ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށުމަށްޓަކައި ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗު، އަންނަ ހަފުތާ ހޯމަ ދުވަހުގެ ރޭ ކުޅޭ ގޮތަށް ތާވަލުކޮށްފިއެވެ.
ޗެރިޓީ ޝީލްޑް މެޗުގައި މިފަހަރުވެސް ވާދަކުރާނީ ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ލީގުގެ ރަނަރަޕް ކްލަބް އީގަލްސްއެވެ. ޝީލްޑް މެޗުގައި އެފްއޭ ކަޕް ޗެމްޕިއަނުންނާއި ލީގު ޗެމްޕިއަނުން އާންމުކޮށް ވާދަކުރި ނަމަވެސް، ލީގުގެ ދެވަނަ އާއި އެއްވަނަ ޓީމު މިފަހަރު މެޗުގައި ވާދަކުރަނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕާއި ލީގުވެސް ނެގީ މާޒިޔާ ކަމަށްވާތީއެވެ.
މިފަހަރުގެ ޝީލްޑް މެޗު ހޯމަ ދުވަހުގެ ރޭ 10:00 އަށް ތާވަލު ކޮށްފައިވާ އިރު، މެޗު ވެގެންދާނީ ގާތް ގަނޑަކަށް ހަތް ވަރަކަށް މަސް ދުވަސް ފަހުން ރާއްޖޭގެ ކްލަބު ފުޓުބޯޅައިގައި ކުޅެވޭ ފުރަތަމަ މެޗަށެވެ. ސީޒަން ފެށުމަށް ވަގުތު ކުޑަތަންވަމުންދާ އިރު، މިވަގުތު ފަރިތަކުރަމުންދަނީވެސް މާޒިޔާ އާއި އީގަލްސް އެކަންޏެވެ. އަދި އެހެން ކްލަބަކުން މިފަހަރު ސީޒަނަށް ފަރިތަކުރުންތައް ފަށައިފައެއް ނުވެއެވެ.
ރާއްޖޭގެ ކްލަބުތަކަށް މާލީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، މި ސީޒަނަށް އެ މައްސަލަތަކަށް ހައްލެއް ގެނެވޭނެ އިންތިޒާމެއް އަދި ފެންނާކަށް ނެތެވެ. މިދިޔަ ސީޒަނުގެ ވަކި ހިސާބަކުންވެސް ކުޅުންތެރިންނަށް މުސާރަ ނުދެވި، މައްސަލަތައް ދިމާވެފައިވާ އިރު، އެފްއޭއެމްގެ މާލީ ހާލަތު ދަށްވެފައި އޮތުމުން އެ އީދާރާއަށްވެސް ކްލަބުތަކަށް ހައްލު ހޯދައިދެވޭނެ ގޮތެއް ނުވިއެވެ.
މިދިޔަ އަހަރު ކުޅުނު ޗެރިޓީ ޝީލްޑް މެޗު މާޒިޔާއިން ކާމިޔާބުކުރީ ކްލަބު ވެލެންސިއާއާ ވާދަކޮށް، 5-0 ގެ ނަތީޖާއަކުންނެވެ. 2009 ވަނަ އަހަރު ފެށި ޝީލްޑް މެޗުގެ މިހާތަނަށް 12 މެޗެއް ކުޅެފައިވާ އިރު، މާޒިޔާ އިން ހޯދި ހަތަރު ފަހަރުގެ އިތުރުން ދެން ޝީލްޑް އުފުލާލާފައިވަނީ ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންގެ އިތުރުން ކްލަބް ވެލެންސިއާ، ޓީސީ ސްޕޯޓްސް ކްލަބް އަދި ކްލަބް އީގަލްސްއެވެ. އީގަލްސް ޝީލްޑް އުފުލާލި ފަހަރު އެޓީމުން ބަލިކުރީ މާޒިޔާއެވެ.
ޗެރިޓީ ޝީލްޑް
ޗެރިޓީ ޝީލްޑް
ޗެރިޓީ ޝީލްޑް