ވޯލްޑް ކަޕް 2026 ގައި ސްކޮޓްލޭންޑް ބަލިކޮށް، މޮރޮކޯއިން ދެވަނަ ބުރުގެ އުންމީދު އާކޮށްފިއެވެ.

މޮރޮކޯއަށް ފުރަތަމަ ފަސް ވޯލްޑް ކަޕް ގެއްލުނީ އެގައުމު ފްރާނަސްގެ ބައެއްގައި އޮތުމުންނެވެ. އޭގެ ފަހުން 1955 ވަނަ އަހަރު އެގައުމުގެ ފުޓުބޯޅަ ރަސްމީވެ، ފެޑަރޭޝަން އުފެއްދިއެވެ. 1970 ގެ އަހަރުތަކުގައި މޮރޮކޯގެ ފުޓުބޯޅަ ކުރިއަށް ޖެހިލައި، ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ މެކްސިކޯގައެވެ. އެ ޖީލުން 1976 ވަނަ އަހަރު އެފްކޯންގެ ތަށިވެސް ނެގިއެވެ. އޭގެ އިތުރުން މޮރޮކޯ ވަނީ 2012 ވަނަ އަހަރުގެ އަރަބް ކަޕާއި 2018، 2020 ވަނަ އަހަރުގެ އެފްރިކަން ނޭޝަންސް ޗެމްޕިއަންޝިޕްވެސް ކާމިޔާބު ކޮށްފައެވެ.

އޭގެ ފަހުން ދެން އައީ ފުޓުބޯޅައިގެ ރަން ދުވަސްތަކެކެވެ. މެދުކެނޑުމަކަށްފަހު 1986 ވަނަ އަހަރު ވޯލްޑް ކަޕަށް ގޮސް މޮރޮކޯ ވިދާލިއެވެ. އިންގްލެންޑާއި، ޕޮލެންޑް އަދި ޕޯޗުގަލްއާ އެއް ގްރޫޕެއްގައި ކުޅެ، ގްރޫޕުގެ އެއްވަނަ ހޯދިއެވެ. އެއީ އެފްރިކާ ގައުމެއް ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އެފަހަރު ގަދަ 16 ގައި ވެސްޓް ޖާމަނީ އަތުން ބަލިވި މޮރޮކޯއަށް އޭގެ ފަހުން ދެން ވާދަކުރެވުނީ 1994، 1998 ގެ އިތުރުން 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ.

އުންމީދީ ޓީމަކާއެކު ނުކުމެ، މޮރޮކޯއިން ގަތަރު ވޯލްޑް ކަޕްގައި އެތައް ބަޔަކު ހައިރާން ކޮށްލިއެވެ. އެއީ އެފްރިކާގެ ޓީމަކުން ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއާއެކުގައެވެ. މޮރޮކޯއިން ގަތަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނެވެ. އެއީ ޖާދުވީ ދަތުރެކެވެ. މޮރޮކޯއިން ވަނީ ބެލްޖިއަމާއި ސްޕެއިންގެ އިތުރުން ޕޯޗުގަލްވެސް ބަލިކޮށްފައެވެ. ސްޕެއިނާއި ޕޯޗުގަލް ކަޓުވާލީ ހިތްދަތިކޮށްލައިފައެވެ.

މޮރޮކޯއިން ވޯލްޑް ކަޕަށް ނުކުތީ އެފްރިކާގެ ޗެމްޕިއަނުންގެ ގޮތުގައެވެ. ސެނެގާލާއެކު ކުޅުނު ޑްރާމާ ބޮޑު ފައިނަލާއެކު މޮރޮކޯއަށް ތަށި ލިބުނީ މާފަހުން ނިންމި ނިންމުމަކުންނެވެ. އަދިވެސް މައްސަލަ އޮތީ ކުރިއަށެވެ.

