ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރަމުންގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލަ ނިމެންދެން، ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރެއް ނެރެދިނުމަށް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އެދިއްޖެއެވެ.

ޔާމީންގެ ފަރާތުން ހައި ކޯޓުގެ އިސްތިއުނާފަށް ހުށަހަޅާފައިވަނީ ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން ގިނަ ހެކިތަކެއް އެ ކޯޓަށް ބަލައިނުގަތުމަށް އެ ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވި ނިންމުން ބަދަލުކޮށްދިނުމަށެވެ.

ހައިކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފީ އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ، ބައެއް ހެކިތައް ބަލައިނުގަތުމަށް ނިންމި ނިންމެވުމާއި، ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާއި ބައެއް ލިޔުންތައް ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމުމަކީ ގޯސް ނިންމުމެއް ކަމަށެވެ.

އެހެންކަމުން ފުއްގިރީގެ ޝަރީއަތ އަލުން ފަށައިގެން ކުރިއަށްގެންދިއުމަށް ކުރުމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް އޭނާ ހުށަހެޅުއްވިއެވެ.

އެހެންކަމުން މި މައްސަލައާ މެދު ހައިކޯޓުން ގޮތެއް ނިންމުމުގެ ކުރިން ކުރިމިނަލް ކޯޓުގައި ކުރިއަަށްދާ ފުއްގިރި މައްސަލަ ވަގުތީގޮތުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށްވެސް ވަކީލު ހައިކޯޓުގައި އެދުނެވެ.

އޭނާ ވިދާޅުވީ، ހައިކޯޓުގައި ފަށާފައިވާ އިސްތިއުނާފީ ޝަރީއަތް ކުރިއަށްދާ މުއްދަތުގެ ތެރޭގައި ވެސް އެ މައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ ހަތަރުވަނަ ދުވަހަށް އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށް ކްރިމިނަލް ކޯޓުން ނޯޓިސްއެއް ފޮނުވާފައިވާ ކަމަށެވެ. އެހެންކަމުން، ޝަރީއަތް މަޑުޖައްސައިލުމުގެ ވަގުތީ އަމުރެއް މުހިއްމު ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

ކޯޓު އަމުރާ ބެހޭގޮތުން ދައުލަތުން ދެކޭގޮތެއް ހާމަކުރުމަށް ފަނޑިޔާރު ފުރުސަތު ދެއްވުމުން، ދައުލަތުގެ ވަކީލު މަރިޔަމް ޝަހުމާ ވިދާޅުވީ މިފަދަ މައްސަލަތައް ބެލުމަށް ހައި ކޯޓަށް ދީފައި އޮންނަ ކުރު މުއްދަތުގައި ކްރިމިނަލް ކޯޓުން އާންމުކޮށް ވެސް ޝަރީއަތް މަޑުޖައްސާލާ ކަމަށެވެ. އަދި ފުއްގިރީގެ މައްސަަލައިގެ އަޑުއެހުމެއް ކުރިިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށް ޔާމީންގެ ވަކީލު ވިދާޅުވި ނަމަވެސް ކްރިމިނަލް ކޯޓުން އެކަމުގެ ނޯޓިސްއެއް ދައުލަތަށް އަދި ފޮނުވާފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އިސްތިއުނާފު މައްސަލަ ނިމެންދެން ކުރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަަލަ މަޑުޖައްސައިލުމުގެ އަމުރެއް ނެރުމަށް އިއުތިރާޒް ނުކުރައްވާ ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ ވަގުތީ އަމުރާ މެދު ފަހުން ގޮތެއް ނިންމުމަށާއި، ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފަށް ޖަވާބު ދިނުމުގެ ފުރުސަތު ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތަށް ދެއްވާނެ ކަަމަށް ވިދާޅުވެއެވެ.

ހައި ކޯޓުގައި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ދީބަނާޒު ފަހުމީ އާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ހަސަން ޝަފީއުއެވެ.