ފީފާ ވޯލްޑް ކަޕް 2026 ގައި ބްރެޒިލުން ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯ އަތުން އެއްވަރުވެއްޖެއެވެ.

މީގެ ކުރިން ބްރެޒިލާއި މޮރޮކޯ ވަނީ ޖުމުލަ ތިން ފަހަރަކު ވާދަކޮށްފައެވެ. އޭގެ ތެރޭގައި ވޯލްޑް ކަޕް 1998 ގެ ގްރޫޕު ސްޓޭޖުގައި ކުޅުނު މެޗު ހިމެނެއެވެ. އެ މެޗުން ބްރެޒިލް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އޭގެ ކުރިން 1997 ގައި ކުޅުނު އެކުވެރިކަމުގެ މެޗު 2-0 ގެ ނަތީޖާއަކުން ބްރެޒިލް މޮޅުވެފައިވާ އިރު، އެންމެ ފަހުން 2023 ގައި ކުޅުނު އެކުވެރިކަމުގެ މެޗުން މޮރޮކޯ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

ބްރެޒިލަކީ މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވެސް ވާދަކުރި ހަމައެކަނި ގައުމެވެ. ފަސް ވޯލްޑް ކަޕް ތައްޓާއެކު އެންމެ ކާމިޔާބު ގައުމަކީ ވެސް ބްރެޒިލެވެ. ނަމަވެސް ވޯލްޑް ކަޕް 2002 އަށްފަހު ބްރެޒިލަށް މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މިދިޔަ ދެ މުބާރާތް ބްރެޒިލުން ނިންމާލީ ކުއާޓާ ފައިނަލާ ހިސާބުންނެވެ.

އެފްރިކާ ޗެމްޕިއަން މޮރޮކޯއިން މީގެ ކުރިން ހަ ފަހަރަކު ވޯލްޑް ކަޕްގައި ވާދަކޮށްފައިވާ އިރު، ގަތަރުގައި ބޭއްވި 2022 ގެ ވޯލްޑް ކަޕަކީ މޮރޮކޯއަށް ކާމިޔާބު މުބާރާތެކެވެ. ސަޕްރައިޒިން ޓީމެއްގެ ގޮތުގައި މޮރޮކޯއިން ވަނީ ސެމީ ފައިނަލާ ހިސާބަށް ދަތުރުކޮށްފައެވެ.

މިރޭގެ މެޗުގެ ޓީމު ލިސްޓުގައި ބްރެޒިލްގެ ތަރި ނޭމާ ހިމެނިފައި ނުވި ނަމަވެސް، އޭނާ ބެންޗުން ފެނިގެންދިޔައެވެ. ވޯލްޑް ކަޕް 2026 ފެށެން ކައިރިވެފައި ވަނިކޮށް ލިބިފައިވާ އަނިޔާއަށްފަހު ނޭމާ އަދި މުޅިން ފިޓުވެފައެއް ނުވެއެވެ. ނަމަވެސް އޭނާއަށް ގްރޫޕުގެ ދެވަނަ މެޗުގައި ހައިޓީއާ ދެކޮޅަށް ކުޅުމަށް ފިޓުވާނެއެވެ.

އެމެރިކާގެ ނިއު ޖާޒީގައި ހުންނަ މެޓްލައިފް ސްޓޭޑިއަމްގައި މިރޭ ބްރެޒިލާއި މޮރޮކޯ ބައްދަލުކުރި "ގްރޫޕު ސީ" ގެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ބްރެޒިލްގެ އެޓޭކުގައި ރަފީނިއާ އާއި ވިނީޝިއަސް ޖޫނިއާ ފަދަ ހުނަރުވެރި ތަރިންތަކެއް ހިމެނުނު ނަމަވެސް، މެޗުގެ ކުރީކޮޅުގައި އެޓޭކުގައި ނުރައްކާކޮށް ފެނުނީ މޮރޮކޯއެވެ. އެގޮތުން މެޗުގެ ހަވަނަ މިނެޓުގައި މޮރޮކޯއިން ތަނަވަސްކުރި ފުރުސަތު ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ބޭރުން މޮރޮކޯގެ ނީލް އެލް އޭނޫއީ ފޮނުވާލި ހަމަލާ، ބްރެޒިލް ޑިފެންޑަރު ވަނީ ބްލޮކް ކޮށްފައެވެ.

