެތުރިފައި ނުވާ ކަމަށެވެ. އަދި އެ އިމާރާތުގެ ގްރައުންޑް ފްލޯއަކީ ލަކުޑި ގުދަނެއް އަދި ފުރަތަމަ ފަންގިފިލާ ބޭނުންކުރަނީ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ އިމާރާތުގައި ރޯވި އަލިފާން މިއަދު މެންދުރުފަހު 2:23 ހާއިރު ނިއްވާލެވިފައިވާ ކަމަށާއި އެ ހަދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.