ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރަމުންގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކެއް ބަލައިނުގަތް މައްސަލަައިގައި ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލަ ނިމެންދެން، ކުރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަ ކުރިއަށް ނެގެންދިއުމަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރިކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ކުރިއަށްގެންދާ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކުރީ، އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ނިންމުންތައް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު، އެ އިސްތިއުނާފު ނިމެންދެން ކުރިމިނަލް ކޯޓުގައި ކުރިއަށްގެންދާ މައްސަލަ މަޑުޖައްސައިލުމުގެ އަމުރަކަށް ރައީސް ޔާމީންގެ ފަރާތުން އެދިފައިވާތީއެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނެރުނު އަމުރުގައި ވަނީ އިސްތިއުނާފީ މައްސަލައިގައި އެ ކޯޓުން ގޮތެއް ނިންމަންދެން ނުވަތަ އެހެން ގޮތެއް އަންގަންދެން ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ކުރިއަށް ނުގެންގޮސް މަޑުޖައްސައިލުމަށް އަމުރުކުރާ ކަމަށެވެ.
ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ކޮށްފައިވަނީ، ރައީސް ޔާމީންގެ ދިފާއުގައި ހުށަހެޅި ބައެއް ހެކިން ބަލައިނުގަތުމަށާއި، ބައެއް ލިޔުންތަކުގެ މައްސަލައިގައި ކުރިމިނަލް ކޯޓުން ނިންމި ނިންމުމެކެވެ.
މިހާރު ޖިނާއީ އިޖުރައާތުގެ ގާނޫނު އޮންނަ ގޮތުން މި ބާވަތުގެ މައްސަލަތައް ގިނަވެގެން 14 ދުވަހުގެ ތެރޭގައި ހައި ކޯޓުން ނިންމަން ޖެހޭނެއެވެ.
ފުއްގިރި މައްސަލައިގައި ހައި ކޯޓުން އެގޮތަށް އަމުރު ނެރުނު އިރު، ވ. އާރަށް މައްސަލައިގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު