ޔޫރޯ 2024ގެ ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗުތަކުން ފްރާންސާއި ބެލްޖިއަމްވެސް މޮޅުވެއްޖެއެވެ.
ފްރާންސުން ކޮލިފިކޭޝަން ގްރޫޕް ބީގައި ރޭ ކުޅުނު މެޗުގައި ނެދަލޭންޑްސް ބަލިކުރީ 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ ގްރޫޕްގައި ރޭ ގްރީސް އިން 3-0 އިން ޖިބަރެލްޓާ ބަލިކޮށްފައިވާ އިރު، ގްރޫޕް އެފްގައި ބެލްޖިއަމުން ވަނީ 3-0 އިން ސްވިޑެން ބަލިކޮށްފައެވެ. އޭގެ އިތުރުން ރޭ ކުޅުނު މެޗުތަކުގައި އޮސްޓްރިއާއާއި ޗެކް ރިޕަބްލިކްވެސް ވަނީ މޮޅުވެފައެވެ.
ރޭ ފްރާންސުން ނެދަލޭންޑްސްއާ ދެކޮޅަށް ނުކުތީ އެ ޓީމުގެ ތަރި، އުމުރުން 24 އަހަރުގެ ކިލިއަން އެމްބާޕޭގެ ކެޕްޓަން ކަމުގައެވެ. ރޭގެ މެޗަކީ ފްރާންސްގެ އާ ކެޕްޓަނެއްގެ ގޮތުގައި އެމްބާޕޭ ހަމަޖެއްސި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ނިމިދިޔަ ގަތަރު ވޯލްޑް ކަޕްގެ ފައިނަލަށް ފަހު ފްރާންސުން ރޭ ކުޅުނު މެޗުގައި ގޯލު ބެލެހެއްޓީ މިހާރު އެއް ނަންބަރު ގޯލްކީޕަރު މައިކް މައިގްނަންއެވެ.
ފްރާންސްގެ ފުރަތަމަ ގޯލް ވައިސް ކެޕްޓަން އެންޓޮއިން ގްރީޒްމަން ޖަހައިދިން އިރު، އަށްވަނަ މިނެޓުގައި ޑަޔޮޓް އުޕަމެކާނޯ ފްރާންސަށް ނަތީޖާ ފުޅާކޮށްދިއެވެ. އަދި އެމްބާޕޭ ވަނީ ހާފު ނިމުމުގެ ކުރިން އޭނާގެ ފުރަތަމަ ގޯލު ޖަހައި ތިން ގޯލުގެ ލީޑެއް ފްރާންސަށް ނަގައިދީފައެވެ.
އެމްބާޕޭ މެޗުގައި ޖެހި ދެވަނަ ގޯލު 88 ވަނަ މިނެޓުގައި ފެނިގެން ގޮސްފައިވާ އިރު، މެޗަށްފަހު އޭނާ ބުނީ ވޯލްޑް ކަޕްގެ ފައިނަލުން ބަލިވިބަލިވުމަށްފަހު ސަޕޯޓަރުންނަށް އުފާވެރި މޮޅެއް ހޯދައިދެވުމުން ހިތްހަމަޖެހޭ ކަމަށެވެ.
ރޭ ބެލްޖިއަމުން ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުގައި، ބެލްޖިއަމްގެ ރެކޯޑު ގޯލު ޖެހުންތެރިޔާ ރޮމެލޫ ލުކާކޫ ހެޓްރިކް ހެދި އިރު، އެ މެޗު ސްވިޑެންގެ އުމުރުން 41 އަހަރުގެ ޒްލަޓާން އިބްރަހިމޮވިޗަށްވެސް ހާއްސަވިއެވެ. މެޗުގައި އިބްރަހިމޮވިޗް ކުޅުމާއެކު އޭނާ ވެފައިވަނީ ޔޫރޯ ކޮލިފިކޭޝަން މެޗެއްގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.