އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތެރެއިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވެފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ މައްސަލައާ ގުޅިގެން ދައުލަތަށް ދައްކަން އަމުރުކުރި، 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ)ގެ ތެރޭގައި ސައްހަކޮށް، ހަލާލުކޮށް ހޯދާފައިވާ ފައިސާ ވެސް ހިމެނޭ ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
އެ ފައިސާ ދެއްކުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅައިގެން މިއަދު ބޭއްވި އިސްތިއުނާފީ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވ. އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި އެ މަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި، ރިޝްވަތުގެ ފައިސާގެ ގޮތުގައި އަދި މަނީލޯންޑަރިންގެ ފައިސާގެ ގޮތުގައި ހިމެނެނީ އެއްމިލިޔަން ޑޮލަރު ކަމަށެވެ.
ޔާމީން ވިދާޅުވީ، ޕީޖީގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅި އިރު، މައްސަލައިގެ ފޯމުގައި އެ އަދަދު ހުށަހަޅާފައި އޮތް ނަމަވެސް އެ އަދަދަކީ، މަނީލޯންޑަރިން ގަޒިއްޔާގެ ތެރޭގައި ވެސް އަދި ރިޝްވަތުގެ މައްސަލައިގެ ގަޒިއްޔާގެ ތެރޭގައިވެސް މަޝްވަރާކުރެވިފައިވާ އަދަދެއް ނޫން ކަމަށެވެ.
"ހުކުމާ ހަމައަށް ވާސިލުވި އިރުވެސް މި އަދަދަކީ އެއްގޮތަކަށްވެސް ޑިސްކަސް ކުރެވުނު އަދަދެއް ނޫން، އެހެން މި ދަންނަވާ ސަބަބަކީ ވަރަށް ސާފުކޮށް ފެންނަން އެއޮތީ އަދި ބަހުސްގެ ބޭނުމަށް ރިޝްވަތަކީ ސާބިތުވެފައި އޮތް ކުށެއްކަމުގައިވީ ނަމަވެސް ރިޝްވަތުގައި ހިމެނޭ ފައިސާގެ އަދަދަކީ އެއް މިލިއަން ޑޮލަރު. އެ އެއް މިލިއަން ޑޮލަރުގެ ޗެކު އެހެރީ މޯލްޑިވްސް އިސްލާމިކު ބޭންކުގެ އެކައުންޓުގައި، އެ ލީ ދުވަހުން ފެށިގެން މިއަދާ ހަމައަށް އަތްނުލައި އެހުރީ. އެހެންވީމަ އެއަށް ބޮޑުވަރަކަށް ލިބޭނީ އެއް މިލިއަން ޑޮލަރާއެކީ އެއިން އުފަންކުރި ފައިސާ. އެއީ މަނީލޯންޑަރިން ކަމަށް ހިމެނޭކަމަށް ވަންޏާ އެއިން އުފެދުނު މުދަލަަކަށް ވާނީ ބޭންކުން ދޭ އިންޓްރެސްޓް،" ޔާމީން ވިދާޅުވިއެވެ.
އެހެންކަމުން ދައުލަތުން އިދާރީ އަމުރެއްގެ ގޮތުން 53 މިލިއަން ރުފިޔާ ދައްކަން ކޯޓުން ނެރެފައިވި ނަމަވެސް، އެވަރު ދައްކަންޖެހޭ ކަމަށް ނުވިސްނޭ ކަމަށްވެސް ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، އެއް މިލިއަން ޑޮލަރުގެ ޗެކު ބެންކަށް ވެއްދިގޮތަށް އޭގައި އަތްނުލައި ބޭންކުގެ އެކައުންޓުގައި ހުރުމުން އެއިން ނަފާ ހޯދޭނެ ގޮތެއްވެސް ނެތް ކަމަށެވެ. އަދި އެންމެ ބޮޑުވަރަކަށްވެސް އެއަށް ލިބޭނެ ނަފާއަކީ ބޭންކުން ދޭ އިންޓްރެސްޓް ކަމަށާއި، "އެ އެއް މިލިއަން ޑޮލަރުގެ ތެރެއަށް އިންޓަރެސްޓް ލައިގެންނެއް 53 މިލިއަން ރުފިޔާ ވީމަ ކުށްކޮށްގެން ހޯދާފައިޥާ ކަމަށް ބުނާ އަދަދު ދިމާވާނެ ގޮތެއް ޕީޖީ ވިދާޅުވެދެއްވަންޖެހޭ،" ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ މި 53 މިލިއަންގެ ތެރޭގައި މި ހިމެނެނީ، ހަމަ ސައްހަކޮށް ހަލާލުކޮށް ގާނޫނުއަސާސީގެ 40 ވަނަ މާއްދާގެ ދަށުން މުދާ ހޯދުމާއި މުދާ ލިބިގަތުމުގެ ހައްގުގެ ދަށުން އަޅުގަނޑު ހޯދާފައިވާ ފައިސާ ވެސް މީގެ ތެރޭގައި ހިމެނޭ، ރިޝްވަތުގެ ފައިސާގެ ގޮތުގައި ހިމެނެނީ، މަނީލޯންޑަރިން ފައިސާގެ ގޮތުގައި ހިމެނެނީ ބަހުސްގެ ބޭނުމަށް ބެއްޔަސް އެއް މިލިއަން ޑޮލަރު، ދެން އިތުރަށް އެއަށް އަންނާނެ އެއްޗަކީ އިންޓްރެސްޓް. އެހެންވީމަ އެއް މިލިއަނާއެކީ އިންޓްރެސްޓް ކަލްކިއުލޭޓް ކުރައްވައިފިއްޔާ 53 މިލިއަން އަންނާނެ ގޮތެއް ނޯންނާނެ،"
ޚަބަރު
ޚަބަރު
ޚަބަރު