ބްރެޒިލާ ދެކޮޅަށް ރަނގަޅު މެޗެއް ކުޅެލުމަކީ މޮރޮކޯއަށް މި ވޯލްޑް ކަޕްގައި އޮތް ޓާގެޓް ނޫން ކަމަށާއި، ޓާގެޓަކީ އެންމެފަހުން 2022 ވަނަ އަހަރު ގަތަރުގައި ކުޅުނު ވޯލްޑް ކަޕަށްވުރެ ދުރަށް، ފައިނަލަށް ދިއުން ކަމަށް އިއްޒުއްދީން އޮނާހީ ބުނެފިއެވެ.
ގަތަރު ވޯލްޑް ކަޕް 2022 އަކީ މޮރޮކޯއަށް ތާރީހީ ވޯލްޑް ކަޕެކެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެ، މޮރޮކޯ ވަނީ ތާރީހު ލިޔެލައިފައެވެ. މޮރޮކޯއަކީ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނު އެފްރިކާގެ ފުރަތަމަ ގައުމެވެ. އެންމެފަހުން 2022 ވަނަ އަހަރު ވޯލްޑް ކަޕްގައި މޮރޮކޯ ވަނީ ބެލްޖިއަމް، ސްޕެއިންގެ އިތުރުން ޕޯޗުގަލްވެސް ބަލިކޮށްފައެވެ.
އެ ނަތީޖާއާއެކު މޮރޮކޯއިން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ "އަންޑަ ޑޯގްސް"ގެ ގޮތުގައި ނޫން ކަމަށް ކޯޗު މުހައްމަދު ވަހްބީ ވަނީ މުބާރާތުގެ ކުރިން ބުނެފައެވެ. ބްރެޒިލާ ދެކޮޅަށް ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނުކުމެ، އެކަން މޮރޮކޯއިން ސާބިތުކޮށްދިނެވެ. އެއީ 1-1 އިން މެޗު އެއްވަރުކޮށްގެންނެވެ. އެ މެޗު ޑޮމިނޭޓްވެސް ކުރީ މޮރޮކޯއިންނެވެ.
"އަހަރެމެން އައީވެސް އަޒުމު ކަނޑައަޅައިގެން 2022 ވަނަ އަހަރު ވޯލްޑް ކަޕަށްވުރެ ގިނަ ދުވަހު މި ވޯލްޑް ކަޕްގައި ދެމި ތިބެން. އެކަން ކުރަން އަހަރެމެން އެބަ ޖެހޭ، މުޅި މުބާރާތްވެސް ރަނގަޅަށް މެނޭޖް ކުރަން. ހަމައެކަނި ބްރެޒިލާ ކުޅެލައިގެން، އެމެޗު ރަނގަޅުވީމަ ނިންމާލައިގެން ނުވާނެ. ޓާގެޓަކީ ކުރިއަށްވުރެ ދުރަށް ދިޔުން. އެއީ ފައިނަލް،" އޮނާހީ ބުންޏެވެ.
އޮނާހީ ބުނީ 40 މިލިއަން މޮރޮކޯ ސަޕޯޓަރުންނަށްޓަކައި ތަފާތު ދައްކަން ޖެހޭ ކަމަށާއި، ސްކޮޓްލޭންޑް މެޗަކީ ޓާގެޓަށް ވާސިލުވާން މުހިންމު މެޗެއް ކަމަށެވެ.
އޭގެ އިތުރުން ޕްރެސްގައި ކޯޗު ވަހްބީ ބުނީ ބްރެޒިލް މެޗު ހަނދާން ނައްތާނުލި ނަމަވެސް، އެ މެޗުގެ ނަތީޖާއިން ފޮނިބޮޑު ނުވާނެ ކަމަށެވެ. އަދި ސްކޮޓްލޭންޑް ފަސޭހަކޮށް ނަގައިގެން ސަލާމަތް ނުވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
ސްކޮޓްލޭންޑާއި މޮރޮކޯ ވާދަކުރާ މެޗު އޮންނާނީ ރާއްޖެގަޑިން މިރޭ 3:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް