ސްޕެއިންގެ ރެފްރީން ކޮމިޓީގެ ކުރީގެ ނައިބު ރައީސް، ޖޯސޭ މާރިއާ އެންރިކޭޒް ނެގްރޭރާއަށް ބާސެލޯނާއިން ރިޝްވަތު ދިން މައްސަލަ ޔޫއެފާއިން ބަލަން ނިންމައިފިއެވެ.
ސްޕެނިޝް ލަލީގާގެ މެޗުތަކުގެ ނިންމުންތައް ބަދަލުކުރުމަށް ނުފޫޒު ފޯރުވައި، ރެފްރީން ގަތުމަށް ބާސާއިން ހަރަދުކުރި ކަމަށް ބުނާ މައްސަލައިގައި އެކްލަބަށް ވަނީ ދައުވާވެސް އުފުލައިފައެވެ. ބާސާއިން ރެފްރީންނަށް ނުފޫޒު ފޯރުވައި، ކޮރަޕްޝަން ހިންގުމަށް 2001 އިން 2018 ވަނަ އަހަރާ ހަމައަށް ނެގްރޭރާއަށް 7.4 މިލިއަން ޑޮލަރު ދިން ކަމަށް ބުނާ މައުލޫމާތުތަކެއް މީގެ ދެމަހެއް ކުރިން މީޑިއާތަކަށް ލީކުވެފައިވެއެވެ.
ލީކުވި މައުލޫމާތުތަކުގައި ވާގޮތުން، ބާސާއިން ވަނީ އެތައް ފަހަރެއްގެ މަތިން ނެގްރޭރާ އަށާއި އޭނާ ހިއްސާވާ ކުންފުންޏަކަށް ފައިސާ ޖަމާކޮށްފައެވެ.
ބާސެލޯނާގެ ޕަބްލިކް ޕްރޮސެކިއުޓާ އޮފީހުން ބާސާގެ މައްޗަށާއި ކްލަބުގެ ކުރީގެ ދެ ރައީސުން ކަމަށްވާ ޖޯސެފް ބާޓޮމޭއޫ އަދި ސަންޑްރޯ ރޮސެލްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ފައިސާގެ ނުފޫޒު ފޯރުވައި، ކޮރަޕްޝަންގެ އަމަލު ހިންގުމުގެ އިތުރުން ވިޔަފާރީގެ މައުލޫމާތުތައް އޮޅުވާލުމަށެވެ.
އެ މައްސަލައާ ގުޅިގެން ޔޫއެފާއިން ބުނީ އެ އިދާރާގެ އެތިކްސް އަދި ޑިސިޕްލިނަރީގެ ތަހުގީގީ ޓީމަކާ މައްސަލަ ހަވާލުކޮށްފައިވާ ކަމަށާއި ޔޫއެފާގެ ގާނޫނީ އޮނިގަނޑުން ބޭރުން ބާސާއިން އެއްވެސް ކަމެއް ހިންގާފައިވޭތޯ ބަލަމުންދާ ކަމަށެވެ.
ބާސާގެ މައްޗަށް ކޮރަޕްޝަނާއި ވިޔަފާރި ލިޔެކިޔުންތައް އޮޅުވާލުމުގެ ތުހުމަތު ކޮށްފައި ވަނީ ކުރިން ލަލީގާ ރެފްރީންގެ ނައިބަކަށް ހުރި ނެގްރޭރާގެ ކުންފުންޏެއް ކަމަށްވާ ޑަންސިލް 95 އަށް ޖަމާކޮށްފައިވާ ފައިސާތަކެއް ފަޅާއަރައިގެންނެވެ. އެ ފައިސާތައް ބާސާއިން ޑަންސިލް 95 އަށް ޖަހާކޮށްފައިވާ ކަމަށް އަޑު ފެތުރިފައިވަނީ ލީކުވި ޓެކްސް ރެކޯޑުތަކެއްގެ ސަބަބުންނެވެ.
ލީކުވި މައުލޫމާތާއެކު ސްޕެއިންގެ ޕަބްލިކް ޕްރޮސެކިއުޓާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ބާސާއިން ޑެންސިލް 95 އަށް ފައިސާ ޖަމާކުރީ ނެގްރޭރާއާ ސިއްރު އެއްބަސްވުމެއް ހަދައިގެންނެވެ. އެ ފައިސާގެ ސަބަބުން މެޗުތަކަށް ނުފޫޒުފޯރުވަން ނެގްރޭރާ މަސައްކަތް ކުރިކަމުގެ ކޮންމެވެސް ވަރެއްގެ ހެކިތަކެއްވެސް ލިބިފައިވާ ކަމަށް ޕްރޮސެކިއުޓާ އޮފީހުން މައުލޫމާތު ދީފައިވެއެވެ.
އެ ވާހަކަތަކުގެ ދިފާއުގައި ބާސާއިން ބުނީ ޑެންސިލް 95 އަށް ފައިސާ ޖަމާކޮށްފައި ވަނީ ޓެކްނިކަލް މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. އެގޮތުން އެ ކުންފުންޏަކީ އެކްސްޓާނަލީ ބާސާގެ ޓެކްނިކަލް މަސައްކަތްތައް ކޮށްދޭ ކުންފުންޏެއް ކަމަށާއި އެ ކުންފުންޏަކީ އޭރު ބާސާގެ ކޯޗުންނަށް ބޭނުންވާ ވީޑިއޯ އެނަލިސިސްތަކެއް ތައްޔާރު ކުރާ ކުންފުންޏެއް ކަމަށްވެސް ބާސާއިން ބުނެފައިވެއެވެ.
ބާސާއިން ބުނީ ޑެންސިލް 95 އިން އެ ކްލަބަށް ލަލީގާގެ ރެފްރީންގެ ބައެއް ރިޕޯޓުތައް އެނަލައިޒްކޮށްގެންވެސް މައުލޫމާތު ފޯރުކޮށްދިން ކަމަށެވެ.
ބާސާގެ މައްސަލަތަކާއެކު ކްލަބުން ބުނީ އެއީ "ހުސް ދޮގު" ކަމަށާއި އެ ކްލަބަކީ ނަޒާހާތްތެރި ކްލަބެއް ކަމަށެވެ. އަދި ބަޔަކު ކްލަބުގެ އަގުވައްޓާލަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބާސާއިން ބުނެފައިވެއެވެ. ބާސާގެ ކޮރަޕްޝަން މައްސަލައިގައި އެ ކްލަބަށް ފިޔަވަޅު އަޅަން ވާދަވެރި ރެއާލް މެޑްރިޑުންވެސް ވަނީ ގޮވާލައިފައެވެ.