ގިނަ ބޯޅަތަކެއް ގެއްލި، ބޯޅަ ހިފެހެއްޓުމަށް ބްރެޒިލަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ޕްރެސިން ގޭމެއް ކުޅެމުންދިޔަ މޮރޮކޯއިން ކުރިއަށް ޖެހި އެޓޭކު ކުރުމަށް މަސައްކަތްކުރަމުންދިޔައެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ބްރެޒިލަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ވިނީޝިއަސް އަރިމަތިން ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި އިގޯ ތިއާގޯގެ ބޮލުގައި ލައްވާލާ ގޮތް ވެފައެއް ނުވެއެވެ. އޭގެ ފަސް މިނެޓު ފަހުން ރަފީނިއާ ޖައްސާލި ބޯޅަ ވެސް ޕެނަލްޓީ އޭރިއާ ތެރެއިން ތިއާގޯއަށް ލިބޭ ގޮތް ވެފައެއް ނުވެއެވެ.

ވޯލްޑް ކަޕް 2026 ގައި ބްރެޒިލާއި މޮރޮކޯ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ގެޓީ

ބްރެޒިލުން އެޓޭކު ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކުރަމުންދަނިކޮށް، މެޗުގެ 21 ވަނަ މިނެޓުގައި ކައުންޓާ އެޓޭކެއްގައި މޮރޮކޯއިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ބްރަހިމް ޑިއާޒް ދިން ރީތި ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ބޭރުން ބްރެޒިލް ކީޕަރު އެލިސަން ބެކާގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މޮރޮކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިސްމާއިލް ސައިބާރީއެވެ. އޭރު ކީޕަރު އެލިސަން ވެސް ހުރީ ބޯޅަ ހޯދުމަށް ކުރިއަށް ނުކުމެއެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ވެސް މޮރޮކޯގެ ނުރައްކަލެއް ފެނުނެވެ. މޮރޮކޯގެ އެޓޭކުގައި ބައިވެރިވަމުންދިޔަ މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީ، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ބްރެޒިލްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ބްރެޒިލުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ބްރޫނޯ ގިމަރޭސް ދިން ބޯޅައެއް ޕެނަލްޓީ އޭރިއާ ކައިރިން ވަރަށް ރީތިކޮށް މޮރޮކޯގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، އެ ގޯލު ކާމިޔާބުކޮށްދިނީ ބްރެޒިލް ތަރި ވިނީޝިއަސްއެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ މޮރޮކޯ ގޯލުގެ މަތީ ކަނަކަށެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ބްރެޒިލަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޑަގްލަސް ސަންޓޯސް ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ވެއްޓިލާފައި ލޫކަސް ޕަކެޓާ ފޮނުވާލުމުން، މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ 52 ވަނަ މިނެޓުގައި ބްރެޒިލުގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޑެނީލޯ އެއްލި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އިގޯ ތިއާގޯ ފޮނުވާލި ހަމަލާ އަމާޒުވީ މޮރޮކޯ ކީޕަރު ބޯނޯއާ ދިމާއަށެވެ. އޭނާ ވަނީ އެ ހަމަލާ މަތަކޮށްފައެވެ.

ބްރެޒިލުގެ އެޓޭކަށް ބަދަލުތަކެއް ގެނެއުމާއެކު މެޗުގެ 67 ވަނަ މިނެޓުގައި ބްރެޒިލަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަރިމަތިން ގިމަރޭސް ހުރަސްކޮށްލި ބޯޅަ، ރަފީނިއާގެ ފައިގައި ޖެހޭ ގޮތް ވަނީ ނުވެފައެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ބްރެޒިލަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ވިނީޝިއަސް ޖޫނިއާ ބޯޅަ ހިފައިގެން ކުރިއަށް ޖެހި، ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރަފީނިއާ ފޮނުވާލި ހަމަލާ އަމާޒުވީ މޮރޮކޯ ކީޕަރު ބޯނޯއާ ދިމާއަށެވެ. އޭނާ ވަނީ އެ ބޯޅަ ފަސޭހަކަމާއެކު ހޯދައިފައެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި މޮރޮކޯގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން މޮރޮކޯގެ އޭނޫއީ ފޮނުވާލި ހަމަލާ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ބްރެޒިލްގެ ކީޕަރު އެލިސަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބްރެޒިލުން ފުރުސަތުތައް ތަނަވަސްކުރަމުންދިޔަ ނަމަވެސް، ބޯނޯ ބަލަހައްޓަމުންދިޔަ މޮރޮކޯގެ ގޯލުގެ ތެރެއަށް ބްރެޒިލަށް ބޯޅައެއް ފޮނުވާލެވިފައެއް ނުވެއެވެ.

ބްރެޒިލާއި މޮރޮކޯގެ އިތުރުން ގްރޫޕު ސީގައި ހިމެނެނީ ހެއިޓީ އާއި ސްކޮޓްލެންޑެވެ. ހެއިޓީ އާއި ސްކޮޓްލެންޑް ބައްދަލުކުރާ މެޗު ފެށޭނީ ރާއްޖެގަޑިން ހެނދުނު 6:00 ގައެވެ.