އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންގެ ހެޓްރިކާއެކު ބަޔާން މިއުނިކުން ޖަރުމަނު ކަޕް ކާމިޔާބު ކޮށްފިއެވެ.

މިފަހަރު ލީގުވެސް ކާމިޔާބުކުރި ބަޔާނުން ރޭ ބާލިންގައި ކުޅުނު ފައިނަލުގައި ވީއެފްބީ ސްޓަޓްގާޓް ބަލިކުރީ 3-0 އިންނެވެ. މިފަހަރުގެ ލީގުވެސް ބަޔާނުން ހޯދާފައިވާ އިރު، މިފަހަރު އެޓީމުން ޑޮމެސްޓިކް ދެ ތަށި ނެގީ، ހަ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

ޖަރުމަނު ލީގުގައި ފެނިގެން ދިޔައި ގޯލް ޖެހުމުގެ ރެކޯޑު އެންމެ ރަނގަޅު ދެޓީމުގެ މެދުގައި ރޭ ކުޅެވުނު މެޗުގެ ފުރަތަމަ ހާފު ދިޔާ ހީކުރި ގޮތާ ހިލާފަށެވެ. ހަމަލާތައްވެސް މަދުކޮށެވެ. ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލާ އަމާޒުކޮށް ރަނގަޅު ހަމަލާއެއްވެސް އުފެއްދިފައެއް ނުވެއެވެ.

ދެވަނަ ހާފަށް ނުކުމެ ސްޓަޓްގާޓުން ރަނގަޅު ފެށުމެއް ފެށި ނަމަވެސް، ލީޑު ނެގީ ބަޔާނުންނެވެ. މައިކަލް އޮލީސޭ އަރިމަތިން ނައްޓާލާފައި ވަދެ ނަގައިދިން ބޯލަ ގޯލަށް ވައްދާލީ ހެރީ ކޭންއެވެ. އޭގެ އިރުކޮޅެއް ފަހުން ކޮންރަޑް ލައިމާއަށް ގޯލް ޖަހަން ފުރުސަތެއް ލިބި ބޭކާރުވި އިރު، ބަޔާންގެ ދެވަނަ ގޯލްވެސް ޖެހީ ކޭންއެވެ.

ބަޔާނުން 80 ވަނަ މިނެޓުގައި ދެވަނަ ގޯލް ޖެހި އިރު، ކޭން ހެޓްރިކް ފުރިހަމަ ކުރީ މެޗު ނިމެން ދަނިކޮށެވެ. މިހާތަނަށް މިސީޒަނުގައި ކޭން ވަނީ 61 ގޯލް ޖަހައިފައެވެ.