Close
މޮރޯކޯ

މޮރޮކޯގެ ފުޓްބޯޅަ ތާރީހަށް އިތުރު ކާމިޔާބީއެއް، ފުރަތަމަ ފަހަރަށް ބްރެޒިލް ބަލިކޮށްފި

މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ގިނަ ބަޔަކު ހައިރާންކޮށްލި މޮރޮކޯއިން ވޯލްޑް ކަޕަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ބްރެޒިލް ބަލިކޮށްފިއެވެ.

ވޯލްޑް ކަޕަށްފަހު ބްރެޒިލްގެ ކޯޗުކަމުން ޓީޓޭ ވަކިކޮށްފައިވާ އިރު، ރޭގެ މެޗަށް ނުކުތީ ރަމޯން މެނޭޒެސްގެ އިރުޝާދުގެ ދަށުންނެވެ. އޭނާއަކީ ބްރެޒިލްއާ ހަވާލުވެ ހުރި ވަގުތީ ކޯޗެކެވެ. ބްރެޒިލްގެ އާ ކޯޗާއެކު ނުކުތް ފުރަތަމަ މެޗުގައި ރޭ މޮރޮކޯ އަތުން ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. އެއީ ބްރެޒިލްގެ ތާރީހުގައިވެސް މިހާތަނަށް މޮރޮކޯ އަތުން އެ ގައުމު ބަލިވި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ބްރެޒިލް އަދި ދުނިޔޭގެ އެންމެ ވަރުގަދަ ފުޓުބޯޅަ ޝަހުސިއްޔަތު ޕެލޭ މަރުވެފައިވުމާއެކު ބްރެޒިލުން ރޭގެ މެޗަށް ނުކުތީ ޕެލޭއަށް ހާއްސަ ޖާޒީއެއްގައެވެ. ކޮންމެ ޖާޒީއެއްގެ ފަހަތުގައި ޕެލޭގެ ނަން ޖަހާފައިވާ އިރު، ރޭގެ އެކުވެރިކަމުގެ މެޗުގައި ފުރަތަމަ ލީޑު ނެގީވެސް މޮރޮކޯއިންނެވެ. އެ ގޯލަކީ ސުފިޔާން ބޫފަލް 29 ވަނަ މިނެޓުގައި ޖެހި ގޯލެކެވެ.

ބްރެޒިލުން ރޭ ނުކުތީ އަނިޔާގައި ތިބި ކެޕްޓަން ތިއާގޯ ސިލްވާގެ އިތުރުން މުހިންމު ކުޅުންތެރިޔާ ނޭމާވެސް ނުލައެވެ. ފުރަތަމަ 11ގައި ޗެލްސީއާ ދާދިފަހުން ގުޅުނު 18 އަހަރުގެ މިޑްފީލްޑަރު އަންދްރޭ ސަންޓޯސް ހިމަނާފައިވާ އިރު، ކުރިއަށް ކުޅޭ ޕަލްމޭރިއަސްގެ ރޮނީއަށްވެސް ކޯޗު ވަނީ ފުރަތަމަ 11 އިން ފުރުސަތު ދީފައެވެ.

ބްރެޒިލަށް މެޗުގައި އެޓޭކުތައް އުފެއްދުމަށް އުނދަގޫތަކާ ކުރިމަތިވި އިރު، ދެވަނަ ހާފަށް ނުކުމެ 67 ވަނަ މިނެޓުގައި ބްރެޒިލަށް އެއްވަރުކޮށްދިނީ ކަސެމީރޯއެވެ. ކަސެމީރޯއަކީ ރޭގެ މެޗުގައި ބްރެޒިލްގެ ކެޕްޓަނެއްގެ ގޮތުގައި ނުކުތް ކުޅުންތެރިޔާއެވެ. މޮރޮކޯގެ ގޯލްކީޕަރު ޔަސީން ބޯނޯގެ ތަފާތު ރޭ ބްރެޒިލުން އުފެއްދި މަދު ހަމަލާއެއްގައި ފެނިގެން ގޮސްފައިވާ އިރު، މެޗުން މޮރޮކޯ މޮޅުވީ އަބްދުލްހާމިދު ސަބީރީ މެޗުގެ ނިމެން 10 ވަރަކަށް މިނެޓަށް ވެފައި އޮއްވާ ޖެހި ގޯލުންނެވެ.

މޮރޮކޯއިން ވޯލްޑް ކަޕްގައި ތާރީހީ ކާމިޔާބީއެއް މިފަހަރު ހޯދާފައިވާ އިރު، އެ ގައުމު ވެފައިވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅުނު ފުރަތަމަ އެފްރިކާގެ ޓީމަށެވެ.

ރޭގެ އެކުވެރިކަމުގެ މެޗަކީ ބްރެޒިލާ ދެކޮޅަށް މޮރޮކޯއިން ނުކުތް ތިންވަނަ މެޗެވެ. އޭގެ ކުރިން ދެ ގައުމު ކުޅެފައި ވަނީ 1998 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު މެޗަކާއި 1997 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެކެވެ. ވޯލްޑް ކަޕް މެޗު ބްރެޒިލުން 3-0 އިން ކާމިޔާބުކުރި އިރު، އޭގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗުން ބްރެޒިލް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. މޮރޮކޯގެ ފަރާތުން ރޭ ރަނގަޅު ނަތީޖާއެއް ފެނިގެން ގޮސްފައިވާ އިރު، އެ ޓީމު އެންމެފަހުން ވޯލްޑް ކަޕްގައި ވަނީ ސެމީ ފައިނަލްގައި ކުޅެފައެވެ.

މޮރޮކޯ ވޯލްޑް ކަޕްގެ ގަދަ 16އަށް ދިޔައީ 1986 ވަނަ އަހަރަށްފަހު ކުރި އިންތިޒާރަށް ނިމުން ގެނުވައިފައެވެ. އަދި ގަދަ 16ގައި މޮރޮކޯއިން ޕެނަލްޓީގައި 2010 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން ސްޕެއިން ބަލިކުރިއެވެ. ބަލިކޮށް، އެ ގައުމުގެ ތާރީހުގައި ފުރަތަމަ ކުއާޓާ ފައިނަލަށް ދިޔައީ އެތައް ބަޔަކު ސިއްސުވާލައިފައެވެ. ކުއާޓާގައި މޮރޮކޯއިން ވަނީ ޕޯޗުގަލްވެސް ކަޓުވާލައި، ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅުނު ފުރަތަމަ އެފްރިކާ ގައުމަށްވުމުގެ ޝަރަފު ހޯދައިފައެވެ. މޮރޮކޯ ސެމީން ކެޓީ ފްރާންސް އަތުންނެވެ.

ރޭ ކުޅުނު އިތުރު އެކުވެރިކަމުގެ މެޗުތަކަށް ބަލާއިރު، ޖަރުމަނުން ވަނީ ޕެރޫ ކައިރިން 2-0 އިން މޮޅުވެފައެވެ. އެ މެޗުގައި ޖަރުމަނުގެ ދެ ގޯލުވެސް ޖެހީ ނިކްލަސް ފުލްކްރަގެވެ.