Close
ބަޔާން މިއުނިކް

ނާގެލްސްމަން މަގާމުން ދުރުކޮށް، ބަޔާންގެ ކޯޗަކަށް ޓުޗެލް

ޖަރުމަނުގެ ގަދަ ބާރު، ބަޔާން މިއުނިކްގެ ކޯޗުކަމުގައި ހުރި ޖޫލިއަން ނާގެލްސްމަން އެ މަގާމުން ދުރުކޮށް، ތޯމަސް ޓުޗެލްއާ މަގާމު ހަވާލުކޮށްފިއެވެ.

ބަޔާންގެ ކޯޗުކަމުގެ މަގާމާ 2021 ވަނަ އަހަރު ހަވާލުވި އުމުރުން 35 އަހަރުގެ ނާގެލްސްމަން މަގާމުން ވަކިކުރިކަން އިތުބާރު ނޫސްތަކުން ވަނީ ޔަގީންކޮށްދީފައެވެ. އަދި އެމަގާމަށް ކުރިން ޗެލްސީއާއި ޕީއެސްޖީގެ ކޯޗު ޓުޗެލް ގެންދަން ބަޔާނުން ހުރިހާ ކަމެއް ނިންމައި، މިއަދު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށްވެސް ނޫސްތަކުން ބުނެއެވެ.

ނާގެލްސްމަން ބަޔާންއާ ހަވާލުވީ އޭގެ ކުރިން އެ ކްލަބުގެ ކޯޗުކަމުގައި ޓްރެބަލް ކާމިޔާބުކުރި ކޯޗު ހާންސީ ފްލިކް ޖަރުމަނު ގައުމީ ޓީމާ ހަވާލުވުމުންނެވެ. ނާގެލްސްމަން 2021-22 ވަނަ އަހަރު ސީޒަނުގައި ބަޔާންއާއެކު ޖަރުމަނު ލީގު ކާމިޔާބުކުރި ނަމަވެސް، ޗެމްޕިއަންސް ލީގުގައި އޭނާއަށް ކުރިމަތިވީ މާޔޫސްކަމާއެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވިޔަރެއާލް އަތުން ބަޔާން ކަޓައިގެން ދިޔުންވީ ނާގެލްސްމަންއަށް ބޮޑު ޕްރެޝަރަކާ ކުރިމަތިވި ކަމަކަށެވެ.

ބަޔާނުން މިހާތަނަށް މި ސީޒަނުގެ ލީގުގައި ކުޅުނު 25 މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ، ހަތް މެޗުން އެއްވަރުވެފައި އޮތް އިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ ވާދަވެރި ބްރޫޝިއާ ޑޯޓުމަންޑެވެ.

ލީގުގައި ނާގެލްސްމަންއަށް އުނދަގޫތަކާ ކުރިމަތިވި ނަމަވެސް ޗެމްޕިއަންސް ލީގުގައި އެޓީމު އޮތީ ކުއާޓާ ފައިނަލުގައެވެ. ބަޔާން ކުއާޓާއަށް ދިޔައީ ގަދަ 16 ގައި ވަރުގަދަ ޕީއެސްޖީ ބަލިކޮށްފައެވެ.

ބަޔާން ބޯޑުން ނާގެލްސްމަން ވަކިކުރަން ރޭ ނިންމާފައިވާ އިރު، ދެން ކޯޗުކަން ހަވާލުކުރާ ޓުޗެލް މިވަގުތު ހުރީ އެއްވެސް ޓީމެއްގެ ކޯޗުކަމުގައެއް ނޫނެވެ. މި ސީޒަނުގެ ކުރީކޮޅުގައި އޭނާ ޗެލްސީގެ ކޯޗުކަމުން ވަކިކޮށްލާފައިވާ އިރު، އޭގެ ކުރީ ސީޒަނުގައި ޓުޗެލް ވަނީ ޗެލްސީއާއެކު ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް، ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިފައެވެ.

ޗެލްސީގެ ކުރިން ޓުޗެލް ޕީއެސްޖީއަށްވެސް ގިނަ ދުވަސްތަކެއް ވަންދެން ކޯޗުކޮށްދީފައިވާ އިރު، ޖަރުމަނުގެ ޓުޗެލް ވަނީ ޕީއެސްޖީއާއެކުވެސް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައެވެ. އޭގެ އިތުރުން ޕީއެސްޖީއާއެކު ދެފަހަރަށް ޓުޗެލް ލީގު ކާމިޔާބުކޮށްފައިވާ އިރު، އޭނާ ވަނީ ޖަރުމަނު ލީގުގެ ޑޯޓުމަންޑަށްވެސް ކުރިން ކޯޗުކަން ކޮށްދީފައެވެ.

ޓުޗެލް ވަނީ ޑޯޓުމަންޑާއެކު 2017 ވަނަ އަހަރު ޖަރުމަނު ކަޕް ކާމިޔާބުކޮށްފައެވެ.