މިހާރު ކުރިއަށްދާ ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރޭ ފްރާންސުން ކުޅުނު މެޗުގައި އަޔަލޭންޑް ބަލިކުރި އިރު، ނެދަލޭންޑްސް އިން ފަސޭހަ ކަމާއެކު ޖުބްރާލްޓާ ބަލިކޮށްފިއެވެ.

ފްރާންސާއި ނެދަލޭންޑްސްވެސް ކޮލިފިކޭޝަން ގްރޫޕް ބީގައި ވާދަކުރަމުންދާ އިރު، ފްރާންސުން ރޭ ރަށުން ބޭރުގައި އަޔަލޭންޑް ބަލިކުރީ 1-0ގެ ހަނި ނަތީޖާއަކުންނެވެ. އަދި ނެދަލޭންޑްސް އިން އަމިއްލަ ގައުމުގައި ޖުބްރާލްޓާ ބަލިކުރީ 3-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ގްރޫޕް ބީގައި ނެދަލޭންޑްސް އިން ފުރަތަމަ ކުޅުނު މެޗުގައި ފްރާންސާއާ ދެކޮޅަށް ނުކުތް އިރު، އެ މެޗު ފްރާންސުން ކާމިޔާބުކުރީ 4-0ގެ ނަތީޖާއަކުންނެވެ. ފްރާންސުން ރޭ ހޯދި ދެވަނަ މޮޅާއެކު އެ ޓީމު މިވަގުތު އޮތީ ގްރޫޕް ބީގެ އެއްވަނައިގައެވެ.

ފްރާންސާއި އަޔަލޭންޑް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ހަމަލާއެއް އުފެއްދިފައި ނުވާއިރު، ރަނގަޅަށް ކުޅުނުތަން ފެނުނީ އަޔަލޭންޑެވެ. އެ ޓީމުގެ ކައުންޓާ އެޓޭކުތައް ފްރާންސަށް ނުރައްކާކުރި ނަމަވެސް ފްރާންސްގެ ޑިފެންސް ފެނުނީ ކޮންފިޑެންސް ރަނގަޅުކޮށެވެ.

ފްރާންސުން މެޗުގައި ލީޑު ނެގީ ދެވަނަ ހާފުގެ ފަސްވަނަ މިނެޓުގައެވެ. ޑިފެންޑަރު ބެންޖަމިން ޕަވާޑް އަޔަލޭންޑްގެ ޖޯޝް ކުލެން އަތުން ބޯޅަ ހޯދައި ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ. އެ ހަމަލާ މަތަކުރުމަށް އަޔަލޭންޑްގެ ގޯލު ބަލަހައްޓަމުންދިޔަ ގެވިން ބަޒުނޫއަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ.

އަޔަލޭންޑްގެ ސަޕޯޓަރުންގެ އަޑުގަދަކޮށް މެޗު ފެނިގެން ގޮސްފައިވާ އިރު، ފަހު މިނެޓުގައި އެ ޓީމުން ވަނީ އެއްވަރުކުރުމާ ގާތަށް ޖެހިލައިފައެވެ. ނެތަން ކޮލިންސް ފަހު ވަގުތު ޖެހި ބޯޅަ ފްރާންސްގެ ގޯލުގެ ކަނަށް އަމާޒުވާން ދަނިކޮށް، ގޯލްކީޕަރު މައިކް މައިނަން ވަނީ މަތަކޮށް ބޭރުކޮށްލައިފައެވެ.

ފްރާންސްގެ ކުރީގެ އެއް ނަންބަރު ގޯލްކީޕަރު ހޫގޯ ލޮރިސް ރިޓަޔާކުރުމާ އެކު އެ ޓީމުގެ ގޯލު މިހާރު ބަލަހައްޓަމުންދަނީ އޭސީ މިލާންގެ ގޯލްކީޕަރު މައިކެވެ. ރޭގެ މެޗަކީ ފްރާންސްގެ ފުރަތަމަ 11 ގައި ހިމެނި، އެއް ނަންބަރު ގޯލްކީޕަރުގެ ގޮތުގައި މައިކް ކުޅުނު ދެވަނަ މެޗެވެ.

ނެދަލޭންޑްސް އިން ރޭ ކުޅުނު މެޗުގައި ޖުބްރާލްޓާ ކޮޅަށް ގޯލުތައް ޖެހީ ނަތަން އަކޭއާއި މެމްފިސް ޑިޕާއީއެވެ. އަކޭ ރޭގެ މެޗުގައި ދެ ގޯލު ޖެހިއެވެ.