ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ މައްސަލަތައް ލަސްވާތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފިއެވެ.

އެމްއެންޕީން ރައީސަށް މިއަދު ފޮނުވި ސިޓީގައި ބުނީ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް ވީހާވެސް އަވަހަކަށް ނިންމުމަށް ޖީނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ފަނޑިޔާރުން އިންތިޒާމުތައް ފަހިކޮށްދޭންޖެހޭނެ ކަމަށެވެ.

"ޝަރީއަތް ނިމެންދެން ބަންދުކުރެވިފައި ގާތްގަނޑަކަށް 343 މީހަކު ޖަލުތަކުގެ ހައްޔަރުގައި ތިބިއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން އެ ފަރާތްތަކުގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރުމުގެ އަޑުއެހުން ފަނޑިޔާރުގޭގައި ނުހިނގާތީ މިދެންނެވި އެންމެހާ ފަރާތްތަކަށް އެވަނީ އިޖުރާއީ އިންސާފު ލިބުމުގެ މަގު ބަންދުވެފައެވެ. އަދި، އޭގެ ތެރެއިން ބައެއް މީހުންގެ ޝަރީއަތް ނުހިނގާ އަހަރުތަކަކަށް ދިގުދެމިގެން ގޮސްފައިވެއެވެ. ބޮޑު މައްސަލައަކަށް ތުހުމަތުކުރެވުމަކީ އިޖުރާއީ އިންސާފުން މީހުން އެއްފަރާތް ކުރެއްވޭނެ ގާނޫނީ ހަމައެއް ނޫނެވެ..،" އެމްއެންޕީން ބުންޏެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރާ މައްސަލަ ރައީސް ސޯލިހުގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަކީ ގާނޫނީ އަދި އިދާރީ ހައްލުތަކެއް ބޭނުންވާ މައްސަލައަކަށްވާތީ ކަމަށް އެމްއެންޕީން ބުންޏެވެ. އެގޮތަށް ބަންދުކޮށްފައިވާ މީހުންނަށް އިޖުރާއީ އިންސާފު ލިބޭނެ ގޮތް ހަމަޖައްސައިދޭން އެމްއެންޕީން ވަނީ އެދިފައެވެ.

ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުންނާއި ގާނޫނުގެ ވެރިކަން ކުރިއެރުވުމުގެ ޒިންމާ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމުގެ ޒިންމާ ނަގަން ޖެހޭ ފަރާތުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އެފަދަ މައްސަލަތަކަށް ހައްލު ހޯއްދަވަންވާނެ ކަމަށް އެމްއެންޕީން ބުންޏެވެ.

އެމްއެންޕީގެ ސިޓީގައި ބުނީ ރައްޔިތުންގެ މަޖިލީހުގައި ޝަރީއަތް ނިމެންދެން މީހުން ބަންދުކުރާ މައްސަލައިގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލުރެއްވުމުން، އެކަން ހައްލުކުރެއްވުމަށް މަސައްކަތެއް ކުރެއްވި ވާހަކަ ވިދާޅުނުވާ ކަމަށެވެ. އެގޮތަށް ބަންދުކުރެވިފައިވާ މީހުންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަދި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ބައެއް އެހެން މުއައްސަސާތަކުން މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޕީން ބުންޏެވެ.

ނަމަވެސް މިހާތަނަށް ޝަރީއަތް ނިމެންދެން މީހުން ބަންދުކުރާ މައްސަލައަށް ހައްލު ހޯދިފައިނުވާ ކަމަށާއި ޕްރޮސިކިއުޓާ ޖެނެރަލް އެ މައްސަލައިގައި ނާއުންމީދީ ވާހަކަތަކެއް ދައްކާފައިވުމުން އެނގިގެންދަނީ ބާރުހިނގާ ދައުލަތެއްގެ އިންތިޒާމު، ދާން ނުޖެހޭހާ ދެރަވަރު ހާލަތަކަށް ގޮސްފައިވާކަން ކަމަށް އެމްއެންޕީން ބުންޏެވެ.