އަހަރުވެސް ނުވާ ކުޑަ ދަރިފުޅަށް ކާންދިނުމަށް އަޅުވައިދެނީ ކޮންމެ ވެސް ލަވައެކެވެ. ނޫނީ ޔޫޓިއުބުން ކޮންމެވެސް ކާޓޫނެކެވެ. އަހަރު ދެއަހަރު ވެގެން ގޮސް ދަރީން ވާހަކަދައްކަން ނުފަށައިގެން ގޮސް ސުޕީޗްތެރަޕިސްޓަކަށް ދައްކައިގެން މިވާގޮތް އޮޅުންފިލުވާއިރު ދިވެހި ވަރަށް ގިނަ ކުދީންނަށް ދަސްވެފައި ހުންނަނީ ފަރަންޖީ ބަސްތަކެވެ. ނުވަތަ އެ ކުދީންގެ މައިންބަފައިން ދައްކާ ދިވެހިބަސް ފަހުމު ނުވެ އެ ދިވެހިބަސް އިނގެރޭސިއަށް ނުވަތަ ހިންދީ ބަހަށް ތަރުޖަމާ ކޮށްދޭން ޖެހިފައިވާ ޅަ ސިކުނޑިތައް މިއަދު އަހަރެމެންގެ ގެތަކުގައި ތިބެ އެދަނީ ބޮޑެތިވަމުންނެވެ. ބޭބީ ނާސަރީއަށް ކުއްޖާ ފޮނުވާއިރު އޭބީސީޑީ ނޫން އަކުރެއް ނޭނގޭ ބައިވަރު ކުދީން މިއަދު ތިބި ކަމަށް އެކުދީންގެ ފަށާ ތައުލީމު ދޭ ޓީޗަރުން އެބަ ބުނެއެވެ.
މިއަދު އަހަރެމެން މިތިބީ އިންޓަނެޓުގެ ތެރޭގައެވެ. ދުވަހުގެ ހުރިހާ ކަމެއް ކުރަމުން މި އަންނަނީ އޭގެ ތެރޭގައި ތިބެގެންނެވެ. ދަރީން ބޮޑެތިވަމުން އެއަންނަނީ އެ ކުދީންނަށް "ބަކުން" ކާންދޭ ފަދައިން އިންޓަނެޓްވެސް ދީގެންނެވެ. މިއީ ފަށައިގަންނަ ހިސާބެވެ. ކޮންމެ ކުއްޖެއްގެ އަތުގައިވެސް ނުވަތަ ކޮންމެ ގެއެއްގައިވެސް މިއަދު ޓެބްލެޓްތަކާއި ކޮންޕިއުޓަރުތައް އެބަހުއްޓެވެ. އިންޓަނެޓު ދޫކޮށްފައިވާ ވައިފައި ސިގުނަލް މުޅި ގޯތިތެރެއަށް ލިބެއެވެ. ދަރީން މިއަދު ވަދެ އެތިބި ޔޫޓިއުބާއި އެހެނިގެން ލަވަތަކާއި ވީޑިއޯތައް ލިބޭ ގިނަ ސައިޓްތަކުގައި ހުރީ ކޮން އެއްޗެއްކަމެއް ގިނަ ބެލެނިވެރިނަކަށް ސާފެއްވެސް ނުވެއެވެ.
ފަށާ ތައުލީމު ނުވަތަ ނާސަރީން ގޮސް ގުރޭޑް ކުލާސްތަކަށް ކުދީންދާއިރު އެކުދީން ތިބެނީ އިންޓަނެޓަށް ފަރިތަވެފައެވެ. މައިންނާއި ބަފައިންގެ ފޯނުތައްވެސް ގިނަފަހަރު އޮންނަނީ ދަރީން ގޭމްކުޅެން ދީފައެވެ. ވާ ލޯބީގެ ބޮޑުކަމުން ދަރިން ކުޅެނީ ޕަބްޖީ ވިޔަސް ފޯޓްނައިޓްވިޔަސް އަދި މައިންޑް ކުރާފްޓް ކަމަށް ވިޔަސް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ގޭމްތަކުގެ ތެރެއިން ފަރުދާގެ ފުރަގަހުގައި ތިބެ ޅަ ދަރީންނާ ވާހަކަ ދައްކައިގެން އެ ކުދީން ބަލަން ނުޖެހޭ އެއްޗެއް ބަލަން ބުނުމާއި ކުރަން ނުޖެހޭ ކަންކަން ކުރުވާކަމެއް އަދި އެ ކުދިން ގުޅޭ ގޭމްތަކުގައި އަވަގުރާނަ ބަސްތައް ގޮވަމުންދާކަމެއް ގިނަ ބެލެނިވެރިންނަކަށް ނޭނގެއެވެ. އެ ކުދީން ތިބެނީ ހެޑްސެޓް އަޅައިގެންނެވެ. ލޯބިން ދޫކޮށްލި ބާރުތައް ދަރިން ނަގަނީ އެ ކުރެވޭ ކަމެއް އެކުދީންނަށްވެސް ސާފުނުވެތިބެއެވެ.
ގޭގެ ސިޓިންރޫމްގައި ބަހައްޓަން ޖެހޭ ކޮންޕިއުޓަރު ބަންދު ކޮޓަރިތަކުގައި ހުރިކަމާއި އެ ކޮޓަރި ތަކުގައި ޅަފުރާގެ ކުދިންތައް އެ ކޮމްޕިއުޓަރު ބޭނުން ކުރަނީ ކޮން ކަމަކަށްތޯ ގިނަ ބެލެނިވެރީންނެއް ނުބަލައެވެ. ގޭގެ ކޮޓަރިތަކަށް ވައިފައި ލިބޭތީ ފޯނު ހިފައިގެންވެސް ދަރީން ތިބެނީ މަތީ އެނދުމަތީ ފިލައެވެ. ކުރުކޮށް ބުނާނަމަ ދަރީން މަގުފުރެދިގެން ދާ ކަން ބެލެނިވެރިންނަށް ރޭކާވެސް ނުލައެވެ. މި ދެންނެވި ފަދަ ކަންކަން ގޭތެރެއިން ފެންނަ ނަމަ ދަރީން ކޮޓަރިތަކަށް ކޮމްޕިއުޓަރާއި ފޯނުތައް ވައްދައިގެން އެ ކުރާ ކަމެއް ބަލައިލުން ވަރަށްވެސް މުހިއްމެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގައި ސުކޫލަށްދާ ގިނަ ކުދީންގެ އަތުގައި އޮންނަ ފޯނު ބެލެނިވެރިޔާއަށް ބަލައެއް ނުލެވެއެވެ. އެ ފޯނުތަކުގައި ޖަހާފައިވާ ޕާސްވޯޑް ނުދީގެން ފުލުހުން މެދުވެރިކޮށްގެންވެސް ފޯނު އަތުލަން ޖެހިފައިވާ ހާދިސާތައް ހުރީ ހިނގައި ގޮސްފައެވެ. މި ފަދަ އެތައް ހާދިސާތަކެއް ތަކުރާރުވަމުންދާއިރު މި ކަންކަމާ ވިސްނައި ފިކުރު ކުރަނީ މަދު ބައެވެ. ގިނަ ބެލެނިވެރިން އެ މީހުންގެ ހަޔާތުގެ ކުރީކޮޅު ދެކެފައި ނުވާ ޓެކްނޮލޮޖީ އަދި ފުޅާކޮށް ފަސޭހައިން މިހާރު ލިބޭ އިންޓަނެޓް ތަޖުރިބާ ކޮށްފައި ނެތުމުން މިފަދަ ކަންކަމާ ކުރިމަތިލުމަށް ބޮޑެތި ކޮންޖެހުންތައް އެބަ ހުއްޓެވެ.
ރާއްޖޭގެ އިންޓަނެޓަކީ ސެންސަރު ކުރުމެއްނެތި ހުޅުވާލެވިފައިވާ، ބޭނުން ކޮންމެ ސައިޓަކަށް ވަދެވޭ އެއްޗެކެވެ. ގެ ތަކުގައި ހުރި ވައިފައި ރައުޓަރުތަކަކީ ޕޭރެންޓް ކޮންޓުރޯލް ލެވިފައިވާ އެއްޗެއްސެއް ނޫނެވެ. އެހެން ކަމުން އެނގުމާއި ނޭނގުމުގެ ތެރޭގައި ޅަދަރިން މަގުގެއްލި ގޯސް ވެބްސައިޓްތަކުގެ ތެރޭގައި ހަލާކުވަމުންދާ އެތައް ހާދިސާއެއް ތަޖުރިބާ ކޮށްފީމެވެ. އެހެން ކަމުން މި ފަދަ ކަންކަމަށް އަދި ހާއްސަކޮން އިންޓަނެޓްގެ ތެރެއިން މަގު ގެއްލިގެންދާ އެތަކެއް ދަރިންނެއް ސަލާމަތް ކުރުމަށް ސުކޫލްތަކާއި މުއައްސަސާތަކުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމްތައް ފަށްޓަން ލަސްވެއްޖެއެވެ. އެހެން ނޫންނަމަ މިއަދުގެ ޖީލު ހަލާކުވެގެން ދާ މަންޒަރު މިހާރަށް ވުރެ ބޮޑަށް އަދި މާ ފާޅުކަން ބޮޑު ގޮތެއްގައި ފެނިގެން ދާނެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