Close
ޚަބަރު

ޕާޓީގެ މެމްބަރުން ވަކިވާ ގޮތަށް އޮތް ގާނޫނު އިސްލާހުނުކުރެއްވީ ރައީސް ސޯލިހު: ހަސަން ލަތީފު

މުހައްމަދު އިޝާން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޕާޓީތަކުގެ މެމްބަރުން ޕާޓީއަށް ވަންނަ ފޯމުގައި ފިންގާ ޕްރިންޓް ޖަހަން ގާނޫނަކުން މަޖުބޫރު ކުރުމުން އެ ގާނޫނު އިސްލާހުނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ސިޔާސީ ޕާޓީއަށް ވަންނަ ފޯމުގައި ފިންގާ ޕްރިންޓް ޖަހަން ޖެހޭގޮތަށް ފާސްކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. އެ މައްސަލައިގައި 2015 ވަނަ އަހަރު އެމްޑީޕީން ކޯޓަށް ހުށަހެޅުމުން ނިންމާފައިވަނީ އެމްޑީޕީއާ ދެކޮޅަށެވެ. އެހެންވެ އެމްޑީޕީން ވަނީ 2016 ވަނަ އަހަރު އެ ޕާޓީގެ މެމްބަރުން ފިންގާ ޕްރިންޓް ޖަހައި ފޯމު ފުރަން ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީގައި އޮތްއިރު އެ ގާނޫނު އިސްލާހު ނުކުރެއްވީ ކީއްވެގެންތޯ "ވަން" އިން ހަސަން ލަތީފާ ރޭ ސުވާލުކުރުމުން އޭނާ ވިދާޅުވީ ރައީސް ސޯލިހު އެކަން ނުކުރެއްވީ ކަމަށާއި މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސް ސޯލިހަށް ކަމަށެވެ.

"މެޖޯރިޓީ ކޮންޓްރޯލުކުރަނީ ރައީސް ސޯލިހު. ރައީސް ސޯލިހުގެ ކައިރީގައި އައްސަވާ. ރައީސް ސޯލިހު އެ ވިދާޅުވަނީ ތިމަންނަގެއޭ އޮތީ މެޖޯރިޓީ. ދެން އެހެންވީމާ ކޮންކަމެއް ކުރެވޭނީ،" ހަސަން ލަތީފު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފެށުމަށް ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާފައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ރައީސް ސޯލިހު ވަނީ އެމްޑީޕީގެ ދަފުތަރުން 39،000 މެމްބަރުން ވަކިކޮށްފައި ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތްކުރައްވަމުން ގެންދަވަނީ އެ މެމްބަރުންގެ ހައްގު ހޯދައިދީ، އެމްޑީޕީ އޭގެ އަސްލަށް ރުޖޫއަ ކުރަން ކަމަށެވެ.

ހަސަން ލަތީފު މީގެ ކުރިން ވިދާޅުވެފައިވަނީ އެމްޑީޕީން އޭރު ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް ނުގެނެވުނީ ޔާމީނަށް މެޖޯރިޓީ އޮތުމުން ކަމަށާއި ނަމަވެސް މިހާރު އެމްޑީޕީގެ އައުލަބިއްޔަތެއް ނުވަތަ ރައީސް ސޯލިހު ވިދާޅުވާ ގޮތުންނަމަ ރައީސް ސޯލިހުގެ އައުލަބިއްޔަތެއް އޮވެ، އެހާ ގިނަ އަދަދެއްގެ މެމްބަރުން ޕާޓީން ވަކިވެގެންދާ އިރު، އެމްޑީޕީން ގަބޫލުކުރި ވިސްނުން ދޫކޮށްލާފައި، އެހެން ވިސްނުމެއްގައި އެ މެމްބަރުން ޕާޓީން ވަކިވާ ގޮތަކަށް އަމަލުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ ފިންގާ ޕްރިންޓް ޖަހަން ޖެހޭތީ އެމްޑީޕީން 2016 ވަނަ އަހަރު ހުށަހެޅި މައްސަލަ މިހާރު ބަދަލު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.