ސްކޮޓްލޭންޑަކީ ދުނިޔޭގެ އެންމެ ފުރަތަމަ ދެ ފުޓުބޯޅަ ޓީމުގެ ތެރެއިން އެއް ޓީމެވެ. އަނެއް ޓީމަކީ އިންގްލެންޑެވެ. ދުނިޔޭގެ އެންމެ ފުރަތަމަ މެޗު ދެ ގައުމުން ކުޅުނީ 1872 ވަނަ އަހަރުއެވެ. ސްކޮޓްލޭންޑަށް ފުރަތަމަ ތިން ވޯލްޑް ކަޕް ގެއްލުނީ ފީފާ މެންބަރަކަށް ނުވެ އޮތުމުންނެވެ. އޭގެފަހުން 1950 ވަނަ އަހަރު ކޮލިފައިވީ ނަމަވެސް، އެޓީމުން އެފަހަރު ފުރުސަތު ދޫކޮށްލީއެވެ. 1954 ވަނަ އަހަރު ވޯލްޑް ކަޕްގައި ސްކޮޓްލޭންޑް ކުޅެފައިވެއެވެ. އެއީ އެގައުމުގެ ފުރަތަމަ ވޯލްޑް ކަޕެވެ. އޭގެފަހުން 1958 ވަނަ އަހަރު ވޯލްޑް ކަޕް ކުޅެފައިވާ އިރު، ދެން ކޮލިފައިވީ 1974 ވަނަ އަހަރުން 1990 ވަނަ އަހަރާ ދެމެދު އޮތް ފަސް ވޯލްޑް ކަޕްގައެވެ. އޭގެފަހުން 1998 ވަނަ އަހަރު ވޯލްޑް ކަޕްގައި ސްކޮޓްލޭންޑް ކުޅުމަށްފަހު، މިފަހަރު ނުކުތީ ނުވަވަނަ ވޯލްޑް ކަޕަކަށެވެ. މީގެ ކުރިން ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް ނުވެއެވެ. ސްކޮޓްލޭންޑް ކޮލިފައިވީ ހަތަރު މޮޅާއެކުގައެވެ.

"ގްރޫޕު ސީ" ގެ ފުރަތަމަ މެޗުތަކުގެ ތެރެއިން މޮރޮކޯއިން ވަނީ ވަރުގަދަ ބްރެޒިލް އަތުން 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އަދި ބައި ގަރުނަށްފަހު ވޯލްޑް ކަޕްގައި ވާދަކުރާ ހެއިޓީ އަތުން ސްކޮޓްލޭންޑް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ކުރިއަށްއޮތް މެޗަކީ، ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމަށް ސްކޮޓްލެންޑަށް މުހިންމު މެޗަކަށްވާ އިރު، މޮރޮކޯއަށް މުބާރާތުގައި ކުރިއަށްދިއުމަށް މެޗު މުހިންމުވާނެއެވެ.

މިރޭގެ މެޗަށް މޮރޮކޯއިން ވަނީ ކެޕްޓަން އަޝްރަފް ހަކީމީ، ގޯލްކީޕަރު ޔަސީން ބޯނޯ، ނުސެއިރް މަޒްރާއީ، ބްރަހިމް ޑިއާޒް، އަޒެދިން އުނާހީ، ބިލާލް އަލް ކަނޫސް، އިސްމާއިލް ސައިބާރީ އަދި ބްރެޒިލް މެޗުގައި ވިދާލި އައްޔޫބް ބުއާދީއާއެކު ވަރުގަދަ ފުރަތަމަ 11 އެއް ނެރެފައެވެ. ސްކޮޓްލެންޑުން ވެސް ކެޕްޓަން އެންޑްރޫ ރޮބާޓްސަން އާއި ޖޯން މެގިން، ކިރެން ޓިއާނީ އަދި ޗޭ އެޑަމްސްއާއެކު ނެރެފައިވަނީ ވަރުގަދަ ފުރަތަމަ 11 އެކެވެ.

އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު ސީ"ގެ މެޗުގައި ސްކޮޓްލޭންޑްގެ މައްޗަށް މޮރޮކޯއިން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިތާ ދެ މިނެޓު ނުވަނީސް މޮރޮކޯއިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ބްރަހިމް ޑިއާޒް ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާ ސްކޮޓްލޭންޑް ގޯލުގެ މަތީ ކަނަކަށް އަމާޒުކޮށްލައިގެން މޮރޮކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އިސްމާއިލް ސައިބާރީއެވެ. އެ ގޯލަކީ މި ވޯލްޑް ކަޕްގައި ޖެހި އެންމެ އަވަސް ގޯލެވެ.

އޭގެ ފަހުން ވެސް މޮރޮކޯއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ސްކޮޓްލޭންޑް ޑިފެންސުން ގެއްލުނު ބޯޅައެއް ހިފައިގެން އޮސްޓްރޭލިއާ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އުނާހީ ދިން ބޯޅަ، ސައިބާރީއަށް ލިބޭ ގޮތް ވަނީ ނުވެފައެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްލުމަށް މޮރޮކޯއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބްރަހިމް ޑިއާޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ނީލް އަލް އާނާއީ ފޮނުވާލި ހަމަލާ ދިޔައީ ސްކޮޓްލޭންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

އޭގެ ފަސް މިނެޓު ފަހުން މޮރޮކޯއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ސައިބާރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އަލް ކަނޫސް ފޮނުވާލީ ހަމަލާ ދިޔައީ ސްކޮޓްލޭންޑް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުކޮޅުގެ ތެރޭގައި ސްކޮޓްލޭންޑްގެ ނުރައްކާ ފެނިގެންދިޔައެވެ. އެންޑްރޫ ރޮބާޓްސަން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ މެގިން ފޮނުވާލި ހަމަލާ، މޮރޮކޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ ފަހުން ސްކޮޓްލެންޑްގެ ޓިއާނީ ފޮނުވާލި ހަމަލާއެއް ވަނީ ބްލޮކްވެފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މޮރޮކޯ ކުރީގައި އޮވެގެންނެވެ.

މެޗުގެ 50 ވަނަ މިނެޓުގައި ސްކޮޓްލެންޑުން ރަނގަޅު ކުޅުމެއް ދައްކަމުންދަނިކޮށް، މޮރޮކޯގެ ނުރައްކަލެއް ފެނިގެންދިޔައެވެ. އަލް ކަނޫސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސައިބާރީ ފޮނުވާލި ހަމަލާ، ސްކޮޓްލޭންޑް ޑިފެންޑަރު ޖެކް ހެންޑްރީ ވަނީ ބްލޮކްކޮށްފައެވެ. ހެންޑްރީގެ ފައިގައި ޖެހި އެ ބޯޅަ ބޭރަށް ގޮސްފައިވަނީ ސްކޮޓްލޭންޑް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ސްކޮޓްލޭންޑުން ރަނގަޅު ކުޅުމަކާއެކު ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ރަޔަން ކްރިސްޓީ ފޮނުވާލި އެ ހަމަލާ، މޮރޮކޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 82 ވަނަ މިނެޓުގައި ސްކޮޓްލޭންޑަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ރޮބާޓްސަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސްކޮޓް މެކްޓޮމިނޭ، ނުރައްކާކުރުމުގެ ކުރިން މޮރޮކޯގެ ޑިފެންސުން ވަނީ ބޯޅަ ހޯދައިފައެވެ. ބޯޅަ ހޯދުމުގައި މޮރޮކޯގެ އަލް ކަނޫސް ފައުލް ކުރި ކަމަށްބުނެ، ސްކޮޓްލޭންޑުން ޕެނަލްޓީއަކަށް އެޕީލް ކުރި ނަމަވެސް، ރެފްރީ ޕެނަލްޓީއެއް ދީފައެއް ނުވެއެވެ.

އޭގެ ދެ މިނެޓު ފަހުން ވެސް ސްކޮޓްލޭންޑަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މެކްޓޮމިނޭ ފޮނުވާލި ހަމަލާ، މޮރޮކޯގެ ޑިފެންޑަރު ޝަޑީ ރިއާދް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.