Close
ޚަބަރު

މަގާމުތަކުގައި ތިބި މީހުން އިސްތިއުފާދޭކަށް ނުޖެހޭނެ، ވަތްކެއްވެސް ނުކުރެވޭނެ: ނަޝީދު

މުހައްމަދު އިޝާން

ސަރުކާރުގެ މަގާމުތަކައި ތިބި އެ މަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން އަމިއްލައަށް އިސްތިއުފާދެއްވަން ނުޖެހޭނެ ކަމަށާއިި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެ މީހުން މަގާމުން ވަކިވެސް ނުކުރެއްވޭނެ ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދުގެ ނުރަސްމީ އެކައުންޓްކަމަށްވާ "އަނެއްދިވެހިރާއްޖެ" އެކައުންޓުން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ މަގާމުތަކަކީ ރައީސް ސޯލިހުގެ ޒާތުފުޅުން ދެއްވާ މަގާމުތަކެއް ނޫން ކަމަށާއި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވީ އެމްޑީޕީން ހުށަހެޅި މީހުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ސަރުކާރު މަގާމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތުފުޅުން ދެއްވާ މަގާމެއް ނޫން. މަގާމުގައި ތިއްބެވީ އެމްޑީޕީން ހުށަހެޅި ބޭފުޅުން. އިސްތިއުފާ ދޭކަށް ނުޖެހޭނެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެ ބޭފުޅުން ވަކިވެސް ނުކުރެވޭނެ." ނަޝީދު ވިދާޅުވިއެވެ.

ސަރުކާރު މަގާމުތަކުގައި ތިބި އެމްޑީޕީ މީހުންނަކީ ވަޒީފާ ގެއްލިދާނެތީ ޒަމީރު ގުރުބާން ކުރާނެ ބައެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހާއި ނަޝީދާ ދެމެދު ހިޔާލުތަފާތުވެ، އެމްޑީޕީގެ ތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދިފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ސަރުކާރުގައި ތިއްބެވި ބައެއް ފަރާތްތައް ނަޝީދަށް ތާއިދުކުރެއްވުމުން، އެ ފަރާތްތައް ވަޒީފާއިން ވަކިކުރެއްވުމަށް ރައީސް ސޯލިހަށް ތާއިދުކުރައްވާ ފެކްޝަނުގެ މެމްބަރުން ވަނީ ގޮވާލައްވައިފައެވެ.

ރިޔާސީ ޕްރައިމަރީއަށްފަހު ނަޝީދަށް ތާއިދުކުރައްވާ މެމްބަރުން ސަރުކާރުގައި ތިއްބަވައިގެން ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ، އެ ފަރާތްތައް ވަކިކުރަން ވަނީ ގޮވާލައްވައިފައެވެ.

ނަޝީދުގެ ނުރަސްމީ އެކައުންޓުން މިރޭ ކުރެއްވި އިތުރު ޓުވީޓެއްގައި ވަނީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރަށް ވެސް ރައްދު ދެއްވައިފައެވެ.

އެމްޑީޕީގެ އައްޑޫ ދާއިރާތަކުގެ މެމްބަރުން ތިއްބަވާ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނިޒާރު ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރެވޭނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދެއްވައިގެން ކަމަށާއި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ނުދެއްވައި އެއާޕޯޓުގެ ވާހަކަ ނަޝީދަށް ނުދެންނެވޭނެ ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ނަޝީދު "ދެ މޫނާއެކު" ދައްކަވާ ވާހަކަތަކަށް އިތުބާރުނުކުރައްވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ އައްޑޫގެ ތަރައްގީއަކީ ރައީސް ސޯލިހަށް ދޭ ފުރުސަތާ ގުޅުވައިގެން ލިބެން ޖެހޭ އެއްޗެއް ނޫން ކަމަށާއި އެގޮތަށް ނިޒާރު ވާހަކަ ދެއްކެވުމުން ހިތާމަ ކުރައްވާ ކަމަށެވެ.