ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ބަޔާން މިއުނިކުން ރޭ ކުޅުނު މެޗުގައި ވުލްފްސްބާގް ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ބަޔާނުން ރޭގެ މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ޗެމްޕިއަންސް ލީގު ސެމީ ފައިނަލުން ކެޓުމަށްފަހު ބަޔާނުން ފުރަތަމަ މެޗަކަށް ރޭ ނުކުމެފައިވާ އިރު، އެޓީމު ލީގުގެ އެއްވަނައިގައި މިހާރު އޮތީ 33 މެޗުން 86 ޕޮއިންޓާއެކުގައެވެ.

ރޭގެ ބައްޔަކީ ވުލްފްސްބާގަށް ގެއްލުން ބޮޑު ބައްޔެކެެވެ. ތާވަލުގެ 16 ވަނައިގައި 33 މެޗުން 26 ޕޮއިންޓާއެކު އޮތް އިރު، އެއީ ރެލިގޭޝަން ޕްލޭ އޮފަށް ދާނެ ޖާގައެކެވެ. 17 ވަނައިގައި އޮތް ސެއިންޓް ޕައުލީއަށްވެސް 33 މެޗުން 26 ޕޮއިންޓް ލިބިފައިވާ އިރު، ރެލިގޭޝަނުން ސަލާމަތްވާން ވުލްފްސްބާގަށް އަދި ހަމަޖެހިލެވޭކަށް ނެތެވެ. އެންމެފަހު މެޗުގައި ވާދަކުރަން ޖެހިފައި އޮތީ އެ ދެޓީމެވެ.

ފުރަތަމަ ކޮޅުގައި ވުލްފްސްބާގުން ނުރައްކާ ކުރި އިރު، ވިނީޝިއަސް ސޯޒާ ބޮލުން ފޮނުވާލި ހަމަލާ ގޯލަށް ނުވަނީ ބަޔާން ކީޕަރު ޖޯނަސް އާބިގްގެ މޫނުމަތީގައި ބޯޅައިން ޖެހުމުންނެވެ.

އެ ހަމަލާއާއެކު ވުލްފްސްބާގުން ނުރައްކާކުރި ނަމަވެސް ބަޔާނުން ވަނީ މަޑުމަޑުން މެޗުގެ ކޮންޓްރޯލް ނަގައިފައެވެ. ޓޮމް ބިސްޗޮފާއި ލެއޮން ގްރެޓްސްކާގެ ނުރައްކާ ފެނުނު އިރު، 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ހެރީ ކޭން އަތުންވީ ނާކާމިޔާބެވެ.

ފުރަތަމަ ހާފުގައި ގޯލެއް ނުފެނި ނިމިގެން ދިޔަ ނަމަވެސް ދެވަނަ ހާފު ފެށިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި މައިކަލް އޮލީސޭ ވަނީ ބަޔާނަށް ލީޑު ނަގައިދީފައެވެ.

އޮލީސޭގެ ގޯލަކީ އަރިމަތިން ގޮސް، އެތެރެއަށް ކަނޑާލުމަށްފަހު ގޯލްގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.

އެ ގޯލާއެކު ބަޔާން މެޗު ކޮންޓްރޯލް ކޮށް، އިތުރު ގޯލެއް ވަނަ ނުދީ ނިންމާލިއެވެ.